ޚަބަރު

ހަނިމާދޫ ބިން ބޭރުގެ ފަރާތަކަށް ދިން ވާހަކައަކީ ރޯބުހުތާން ދޮގު:ޢަބްދުލްޣަފޫރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހަނިމާދޫއިން ބޭރުގެ ފަރާތަކަށް ބިން ދިނޭ ބުނެ އިދިކޮޅު ފަރާތްތަކުން ހަދަނީ ރޯ ބުހުތާން ދޮގުކަމަށާއި އެއީ އެނގި ތިބެ ހަދާ ދޮގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ ހަނިމާދޫގެ އެންމެ އަކައެއްގެ އިންޗިއެއް ވެސް ވެސް ދިވެހި ދައުލަތަށް ނޫން ގޮތެއްގައި ބޭނުމެއް ނުކުރެވޭނެ ކަމަށާއި ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރީ ލޯނެއް ނަގައިގެން ކަމުގައި ވިޔަސް ދިވެހި ސަރުކާރުން ކަމަށެވެ.

" ހަނިމާދޫ އެއަރޕޯޓް ހިންގާނީ ދިވެހި ސަރުކާރުން. ހަނިމާދޫގެ އެންމެ އަކައެއްގެ އިންޗިއެއް ވެސް ދިވެހި ދައުލަތަށް ނޫން ގޮތެއްގައި ބޭނުމެއް ނުކުރެވޭނެ،  އެ ވަރަށް ސާފުކޮށް އޮތްކަމެއް. ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރާނީ ވެސް ދިވެހި ސަރުކާރުގެ ފައިސާގައި އަދި ލޯނެއްކަމުގައި ވިޔަސް. އެހެންވީމަ ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރާށޭ ކިޔާފައި އެ އަޅުވާ އިލްޒާމަކީ ހަމަ ކަނޑައެޅިގެން ރޯ ބުހުތާން ދޮގެއް." ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ޢަބްދުލްޣަފޫރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކާއިރުގައި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އިދިކޮޅު ފަރާތްތަކުން ވެރިކަމުގައި ތިއްބެވި އިރުގައި ހަނިމާދޫ ތަރައްގީއަށް އެ ބޭފުޅުން އެއްވެސް ކަމެއް ކޮށްދެއްވާފައި ނެތް ކަމަށެވެ. މިގޮތުން އެމްޑީޕީގެ ސަރުކާރުގެ ދެ އަހަރުވެގެން ތިން އަހަރު ވެސް ދާއިރު ހަނިމާދޫގެ 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ޓަކައި ތައްޔާރު ވަމުން ދާކަމަށާއި ފެންވަރު ރަނގަޅު ބަނދަރެއް ހެދުމަށް ޓަކައި ކޮނެ، ބަނދަރުގައި ހިލަ ޖެހުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ސައިޒުގެ ޓާފް ދަނޑެއް މިހާރު އަޅާ އެތަނުގެ ހުރިހާ މަސައްކަތެއް ނިމެމުން ދާކަމަށާއި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިސަރުކާރުން ވީ ވައުދު ފުއްދުމަށް ޓަކައި ބިޑު ކުރެވި އެކަމަށް ޕްރިކޮލިފައި ކުންފުނިތައް ހޮވި ބިޑްގެ ސެކަންޑް ފޭސްއަށް ދާން ތައްޔާރުވެފައި ވާކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ ހަނިމާދޫގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު އެރަަށަށް ކަމެއް ކޮށްދީފައި އެ ވާހަކަ ދެއްކެވުމަށް އެދޭ ކަމަށެވެ

"ހަނިމާދޫއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާއިރުގައި ކޮންމެ ވެސް ކަމެއް ކޮށްދީފައި އެވާހަކަ ދައްކާށޭ އަޅުގަނޑު މި ދަންނަވަނީ. ނެތޭ ހަމަ އެއްވެސް ކަމެއް ކޮށްދީފައެއް. އެތަނުގައި ކޮށްފައި އޮތް ކަމެއް ފޮރުވާފައެއް ނުބޭއްވޭނެ އެތިއްބެވީ ހަނިމާދޫ ރައްޔިތުން އެބޭފުޅުން ކައިރި އައްސަވާ ބައްލަވާ. ކޮންކަމެއްތޯ ކޮށްދީފައި އޮތީ." ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ އެއާޕޯޓް ތަރައްގީ ކުރުމަށް ޓަކައި ކޮންޓްރެކްޓަރ އެ ރަށަށް އަރައި އެ މަސައްކަތް ކުރަން ފެއްޓޭވަރަށް ކަންތައްތައް ވެގެންދާނެކަމަށާއި ހަނިމާދޫގައި އެއާޕޯޓް އެޅުމަށް އެ ރަށުގެ އެއްވެސް ރައްޔިތަކު ދެކޮޅު ނަހަދާނެ ކަމަށެވެ. އަދި އެ އެއާޕޯޓް ބޭނުންވާ މިންވަރަށް ތަރައްގީވެގެންދާނެ ކަމަށާއި ހަނިމާދޫގެ އެއްވެސް ތަނެއް އެއްވެސް ބޭރުގެ ފަރާތަކަށް ނުދޭނެކަމަށް ޢަބްދުލްޣަފޫރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"މިސަރުކާރުން އެއީ ކުރާނެކަމެއް ނޫން. އެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރ ވެސް ވަނީ ދެއްވާފަ. އެހެންވީމަ މިއީ އަޅުގަނޑުމެންގެ ލޯމަތީގައި ސާފުކޮށް ފެންނަން ހުންނަ ކަންތަކުގައި ވެސް ހަމަ ރޯބުހުތާން ދޮގު އެ ހަދަމުން ދަނީ."

ޢަބްދުލްޣަފޫރުވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކަންކަން އޮޅުވައިލައިގެން ކަންކަން ގޯސް ކުރަން ވާހަކަ ދެއްކުން އެއީ ވަރަށް ގޯސްކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!