ޚަބަރު

ޕާމިޓާ ނުލައި ބޭރުގައި ނޫޅެވޭ ގޮތަށް ތިނަދޫގައި ފިޔަވަޅުތައް ހަރުކަށިކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކާފިއު ނޫން ވަގުތުތަކުގައި ވެސް ޕާމިޓަކާ ނުލައި ބޭރުގައި ނޫޅެވޭ ގޮތަށް ހަދައި ގދ.ތިނަދޫގައި އަަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ.

Ads by Sosun Fihaara

ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް ފުލުހުން ކަނޑައަޅައި ގޮތެއްގެ މަތިން ކޮންމެ ގޭބީސީއަކަށް 2 ޕާމިޓު ދޫކުރެވޭނެ ކަމަށެވެ. އަދި އެ ފާސްތައް ބޭނުން ކުރެވޭނީ ދެ ދަންފަޅިއަކަށް ބަހަައިލައިގެން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އެގޮތުން ހެނދުނު 8 އިން 12އަށް އެއް ދަންފަަޅި އަދި 12 އިން ހަވީރު 4އަށް އަނެއް ދަންފަޅި ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުުރުން އެ ރަށުގެ ސަރުކާރު މުއައްސަސާތަކާއި، ކުންފުނިތަކާއި އަދި އާއްމު ޚިދުމަތް ދޭ ތަންތަނުން ކޮންމެހެން ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންގެ މައުލޫމާތު ތިނަދޫ އީއޯސީއަށް މެއިލު ކުރަން ވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ތިނަދޫގައި ސައި ހޮޓާ، ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ދިނުން ހުއްޓައިލުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 8އިން ރޭގަނޑު 10އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައި ވަނީ އެކަނި ހުރެ ކުރާ ކަސްރަތު ކުރުމަށް ފަތިހު 5:30އިން ހެނދުނު 7:00އަށް ފުރުސަތު ހުޅުވައިލެވިފައިވާނެ ކަމަށެވެ.

ފިހާރަތަކާއި ހިދުމަތް ފޯރުކޮށްދިނުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ތެރެއިން އެޅިފައިވާ ގަވާއިދުތަކާއި ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތަކުން ފުރަތަމަ ފަހަރަށް ނަޞޭޙަތް ދިން ނަމަވެސް، ދެވަނަ ފަހަރު އެކަން ތަކުރާރު ވެއްޖެނަމަ، 2000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ތިންވަނަ ފަހަރަށް ޚިލާފް ވެއްޖެނަމަ، ވިޔަފާރި ހުއްދަ 24 ގަޑިއިރަށް ހިފެހެއްޓުން އަދި އިތުރަށް މިކަންތައް ތަކުރާރު ކުރެވިއްޖެއް ނަމަ ކޮންމެ ފަހަރަކު ވިޔަފާރި ހުއްދަ 07 ދުވަހަށް ހިފަހައްޓާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!