ޚަބަރު

ރުގްޔާކުރުން ރެގިއުލޭޓް ކުރަން މަސައްކަތް ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރުގްޔާ ކުރުމުގެ ނަމުގައި މީހުންނަށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެކަން ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ އިދާރާތަކާ އެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން މަޝްވަރާ ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ރުގްޔާ ކުރުމުގެ ނަމުގައި ބައެއް މީހުން ނާޖާއިޒު ފައިދާ ނަގަމުންދާ މައްސަލަ އިތުރުވަމުންދާތީ އެކަން ރެގިއުލޭޓް ކުރުމަށް އެކޮމިޝަނުން މިއަދު ވަނީ ކޭސް ކޮންފަރެންސެއް ބާއްވައި ޖެންޑާ މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ އަދި ފުލުހުންނާ އެކު ވަނީ މަޝްވަރާކޮށްފައެވެ.

ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމަށް ނިންމީ، ރެގިއުލޭޓް ކުރުމުގެ ސަބަބުން ރުގްޔާ ކުރުމުގެ ނަމުގައި އަނިޔާ އާއި އިޖްތިމާއީ ކުށްތައް ކުރާ މިންވަރު ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އޮންލައިން މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މެމްބަރު އައިމިނަތު ޝިފާތު އަބްދުއްރައްޒާގު ވިދާޅުވީ ރުގްޔާގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް އަނިޔާ ދޭ މައްސަލަތައް އެޗްއާރްސީއެމަށް ހުށައަޅާފައިވާ ކަމަށެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އާއިލާއެއް ރަހީނުކޮށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ދިން މައްސަލައެއް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ ފެންމަތިވެފައެވެ. އަދި އެމައްސަލައިގައި ވަނީ ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ.

ރުގްޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއްކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. އެ ހާދިސާގައި އަންހެން މީހާއާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ގައިގެ ތެރެއަށް ވަނީ ޖިންނި ވަދެފައިވާކަމަށް ބުނެ އެ ދެ މައިންނަކީ ޖިންނީން ކަމަށް، ދެން ތިބި ދެ ކުދިންނަށް ކިޔައިދީ، އެ ކުދިންނަށް ވެސް ނަފްސާނީ އަނިޔާ ދިން ކަމަށް އާއިލާއިން ވަނީ ބުނެފައެވެެ. އަދި ޖިންނިއަށް އަނިޔާކުރުމުގެ ނަމުގައި އަންހެން މީހާއާއި ދަރިފުޅުގެ ގައިގައި އެކި އެއްޗެހިން ތަޅައި އަނިޔާކުރުމާއި ކާން ނުދީ ބަނޑަށް ބޭތިއްބުމާއި އަޅުން ގޮތަށް ގެންގުޅުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!