ޚަބަރު

ހާލަތު ގޯސްވާ ނަމަ 40 އިންސައްތަ މުވައްޒަފުން ކޮވިޑަށް ހާއްސަކުރާނަން: މިނިސްޓަރު ނަސީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ ހާލަތު ގޯސްވާ ނަމަ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 40 އިންސައްތަ މުވައްޒަފުން ކޮވިޑަށް ހާއްސަ ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ނަސީމް ވަނީ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ލިޔުމުން ޖަވާބު ހޯދަން ބޭނުންވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވާ، މިއަދުގެ މަޖިލިސް ޖަލްސާގައި އެ ޖަވާބު އިއްވައިފައެވެ. އެގޮތުން މެމްބަރު ހައިތަމް ސުވާލު ކުރައްވައިފައި ވަނީ ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅު ބައްޔަށް ފަރުވާ ދެވޭނެ ސިއްހީ ދާއިރާގެ ޕްރޮފެޝަނަލް މީހުން އެކަށީގެންވާ ވަރަށް އެބަތިބިތޯއެވެ. އަދި އެކަށީގެންވާ ވަރަށް އޮކްސިޖަން އެބަ ހުރިތޯ ވެސް ހައިތަމް ސުވާލު ކުރައްވާފައިވެއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އާންމު ފަރުވާއާއި ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި 2460 މުވައްޒަފުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި ހާލަތު އިތުރަށް ގޯސްވާ ނަމަ ހެލްތު ފޯސްގެ 40 އިންސައްތަ ކޮވިޑަށް ހާއްސަކޮށް އެހެން ފަރުވާތައް ޑައުންގްރޭޑް ކުރެވޭނެ ކަމަށެވެ.

"އަތޮޅުތަކުގައި ކޮވިޑް ކޭސްތައް ފެތުރެމުން ދިޔަ ނަމަވެސް ރަށު ފެންވަރުގައި މެނޭޖް ކުރެވޭ ކޭސްތައް އެ ރަށެއްގެ ކޭސް ވޯކަރުން ބޭނުންކޮށްގެން ފަރުވާ ދެމުންދޭ. އަދި ރަށު ފެންވަރުގަައި ފަރުވާ ނުދެވޭ ހާލަތުގައި ސަރަހައްދީ ކޮވިޑް ފެސިލިޓީއަށް އަދި މާލެ ސަރަހައްދަށް ބަލި މީހާ ބަދަލުކުރަން ވެސް އަންގަން" މިނިސްޓަރު ނަސީމް ވިދާލުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ހާލަތު މެނޭޖްކުރަން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 214، އައިޖީއެމްއެޗްގައި 98 އަދި ހުޅުމާލެ ހޮސްޕިޓަލްގައި 262 ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!