ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހި 27 ޕަސެންޓް މީހުން އެބަ ތިބި: އެޗްއީއޯސީ
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހި 27 ޕަސެންޓް މީހުން އެބަތިބި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒަށް މުއްދަތު ހަމަވެ ވެކްސިން ނުޖެހި ތިބި މީހުންގެ ޕަސެންޓޭޖަކީ 27 ޕަސެންޓް ކަމަށެވެ.
ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 184،212އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 315،397އަށް އަރައިފައެވެ.
އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 41 މީހަކު ޖަހައިފައިވާއިރު މާލެ ސަރަހައްދުން 74 މީހަކު ވެކްސިން ޖަހައިފައިވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުން 592 މީހުންނާއި، މާލެ ސަރަހައްދުން 247 މީހުން ފުރިހަމަކޮށްފައި ވެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ. އެ ވެކްސިންގެ 312،000 ޑޯޒް ވެކްސިން ރާއްޖެއަށް ލިބުނެވެ. އިންޑިއާގެ ހާލަތު ގޯސްވެ ކޮވިޝީލްޑް ވެކްސިން ލިބުން ވަނީ ހުއްޓިފައެވެ. އެ ވެކްސިންގެ ސްޓޮކް ހުސްވެ ދެވަނަ ޑޯޒް ނުޖެހި 100،000 ވުރެ ގިނަ މީހުން އެބަތިއްބެވެ.