ޗައިނާގައި ކޮވިޑް-19 ވޭދަނަތައް އަނެއްކާ ވެސް އިތުރުވާން ފަށައިފި

ކޮވިޑް-19 ވޭދަނަތައް ޗައިނާގައި އަނެއްކާ ވެސް އިތުރުވާން ފަށައިފިއެވެ.
ޗައިނާގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ގައުމުން އަލަށް 76 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި ޖުމްލަ 92،605 މީހުންނަށް މި ބަލި ޖެހިފައިވެއެވެ. ކޮވިޑް-19 ޖެހިގެން އެ ގައުމުން 4،636 މީހުން ވަނީ މަރުވެފައެވެ. އަދި 87،228 މީހުން ބަލިން ފަސޭހަވެފައިވެއެވެ.
އެ ގައުމުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމުގައި އެއް ސިޓީން އަނެއް ސިޓީއަށް ޓެކްސީ އަދި ކާރު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ޖުލައި 27އިން ފެށިގެން ބަސް ސްޓޭޝަންތައް ވެސް ބަންދު ކުރަން ވަނީ ނިންމައިފައެވެ.
ޗައިނާގެ ހެލްތް އޮތޯރިޓީން ބުނާ ގޮތުގައި ޖުލައި 21 ވަނަ ދުވަހު އެ ގައުމުގެ އަވަށެއް ކަމަށްވާ ޖިއަންގްސޫއިން 11 މީހުން ފައްސިވި ކަމަށެވެ. އެ ދުވަހު އިތުރު އެހެން އަވަށަކުން މީހަކު ފައްސިނުވާކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.