އެމްޑީޕީ އުފަންވުމާއެކުވެސް ސިޔާސީ ބޭނުމަށް ދީނާ ދެކޮޅު ޓެގު އެޅުވި: ޝިފާޒް

އެމްޑީޕީ އުފަންވުމާ އެކު ވެސް އޭރުގެ ވެރިކަމުގައި ތިބި ފަރާތްތަކުން ސިޔާސީ ބޭނުމަށް ޓަކައި ޕާޓީގެ ދީނާ ދުރު ޓެގު އޮތީ އަޅުވައިފައި ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ އެމްޑީޕީ އުފަންވުމާ އެކު ވެސް ސިޔާސީ ބޭނުމަށް ޓަކައި އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ ޕާޓީއަކީ ދީނާ ދުރު ޕާޓީއެއްކަމުގެ ޓެގް އަޅުވައި "އަންޑާގްރައުންޑް" ކެމްޕޭނެއް ކުރިއަށް ގެންދިޔަ ކަމަށެވެ. ޝިފާޒް ވިދާޅުވިގޮތުގައި މި ކެމްޕޭނުގައި އެ ބޭފުޅުންގެ ވާހަކައަށް ތާއީދު ނުކުރާ ކޮންމެ މީހަކީ އެއީ ދީނާ ދެކޮޅު މީހެއްކަމަށް ނިންމައި އެމީހެއްގެ ލޭ ހުއްދަ ކުރާކަމަށެވެ.
"އެބޭފުޅުންގެ ވާހަކައަށް ތާއީދު ނުކޮށްފިނަމަ އެ ވީ ދީނާ ދެކޮޅު. ޔާމީން ވެސް ރިލްވާނު ވެސް ޑރ އަފްރާޝީމް ވެސް އަދި އެތައް ބައެއް ވެސް." ޝިފާޒް ވިދާޅުވިއެވެ.
މި ކެމްޕޭނުގެ ސަބަބުން އެމްޑީޕީގެ މިދިޔަ 16 އަހަރު ކުރި މަސައްކަތް އަލުން ކުރަންވެފައިވާ ކަމަށާއި ރައީސް ނަޝީދަށް ދިން ހަމަލާގެ ސަބަބުން ކަންބޮޑުވާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. ސިޔާސީ ބޭނުމަކަށް ޓަކައި އޭރުގެ ވެރިކަމުގައި ތިބި ބަޔަކު ދީނާ ދުރު ޓެގު އެޅުވުމުން، އެކަމުގެ ޒިންމާ އެބޭފުޅުން ނަގަން ޖެހޭނެކަމަށް ޝިފާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް އެ ޕާޓީން ދަނީ ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ. މިގޮތުން މިއަދު ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ހާއްސަ ރަަސްމިއްޔާތު ކުރިއަށްގެންދިޔައީ އޮންލައިންކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕާޓީގެ މެމްބަރުން ބައިވެރިވެގެންނެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އެ ޕާޓީން ނެރުނު ނޫސްބަޔާނެއް ބުނެފައި ވަނީ އެ ޕާޓީގެ އަޒުމާއި ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށް ޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ފަހު ވެސް، އެމަނިކުފާނާއި އެ ޕާޓީ އަބަދު ވެސް ދެމި އޮންނާނީ، އެމްޑީޕީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ކަމަށެވެ.







ކޮމެންޓް