"ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ނޫން ގޮތުގައި ބަލައެއް ނުގަނެވޭނެ"
ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަވެފައި ވުމަކީ ފަޚުރުވެރިވާ ކަމެއް ކަމުގައި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިފަހަކަށް އައިސް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ މީސް މީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ "ކްލަބްހައުސް" ގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ނޫން ގޮތަކަށް ބަދަލު ކުރަން އުޅުމަކީ އެކަމަނާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ރާއްޖެ އަބަދުވެސް ފާހަގަ ވެފައި މިވަނީ ސައްތަ އިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި. އެހެންވީމަ މި ނޫން ގޮތަކަށް ބަދަލުވުމަކީ އަޅުގަނޑަށް ބަލައިގަންނަން ފަސޭހަ ކަމެއް ނޫން. ރާއްޖެ މިގޮތުގައި މުޅި ދުނިޔެއަށް ފާހަގަ ވުމަކީ އަޅުގަނޑަށާއި މި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ލިބޭ ފަޚުރެއް" އާޒިމާ ވިދާޅުވިއެވެ.
ކްލަބްހައުސްގެ ބައްދަލުވުމެއް ކަމަށްވާ "ވެއާ ޑިޑް ވީ ގޯ ރޯންގް އެސް މުސްލިމްސް"ގައި ވާހަކަ ދައްކަވަމުން އާޒިމާ އިތުރަށް ވިދާޅުވީ އެކަމަނާ މީގެ ކުރިން ވަރަށް ގިނަ ޤައުމުތަކުގައި، އެކިއެކި ފޯރަމްތަކުގައި ވެސް ވާހަކަ ދައްކަވައިފައިވާ ކަމަށެވެ. އަދި އަންހެނުންގެ ޙައްޤުތަކަށް ވެސް ވަކާލާތުކޮށް އެ ކަމަނާ ދެއްކެވި ވާހަކަތަކަށް ވެސް އެއްވެސް ގޮންޖެހުމެއް އޭގެން އެއްވެސް އިރަކު ލިބިފައި ނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
"އެކަމަކު އަސްލު މައްސަލަތަކާ ކުރިމަތިވާން ފަށަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމުގައި އަޅުގަނޑު ވާހަކަ ދައްކަން ފެށުމުން. އަޅުގަނޑު އެގޮތުން ދައްކާ ވާހަކަތަކަކީ ދީނީ މިނިވަން ކަމަށް ބުނެ ވާހަކަ ދައްކާ މީހުން ނުވަތަ ލާދީނީ ވާހަކަ ދައްކާ މީހުންނަށް އެހާ ކަމުދާ ވާހަކަތަކަކަށް ވެސް ނުވެދާނެ" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ އެކަމަނާއަކީ ވެސް ހުޅަނގުން ތައުލީމު ލިބިވަޑައިގެންނެވި ބޭކަނބަލެއް ކަމަށާއި އެގޮތުން އެކަމަނާ އޭ ލެވެލް ހެއްދެވީ ވެސް ކްރިސްޓިއަން ސްކޫލަކުން ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އެހެންކަމުން އެހެން ދީންތަކަށް ވެސް އިހްތިރާމު ކުރައްވާ ކަމަށާއި ނަމަވެސް ރާއްޖެއަކީ ސައްތަ އިންސައްތަ ޤައުމެއް ނޫން ކަމުގައި ނިންމުމަކީ އެކަމަނާއަށް އެއްބަސް ވެވޭނެ ކަމެއް ނޫން ކަމުގައި ވެސް އާޒިމާ ވިދާޅުވިއެވެ.
އިސްލާމްދީން ފިޔަވާ އެހެން ހުރިހާ ދީންތަކަކީ ސަލާމަތުގެ މަގެއްނެތް ބާޠިލު ދީންތަކެއް.