މާމެންދޫ މޮނީޓަރިންގެ ހާލަތުން ނަގައިފި

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މޮނީޓަރިންގަށް ލީ ލ. މާމެންދޫ މިއަދު އާންމު ހާލަތަށް ގެނެސްފިއެވެ.
މާމެންދޫ މޮނީޓަރިންގެ ހާލަތުން ނަގާފައިވާކަން އެ ރަށު ސިއްޙީ މަރުކަޒުން ވަނީ އިއުލާނު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މާމެންދޫ އާންމު ހާލަތަށް ރުޖޫޢަވެފައި މިވަނީ އެ ރަށުން ކޮވިޑް-19އަށް ފައްސި ވޭދަނައެއް ނުފެންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
އެ ރަށް މޮނީޓަރިންގެ ހާލަތުން ނަގައިފައިވީ ނަމަވެސް ލ. އަތޮޅުގެ އެހެން ރަށްތަކުން އަދިވެސް ދަނީ ކޮވިޑް ވޭދަނަތައް ދަނީ ފެންނަމުންނެވެ.
އެގޮތުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުން މިއަދު އާންމު ކޮށްފައިވާ ކޮވިޑް-19 ގެ އަދާހަމައަށް ބަލާއިރު، އެ އަތޮޅު އިސްދޫން އެކަކު، ފޮނަދޫން ވެސް އެކަކު އަދި މާވަށުން އިތުރު ތިން މީހުން މި ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އެ އަތޮޅުގެ އެހެން އެއްވެސް ރަށަކުން މި ބަލީގެ އައު ވޭދަނައެއް ފެނިފައެއް ނުވެއެވެ.