Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވީޑިއޯ ކޮންފަރެންސްތަކުގައި ރައީސް ޔާމީން ބައިވެރިއެއްނުވޭ: ޕީޕީއެމް

ވީޑިއޯ ކޮންފަރެންސްތަކުގައި ރައީސް ޔާމީން ބައިވެރިއެއްނުވޭ: ޕީޕީއެމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ލީޑަޝިޕް އަދި ކައުންސިލް ބައްދަލުވުންތަކުގައި އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ ފެތުރި ޚަބަރު އެ ޕާޓީން ދޮގުކޮށްފިއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ވީޑިއޯ ކޮންފަރަންސް ތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމާއި، ލީޑަޝިޕް އަދި ކައުންސިލު ގްރޫޕްތަކުގައި ވާހަކަފުޅު ދައްކަވާކަމަށް ބުނެ ރާއްޖެއެމްވީގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ވަރަކަށް ކަމުގެ މަޢުލޫމާތު ސާފުކުރުމެއް ނެތި، ފަތުރައިފައިވާ ދޮގު ހަބަރެއް ކަމަށެވެ.

ރާއްޖެއެމްވީގައި ޝާއިއުކުރި އެ ހަބަރަކީ ނޫސްވެރިކަމުގެ އުސޫލުތަކާއި އަޚްލާޤީ މިންގަނޑުތަކުގެ ބޭރުން އަދި ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް އުފަން ކުރުވައިފައިވާ ދޮގު ޚަބަރެއްކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޚަބަރުގައި ރައީސް ޔާމީން ވީޑިއޯ ކޮންފަރަންސް ތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމާއި، ލީޑަޝިޕް އަދި ކައުންސިލު ގްރޫޕްތަކުގައި ވާހަކަފުޅު ދައްކަވާ ކަމަށް ބުނެފައިވާއިރު، ޕާޓީގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ރައީސް ޔާމީން މިހާތަނަށް ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ވެސް ޕާޓީން ޢަމަލުކޮށްފައި ވަނީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި އެއްވެސް ބޭފުޅަކަށް ނުފޫޒު ފޯރުވައިގެން ކަމެއް ޙާސިލު ކުރައްވަން މަސައްކަތް ކުރައްވާފައި ނުވާކަމަށް ވެސް އިދިކޮޅު ޕީޕީއެމްއިން ބުނެފައިވެއެވެ.

"އެހެން ކަމުން ރާއްޖެ.އެމްވީގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަދުނާމުކޮށް ޝާއިޢުކޮށްފައިވާ ދޮގު ޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މި ދޮގު ޚަބަރާ ގުޅިގެން މިފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް ފަދަ ދައުލަތުގެ މުއައްސަސާތަކުން މިކަން ބައްލަވައި ފިޔަވަޅު އެޅުއްވުމަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

'"ނަމުގައި ޖަލު ހުކުމް، ކަމުން ފިނިކޮޓަރީގައި ސިޔާސީ ހަރަކާތް ހިންގަވަނީ'' މިނަމުގައި ރާއްޖެއެމްވީގައި މިރޭ ޝާއިއުކޮށްފައިވާ ހަބަރުގައި ރައީސް ޔާމީން ގޭ ބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތް ފައްޓަވައިފައިކަމަށް ބުނެފައިވެއެވެ. އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މަގާމަށް މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ހޮވީ ވޯޓަށް ރައީސް ޔާމީން ނުފޫޒު ފޯރުވައިގެން ކަމަށާއި، ލީޑަޝިޕް ގުރޫޕްތަކާއި ކައުންސިލް ގުރޫފްތަކުގައި ވާހަކަދައްކަވާފައިވާ ކަމަށް ވެސް އެހަބަރުގައި ވަނީ ބުނެފައެވެ. ނަމަވެސް ނަރީޝް އެ މަގާމަށް އައިސްފައި ވަނީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކޮށް މިއަދު އޮތް ރަސްމީ އިންތިޚާބު ކާމިޔާބުކޮށްގެންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް