ޚަބަރު

މީޑިއާތަކަށް ބިރު ނުދެއްކުމަށް މީޑިއާ ކައުންސިލުން ގޮވައިލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީޑީިއާތައް ޖޫރިމަނާކޮށް، ފިޔަވަޅު އެޅުމުގެ ބާރު ޖެންޑާ މިނިސްޓްރީއަށް ލިބިގެން ނުވާ ކަމަށާއި އެއީ މީޑިއާ ކައުންސިލަށް އޮންނަ ބާރެއް ކަމަށާއި މީޑިއާތަކަށް ބިރު ނުދެއްކުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

Ads by Sosun Fihaara

ރަހީނުކޮށް، މަރައިލައިފައި އޮއްވާ އަންގާރަ ދުވަހުގެ ރޭ ދަންވަރު ފެނުނު 13 އަހަރުގެ ކުއްޖާގެ ޚަބަރުތައް ރިޕޯޓު ކުރި ގޮތަކުން ކަމަށް ބުނެ އޮންލައިން ނޫސް "އަވަސް" ވަނީ 2000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި ކުޑަކުއްޖާގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ފަތުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު “ވަން އޮންލައިން"، "އަދަދު" އަދި "ވަގުތު" ނޫހަށް ވަނީ ދީފައެވެ.

މިކަމާ ގުޅިގެން މިޑީއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލައިފައިވާ މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާކަމުގެ މައުލޫމާތު އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން، މީޑިއާގައި ޝާއިޢުކުރާ ޝާއިޢުކުރުންތަކުގެ މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިސާސް ލިބިގެން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމުގައިވީ ހިނދު، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާ ކުރުމަކީ، މީޑިއާ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެހެންކަމުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވައިލުމުގެ ބާރު ލިބިދީފައި ވަނީ މީޑިއާ ކައުންސިލަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ އުސޫލުގެ ތެރެއިން ޤާނޫނު ނަންބަރު 19/2017 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު)ގެ 33 ވަނަ މާއްދާއާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، މީޑިއާ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭ ކަމުގައި ވެސް ބަޔާނުގައި ވެއެވެ.

" ހަމަ އެހެންމެ، މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައި ވެސް މި ކައުންސިލުން ނުދެކެމެވެ. އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބު ދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި
ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުން ދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެކެވެ." މީޑީއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ 13 އަހަރުގެ ކުއްޖާގެ ހާދިސާއާ ގުޅިގެން އެ ކައުންސިލުން މޮނިޓަރކުރަމުން ގެންދިޔަ ޚަބަރުތަކުގައި ހިމެނޭ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ނިންމައި މިހާރު އެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެސެސްމަންޓް ހަދަން ނިންމާފައިވާކަމުގެ މައުލޫމާތު މިހާރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ
ކޮމިޓީއަށާއި، ޗިލްޑްރަންސް އޮމްޑްސްޕަރސަންގެ އޮފީހާ ވެސް ހިއްސާ ކޮށްފައިވާނެ ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by HDC
  1. ސިޔާނާ

    ރައީސް އިބޫގެ ސަރުކާރުން މިއޮތީ ކުޑަކުދިންގެ ކަންތައްތަކުގަ ފޭލްވެފަ. އެކަން މަތިޖަހަން މީޑިޔާތަކަށް މި ފިޔަވަޅު އަޅަނީ. ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ އިސްތިއުފާ. މިކަންކަން އިސްލާހު ނުކުރަންޔާ ރައީސް އިބޫ ދެންއަންނަ ދައުރަކަށް ނުހޮވާނަން.