ކޮވިޑް-19ގެ ވޭދަނަތައް ގިނަވެ ދުވާފަރު ފުރަބަންދު ކޮށްފި
ކޮވިޑް-19ގެ ވޭދަނަތައް ގިނަވުމުގެ ސަބަބުން ރ.ދުވާފަރުގައި ފުރަބަންދު އިއުލާން ކޮށްފިއެވެ.
ދުވާފަރު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 27 ޖޫންއިން ފެށިގެން 7 ދުވަހުގެ މުއްދަތަށް މުޅި ދުވާފަރުގައި 24 ގަޑިއިރަށް ކާފިއު އިއުލާންކޮށް ފުރަބަންދުކުރަން ނިންމައިފައިވާ ކަމަށެވެ. އަދި މި ފިޔަވަޅަކީ ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ކުޑަކޮށް ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި މި ވަގުތު އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެ އިޢުލާނުގައި ބުނެފައި ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލި ފެތުރިފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަންކަން ދެނެގަނެ ކޮވިޑް-19 ނައްތައިލުމަށް ޓަކައި މުހިންމު މަސައްކަތްތަކެއް މި 7 ދުވަހުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށާއި ރަށުގެ ހުރިހައި ގެއަކުން ވެސް ވަކި ތަރުތީބެއް ނެތި ސުންކު ނެގުމަށް ނިންމައިފައިވާ ކަމަށެވެ.
މި މުއްދަތުގައި އެ ރަށުގައި ކޮންމެ ގެއަކަަށް ވެސް ވިޔަފާރި ކުރުމަށް ބޭރަށް ދިއުމަށް އެއް ފާސް ދޫކުރަން ނިންމައިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އެ ފާސް ބޭނުން ކުރެވޭނީ ހެނދުނު 8އިން މެންދުރު 12އަށެވެ.
މިކަމާ ގުޅިގެން “ދެން”އާ ވާހަކަ ދައްކަވަމުން ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އާމިރު އަހްމަދު ވިދާޅުވީ މި ދުވަސްވަރު އަލާމާތްތައް ފެންނާތީ ވެސް ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން ދެމީހަކު މިހާރު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުގައި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ސުންކެއް ކޮވިޑަށް ފައްސިވެ އޭނާއާ ގާތުން އެއްތާވި ބަޔަކު ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަަށާއި ގާތުން އެއްތާވި މީހުން ދެނެގަތުމުގައި ވެސް ދަތިތަކެއް ހުރިކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އެ ރަަށުން މިހާތަނަށް 70 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު 200އެއްހައި ސުންކު ވަކި ތަރުތީބެއް ނެތި ނެގިފައިވެއެވެ.
އެ ރަށުން ކޮވިޑްގެ ފައްސި ވޭދަނައެއް ފެނުނީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. ފައްސިވީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ.