ހިޔާލު ތަފާތުވުން އަބަދުވެސް އޮވޭ, އެމްޑީޕީ ބައިބައެއް ނުވާނެ:ޝިފާޒް
އެމްޑީޕީގެ ތެރޭގައި އަބަދުވެސް ހިޔާލުތަފާތުވުންތައް އޮންނަ ކަމަށާއި އެހެން ނަމަވެސް އެޕާޓީ ބައިބައި ވެގެންނުދާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 16 ވަނައަހަރީ ދުވަހާ ގުޅުވައިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ އެ ޕާޓީއަކީ ބޮޑު ޕާޓީއެއްކަމަށް ވުމުން ހިޔާލު ތަފާތުވުންތައް އަބަދުވެސް އޮންނަ ކަމަށާއި އެހެންނަމަވެސް އެހެން ޕާޓީތަކަށްވީހެން އެޕާޓީ ބައިބައިވެގެން ނުދާނެކަމަށެވެ.
"ހިޔާލު ތަފާތުވުން ޕާޓީގައި އަބަދުވެސް އޮވޭ. އޭގެ މާނައަކީ މި ޕާޓީއަށް އެހެން ޕާޓީތަކަށް ވީގޮތްވުމެއް ނޫން. މި ޕާޓީ ބައިބައެއް ނުވާނެ. ހުރިހާ ޕާޓީގެ ވިސްނުން ހުންނާނެ މިހާ ބޮޑު ޕާޓީއެއްގައި.އެކަމަކު ޕާޓީގެ އަސާސްތަކުގައި ހިފަހައްޓާނެ" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ޕާޓީގެ އެންމެ ބޮޑު ކާމިޔާބަކީ ސިޔާސީ ޕާޓީގެ ނިޒާމެއް ޕާޓީތެރޭގައި އޮތުންކަމަށާއި އެހެން ޕާޓީތަކަށް ނަމޫނާ ދައްކާ ޕާޓީއަކަށް އެޕާޓީވުން ކަމަށެވެ.
2018 ވަނަ އަހަރު އެމްޑީޕީ އޮތީ މަގުމަތީ ކަމަށާއި ގެއަށް ވަނީ ކާމިޔާބު ހޯދައިގެންކަމަށް ޝިފާޒް ވިދާޅުވިއެވެ. އަނެއްކާ ވެސް އެމްޑީޕީ ވެރިކަމުގައި ތިބޭނެކަމަށާއި ހިޔާލު ތަފާތުވެ ނުތަނަވަސްކަން އުފެދޭ ކޮންމެ ފަހަރަކު އެކަންކަމަށް ފުރުސަތުދީ ޑިމޮކްރަޓިކް އުސޫލުން ނަމޫނާ ދައްކާ ޕާޓީއަކަށް އެމްޑީޕީ ވާނެކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން ޝިފާޒް ވިދާޅުވީ އެމްޑީޕީގެ މަދު މެމްބަރުންކޮޅެއް ނުކުމެ ގާނޫނޫ އަސާސީ ތަސްދީގު ކުރައްވަން ކުރި މަސައްކަތުން އެކަން ކާމިޔާބުކޮށް ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީން ކަމަށާއި ތާހިރު ދިރިއުޅުމުގެ މެނިފެސްޓޯއާ އެކު ނިޒާމެއް ކަނޑައެޅިގެން ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދެވޭނެ ގޮތް ފުރަތަމަ ފަހަރަށް ހައްދަވައިދެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައިކަމަށެވެ. މީގެ އިތުރުން ރަށު ބަންދުގައި ތިބި ރައްޔިތުން އެ ބަންދުން ވީއްލައިދިނީ ރައީސް ނަޝީދު ކަމަށާއި މަސްތުވާތަކެޗައް ހުޅުވި ދޮރުތައް ބަންދުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނީ އެމްޑީޕީގެ ވެރިކަމުގައިކަމަށެވެ.
ޝިފާޒް ވިދާޅުވީ 2009ގައި ރައްޔިތުންނަށް ، ފުރަތަމަ ޑިމޮކްރެޓީކް ރައްޔިތުންގެ މަޖިލިސް ލިބިގެންދިޔަ ކަމަށާއި ފަސް ހަބިލިއަނުގައި އޮތް ގައުމުގެ މާލިއްޔަތު ތޭރަ ސާދައަށް އިތުރުކޮށްދެއްވީ ރައީސް ނަޝީދު ކަމަށެވެ. ދައުލަތުގެ މާލިއްޔަތަށް އައި ކުރިއެރުން ވާދަވެރިންނަށް ހަޖަމު ނުވިކަމަށާއި ބަޣާއި ވާތާ ގުޅިފައޮތީ ދައުލަތުގެ މާލިއްޔަތަށް އައި ހެޔޮ ބަދަލު ކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ.