އަނަންޔާގެ މާމަ ކުއްލި ގޮތަކަށް މަރުވެއްޖެ

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ އަނަންޔާ ޕާންޑޭގެ މާމަ ނެހްލަތާ ޕާންޑޭ މަރުވެއްޖެއެވެ.
މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ މަންމަ މަރުވީ އިއްޔެ ކަމަށާއި ނަމަވެސް މަރުވީ ކީއްވެކަން އަދި އެނގިފައި ނުވާކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެއެވެ.
ޗަންކީއާއި އޭނަގެ އަންހެނުން ބާވްނާ އަދި ހަގު ދަރިފުޅު ރީސާގެ އިތުރުން އަނަންޔާ ޕާންޑޭއާއި އެ އާއިލާގެ އެހެން ބައެއް މެމްބަރުން ވަނީ އިއްޔެ ނެހްލަތާގެ ގެއަށް ޒިޔާރަތްކޮށް ވަދާއީ ސަލާމް ކޮށްފައެވެ.
އިންޑިއާގެ ނޫހަކަށް މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ޗަންކީ ބުނެފައި ވަނީ އޭނާ އޭނަގެ މަންމައާ ވަރަށް ގާތް ކަމަށެވެ. އެގޮތުން އޭނާއަށް އެކްޓަރަކަށް ވެވުނީ ވެސް ނެހްލަތާ ދިން ހިތްވަރާ އެކު ކަމަށާއި ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ރަނގަޅު ހިޔާލު ދޭކަމަށް ޗަންކީ ބުނެފައިވެއެވެ.
އޭގެ އިތުރުން އަނަންޔާ ވެސް ބުނެފައި ވަނީ، ނެހްލަތާއާ އޭނާ ވެސް ވަރަށް ގާތް ކަމަށާއި މާމަ އަބަދުވެސް އޭނާ ގެންގުޅުނީ ވަރަށް ލޯބިން ކަމަށެވެ.
ނެހްލަތާ މަރުވީ ކިހިނެއްކަން އަދި އެނގިފައި ނެތް ނަމަވެސް، މަރުވުމުގެ ކުރިން އޭނާ އުޅުނީ ބަލިވެ ނޫން ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު ވެސް ވިޔަފާރި ކުރަން ނުކުމެ އުޅެނިކޮށް ފެނިފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.