ކޮވިޑް-19 ހާލަތާ އެކު މުޅި ދުނިޔެ ބަދަލުކޮށްލައިފައިވާ މި ދަނޑިވަޅުގައި އިސްލާމީ އުންމަތް މިއަދު މިވަނީ އަނެއްކާ ވެސް މުޅި ދުނިޔެއަށް ނަމޫނާ ދައްކައިފައެވެ. ކޮވިޑް-19 ވެކްސިނާ ދެކޮޅަށް ބައެއް ދީންތަކުގެ މީހުން ވާހަކަ ދައްކާ، މި ބަލިމަޑުކަމުން ސަލާމަތް ވެވެން އޮތް ހަމައެކަނި މަގުން ނުހިނގުމަށް ނަސޭހަތް ދެމުންދާއިރު، އިސްލާމުން މިއަދުގެ ކުރެވޭ ޙައްޖާ އެކު މިވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކައިފައެވެ.
2019 ވަނަ އަހަރު ކުރެވުނު ޙައްޖުގައި 2.5 މިލިޔަން މުސްލިމުން ބައިވެރިވީ ނަމަވެސް ކޮވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން މި އަހަރުގެ ޙައްޖުގައި ބައިވެރިވުމަށް ހުއްދަ ދީފައި ވަނީ 60،000 މީހުންނަށެވެ. އަދި ޙައްޖުގައި ބައިވެރިވެވޭ މީހުންނަކީ ވަކި ޝަރުތުތަކެއް ފުރިހަމަވެފައިވާ މީހުން ކަމުގައިވާން ޖެހެއެވެ. އެހެނީ، ޙައްޖު ކުރުން ވާޖިބު ވަނީ އެކަމަށް ކެރި ކުޅަދާނަ މީހުންނަށެވެ. މިފަދަ ބޮޑު ބަލި މަޑު ކަމެއްގައި ގިނަ މީހުން އެއްތަނަކަށް އެއްވެވޭނީ އެކަމަށް ކުޅަދަނާ ބަޔަކަށެވެ. އެއީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ނޭވާލުމުގެ ނިޒާމުގެ ބަލި ނުހުންނަ މީހުންނަށެވެ. މީގެ އިތުރުން ބަލި ޖެހުމުން ބޮޑުވަރުވާ 65 އަހަރުން މަތީގެ މީހުން ވެސް ޙައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރި ނުކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ސައުދީން މިއަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހަރަމްފުޅާއި މައްކާ އަދި މަދީނާގެ ކޮންމެ ހިސާބެއްގައި ވެސް މާސްކް އެޅުން މަޖުބޫރުކޮށް ، ޙަރަމްފުޅު ޑިސްއިންފެކްޓް ކުރުމުގައި އެކަމަށް ޚާއްސަ ރޮބޮޓުންތަކެއް 24 ގަޑިއިރު ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ހައްޖާޖީނަށް ޒަމްޒަމް ފެން ބެހުމުގައި މިއަހަރު ހަރަކާތްތެރި ވާނީ ރޮބޮޓުންނެވެ. އެއީ އިންސާނުންނާ ކޮންޓެކްޓްވާ މިންވަރު މަދު ކުރުމަށެވެ. މީގެ އިތުރުން ކޮންމެ ޙައްޖާޖީއެއްގެ އަތުގައި ޖީޕީއެސް ކަނެކްޓް ކޮށްފައި އޮންނަ ބްރޭސްލެޓެއް އޮވެއެވެ. މިއިން އެމީހަކާ ކައިރިން އެއްތާވި މީހުން ދެނެގަނެވޭނެއެވެ.
މީގެ އިތުރުން 500 އެއްހާ މެޑިކަލް އޮފިސަރުން ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރީގައި ތިބެއެވެ. އަދި 62 ބަހުން ސަލާމަތީ ކަންކަމާ ބެހޭ މެސެޖްތައް އަރުވަމުންދެއެވެ.
މިއަހަރުގެ ޙައްޖު މުޅި ދުނިޔެއަށް ނަމޫނާ ދައްކާނެއެވެ. ޔަހޫދީންނާއި ހިންދޫންގެ ދީނީ ފެސްޓިވަލްތަކުން ކޮވިޑްގެ އެތަކެއް ވޭދަނައެއް އުފަންވުމުގެ ސަބަބުން ޙައްޖު ކުރާއިރު ގިނަ މީހުން އެއްތަން ވުމުން މިފަދަ ކަމެއް ހިނގާފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރިއެވެ. އެހެން ނަމަވެސް މުސްލިމުންގެ ޙައްޖު ވަރަށް ތަފާތެވެ. ދައްކަމުން އެ ދަނީ މުސްލިމުން އަބަދުވެސް ދައްކަމުން އައި އަދި އަންނަ ނަމޫނާއެވެ. މުސްލިމުންނަކީ އަމުރަށް ކިޔަމަންތެރިވާ ބައެއް ކަމެވެ. އަދި އެއް މުސްލިމަކު ތިމާގެ އަޚާ ، ގެއްލުމަކަށް ވައްޓައިނުލާނެ ކަމެވެ.