ހިޔާ ފްލެޓްތަކުގެ އެގްރީމެންޓުގައި ސޮއިކުރާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ: އެޗްޑީސީ
ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ވެރި ފަރާތަށް ތަޅުދަނޑި ހަވާލުކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާ އެކު އެގްރީމެންޓްތަކުގައި ސޮއިކުރުން އަންނަމަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސުހައިލް ވިދާޅުވީ އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުރަވީ ސްކޫލުގެ ހޯލުގައި ކަމަށާއި އެ ސްކޫލުގައި 25 މޭޒު ޖަހަައިގެން އެއްފަހަރާ 25 ބޭފުޅުންނަށް ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
“"އަޅުގަނޑުމެން ރާވައިފައި ވަނީ ހުރަވީ ސްކޫލުގެ ހޯލު މިކަން ކުރުމަށް ބޭނުންކުރާ ގޮތަށް. އެތަނުގައި 25 މޭޒު ޖަހަައިގެން އެއް ފަހަރާ 25 ބޭފުޅުންނަށް ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްގެންދެވޭ ގޮތަށް. މި ޕްރޮސެސްއަށް އަޅުގަނޑުމެން މި ބަލަނީ 25 މޭޒު ބަހައްޓައިގެން ދުވާލަކު 300އާއި 350 އާ ދެމެދުގެ ބޭފުޅުންނަށް ފްލެޓް ޙަވާލުކުރެވޭނެކަމަށް މި ބަލަނީ” ސުހައިލް ވިދާޅުވިއެވެ.
މީގެ އިތުރުން ސުހައިލް ވިދާޅުވީ، ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، އެ ފަރާތެއްގެ އެޕާޓްމަންޓް ދައްކައިލުމުގެ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ރާވައިފައިވާ ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ މަހު ކުއްޔެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 8500 ރުފިޔާއެވެ. މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ އެ އަގު ކުޑަކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން އެދިވަޑައިގަންނަވައިފައެވެ.