މިވަގުތު ކުރެވޭ އިންވެސްޓުމަންޓްތަކުގެ ފައިދާ ފަހުން މާ ބޮޑުވާނެ: އަމީރު

ރާއްޖޭގެ އިޤްތިޞާދު ކޯވިޑްގެ ކުރިން އޮތް ހާލަތަށް އިޔާދަ ވެގެންދާއިރު މިވަގުތު ކުރެވޭ އިންވެސްޓުމެންޓުތަކުގެ ފައިދާ ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެނާޖީ އިންވެސްޓާސް ފޯރަމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މިއީ ޢިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި އިންވެސްޓު ކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިޤްތިޞާދު އިޔާދަވެގެން ދާއިރު ހަލުވިކަމާ އެކު އިގްތިޞާދު ކުރިއަރައި، އެންމެ ފުރިހަމަ ގޮތުގައި ފައިދާ ލިބިގެންދާނެ ކަމަށެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި މިއީ އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތެއް. މިއީ އިންވެސްޓު ކުރަން އޮތް ރަނުގެ ފުރުސަތެއް. އޭރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިޤްތިޞާދު އިޔާދަ ވެގެން ދާއިރު އަޅުގަނޑުމެންނަށް ޢިޤްތިޞާދު ހަލުވިކަމާ އެކު ކުރިއަރުވައި، އެންމެ ފުރިހަމަ ގޮތުގައި ފައިދާ ލިބޭނެ “ އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އަދި އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން މިހާރު ވެސް އެކި ދާއިރާތަކުން ބޮޑެތި ޚަރަދުތައް ކުރަމުންދާކަމަށެވެ.