ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ބަންދު
ކޮވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރަން ހަމަޖައްސާފައިވާ މުއްދަތު، މި މަހުގެ 29އާ ހަމައަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިތުރު ކުރައްވައިފިއެވެ.
ކޮވިޑް-19އިން ރައްކާތެރިވާން އެޗްޕީއޭއިން މުޅި ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާ ގުޅިގެން މާލެ ސަރަައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު ޖޫން މަހުގެ 29 ވަނަ ދުވަހުގެ ގެ ނިޔަލަށް އިތުރުކޮށްފައިވާއިރު، ސަރުކާރު އޮފީސްތައް ބަންދުކޮށް، ގޭގައި މަސައްކަތް ކުރަން ކުރިން އަންގައިފައިވާ އެންގުމުގެ މުއްދަތު ހަމަވީ މިއަދަށެވެ. އެހެންކަމުން އެ މުއްދަތު އަނެއްކާ ވެސް އެއް ހަފްތާއަށް މިހާރު ވަނީ އިތުރު ކޮށްފައެވެ.
ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް ޞާލިޙް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މިދިޔަ މަހު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެއާ އެކު މަޑުމަޑުން ހާލަތު ރަނގަޅުވެ ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ އައު ވޭދަނަތައް މިިހާރު ވަނީ 200އިން ދަށަށް ގޮސްފައެވެ. އަދި މާލެ ސަރަހައްދުން ރިޕޯޓްކުރާ ވޭދަނަތައް މިހާރު އުޅެނީ 100އިން ދަށުގައެވެ.
ހާލަތު ރަނގަޅުވާން ފެށުމުން މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދީފައެވެ. އަދި ކޮވިޑް-19އަށް ފައްސި ވޭދަނަތައް މަދުވާން ފެށުމާ އެކު މަގުމަތީގެ އެކި ހިސާބުތަކުން ރެންޑަމް ސާމްޕަލްތައް ވެސް ވަނީ އަލުން ނަގަން ފަށައިފައެވެ.