ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ ހަމައެކަނި ހަރުކަށި ފިކުރަށް އަމާޒު ކޮށްގެން ނުވާނެ: އެމްޑީޕީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ތަހުގީގު ދީނީ ހަރުކަށި ފިކުރަށް އެކަނި އަމާޒު ކޮށްގެން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް ވެެރިކަން ކުރާ އެމްޑީޕީން އުފައްދާފައިވާ ކޮމިޓީން މިއަދު ބުނެފިއެވެ.

Ads by MWSC

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލައިގައި އެއްޗެއް ގޮއްވައިލި މައްސަލައިގެ ޖިނާއީ ތަހުގީގު ހިންގަމުން ދާއިރު، ރައްޔިތުންގެ މަޖިލީހުން އަންނަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން އިންކުއަރީއެއް ހިންގަމުންނެވެ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ އެ އިންކުއަރީ ކުރިއަށް ގެންދާ ގޮތް ބެލުމަށް އެމްޑީޕީން ވަނީ "މެއި 6ގެ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް ވެސް އުފައްދައިފައެވެ.

މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ނަޝީދަށް ދިން ހަމަލާ ގުޅެނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކާ ކަމަށް ފުލުހުން ވިދާޅުވެފައި ވީ ނަމަވެސް، އެ މީހުންނަށް އެކަނި އަމާޒުކޮށްގެން ތަހުގީގު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ ފަންޑުކުރި ބަޔަކާއި އެހީތެރިވި މީހުން ވެެސް ހިމެނޭހެން، ހުރިހާ ގޮތަކުން ބަލަންޖެހޭނެ ކަމަށް މެމްބަރު އަފީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަކި ބަޔަކަށް އެކަނި ނެރޯ ޑައުން ކޮށްގެން މިކަން ކުރިއަށް ގެންދެވޭކަށް ނެތް. އަޅުގަނޑުމެން ބަލަން ޖެހޭ މީގެ ތެރޭގައިި ދެން މި އުޅެނީ ކޮން ބައެއްތޯ. ކޮން ބައެއްގެ އިންޓަރެސްޓްގައިތޯ މިކަން މި ކުރެވުުނީ. މި ހުރިހާ ދިމާލަކުން މިކަން ބަލައިގެން އަޅުގަނޑުމެންނަށް މިފަދަ ކަންތައްތަކުގެ އެންމެ އަޑިއަށް ދެވޭނީ،" ވިލުފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އަފީފު އިތުރަށް ވިދާޅުވީ އެ ކޮމިޓީއަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އައްޔަން ކުރާނީ ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއްގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ads by Allied Insurance
  1. ބޯކިބާފ

    ބަގާވާތޭކިޔައިގެން ޖެހި ސަކަރާތް އަނެއްކާވެސް ތަކުރާރު ކުރަނީތޯ؟ މިއީ ސާފު މައްސަލައެއް. ބަލަންވީ މިކަން ކުރި މީހުންގެ ސިނކުޑިއަށް މިބާވަތުގެ ކަންކަން ވެއްދުމަށް މަސައްކަތްކުރާ މީހުން ދެނެގަތުން. އެއީ އަންދަލުސް ސޭހުތޯ އަލީ ރަމީޒުތޯ ސަލަފިއްޔާތޯ. ސިޔާސީ ކަމަކާ މިކަން ގުޅުވުމަކީ ނަޝީދު ބޭނުންވާނެ ގޮތްކަމާމެދު ސައްކެތް ނެތެވެ. ގައުމުގެ ހަމަޖެހުން ނަގާލާނެ ގޮތެއް ފެނޭތޯ ބެލުމެވެ.