Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރަހީނުކޮށް މަރައިލި ކުއްޖާ މީގެ ކުރިން ވެސް ރަހީނުކޮށްފައިވާ ކަމަށް މަންމަ ގާތު ބުނި: އާއިލާ

ރަހީނުކޮށް މަރައިލި ކުއްޖާ މީގެ ކުރިން ވެސް ރަހީނުކޮށްފައިވާ ކަމަށް މަންމަ ގާތު ބުނި: އާއިލާ

ރަހީނު ކުރުމަށް ފަހު މަރައިލައި އަދި ފޮއްޓަކަށްލައި އެއްލައިލައިފައި އޮއްވާ ރޭ ދަންވަރު ފެނުނު ކުއްޖާ މީގެ ކުރިން ވެސް ރަހީނުކޮށްފައިވާ ކަމަށް އެކުއްޖާގެ މަންމަ ގާތުގައި ބުނެފައިވާކަމަށް އެކުއްޖާގެ އާއިލާއިން ބުނެފިއެވެ.

"ދެން"އަށް މައުލޫމާތު ދެމުން ކުއްޖާގެ ބައްޕަ ފަރާތު ބޮޑުދައިތަ ނަޝީދާ ވަހީދު ބުނީ އެ ކުއްޖާ ކުރިން ވެސް ގެއްލުނު ކަމަށާއި އެ ފަހަރު އައިސް އެ ކުއްޖާގެ މަންމަ ގާތުގައި "މޫނު އަޅައިގެން" ތިބި ދެމީހުން ވެގެން އެކުއްޖާ ގެންގޮސް ހައްޔަރުކޮށްފައި ބެހެއްޓީކަމަށް ބުނެފައިވާ ކަމަށެވެ.

"ކުރިން ވެސް ގެއްލުނު. އެ ފަހަރު އައިސް މަންމަ ގާތު ބުނި ކަމަށްވޭ މޫނު އަޅައިގެން ތިބި ދެމީހުން އޭނާ ގެންގޮސް ހައްޔަރު ކޮށްފަ ބެހެއްޓީކަމަށް. އޭގެ ދެތިން ދުވަސް ފަހުން މިފަހަރު މި ގެއްލުނީ. ދެން މި ފެނުނީ މިހެންވެފަ އޮއްވާ" ރޮވިފައި ހުރެ ނަޝީދާ ކިޔައިދިނެވެ.

Advertisement
Ooredoo — Square (box)

މިފަހަރު ގެއްލުމުން ކުއްޖާގެ މަންމައަށް ޚަބަރު ލިބުނީ ކުއްޖާ ހުރީ ރަހީނުކޮށްފަައި ހުރިކަމަށް ކަމަށާއި އެއާއެކު ޕޮލިހަށް މަައްސަލަ ހުށައެޅިކަމަށް ނަޝީދާ ބުންޏެވެ.

އިތުރު މައުލޫމާތެއް ނޭނގޭ ކަމަށާއި އެކުއްޖާ މާލޭގައި ދިރިއުޅޭތީ ކުއްޖާއާ ދިމާނުވާކަމަށް ވެސް ނަޝީދާ ބުންޏެވެ.

"ކުއްޖާ ގެއްލުނުކަން ވެސް އަޅުގަނޑަށް މިއެނގުނީ މިއަދު. ކޮއްކޮ(ކުއްޖާގެ ބައްޕަ)އަށް ވެސް ނޭނގޭ. މަހަށް ގޮސްވީ. ރޭންޖެއް ވެސް ނުލިބޭ. ކުއްޖާގެ މަންމަ އަހަރުމެންނާ މާބޮޑު ގުޅުމެއް ނުބާއްވާ" ހިތާމައިން ފުރިފައި ހުރެ ނަޝީދާ ބުންޏެވެ.

ނަޝީދާ ބުނިގޮތުގައި ކުއްޖާގެ ބައްޕައާއި މަންމަގެ ކައިވެނި ރޫޅުނު ފަހުން ކުއްޖާގެ ބައްޕަގެ ފަރާތު އާއިލާއާއި އެކުއްޖާއާ މާބޮޑު ގުޅުމެއް ނޯވެއެވެ، އެހެން ނަމަވެސް މާލެ ދާ ކޮންމެ ފަހަރަކު އެކުއްޖާއާ ދިމާވެއެވެ.

“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރައިލައިފައި އޮއްވާ ފެނިފައި ވަނީ ރާއިޝް އަންވަރު ނަމަކަށް ކިޔާ ކުއްޖެކެވެ. އަދި ރާއިޝްގެ ހަށިގަނޑުގައި އަނިޔާ ކޮށްފައިވާކަމުގެ ނިޝާންތައް ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޯސްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަން ވަނީ ނިންމައިފައެވެ. އަދި މިއަދުގެ ވަގުތެއްގައި ހަށިގަނޑު އިންޑިއާއަށް ގެންދަން ފުލުހުން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ލޯތްބާއި، އަޅާލުމާ އެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވައިލުމަކީ މުޅި ޤައުމު ކަރުނަ އަޅަން ޖެހޭވަރުގެ ކަމެއް ކަމަށް ވިދާޅުވެ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވެސް ވަނީ އެކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ. އަދި މިކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް