ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާ ބައްދަލު ކުރައްވަން ފަށްޓަވައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިއްގަރު ކައުންސިލަރުން އެދޭ މިނިމަމް ވޭޖާ ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކައުންސިލަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަން ފަށްޓަވައިފިއެވެ.

Ads by STELCO

އެގޮތުން ރައީސް ވަނީ މިއަދު ހެނދުނު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވަން ފަށްޓަވައިފައެވެ. މިއީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލުތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާމް ވިދާޅުވީ، ސަރުކާރުން އެރަށުގައި ކުރިއަށް ގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ސާފު ކުރުމުގެ މަޝްރޫއު ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށާއި، އެރަށުގައި ބޭންކުގެ ގޮތްޕެއް ނުވަތަ އޭޓީމެއް އެޅުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ނިޝާމް ވިދާޅުވީ، ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް، ރަށު ސިއްހީ މަރުކަޒު ވެސް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށެވެ.

އަދި ސްކޫލް ހޯލް އިމާރާތާ އަދި އުމްރާނީގޮތުން ސްކޫލަށް ބައެއް ކަންކަން ބޭނުންވާ ކަމަށާއި، މަތީ ތައުލީމު ފުޅާކުރުމަށް އިތުރު ފުރުސަތުތަކާއި ލުއިފަސޭހަތައް ބޭނުންވާކަން ނިޝާމް ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ރަށުގެ ނަރުދަމާ ނިޒާމުގެ އައުޓްފްލޯއާ ގުޅިގެން ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަން ވެސް ނިޝާމް ވަނީ ފާހަގަ ކުރައްވާފައެވެ.

އެރަށުގެ މަސްވެރިންނަށް ހުރި ދަތިތަކާއި، ރިސޯޓު މުވައްޒަފުންނަށް ހުރި ދަތިތައް ފާހަގަ ކުރައްވައި ނިޝާމް ވިދާޅުވީ، އެ ދާއިރާއިން އިތުރަށް ކުރިއަށް ދާން ފުރުސަތުތައް ބޭނުންވާ ކަމަށެވެ.

ނިޝާމްގެ މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، މަސްވެރިންގެ ފަސޭހައަށް ޓަކައި މުލަކުގައި ގާއިމުކުރަމުންދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިޔަށްދާ ކަމަށާއި، މިހާރު ހުރި ވަރަށް ވުރެ އޮއިވާލި ކަނދުފަތިތައް އިތުރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ރާވަމުން ގެންދާކަމަށެވެ.

އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަން ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!