ވާހަކަ

ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

" ނައު ލީވް.... ލީވް!" ދާނިޔާލްގެ އަޑު ކުރިއަށްވުރެ ވެސް ބާރުވެގެން ދިޔައެވެ. ޝާމިނަށް ބުނެވޭނެ އިތުރު ބަހެއް ނެތުމުން އޭނާއަށް ޖެހުނީ އެތަނުން ނިކުންނާށެވެ. އެހެން ނަމަވެސް އޭނާ ވަނީ އިންތިހާއަށް ރުޅި އައިސްފައެވެ. އޭނާގެ ހަށިގަނޑުގައި ރޯވަމުން ދިޔައީ ބަދަލު ހިފުމުގެ ރޫހެވެ.

Ads by MWSC

*****

ރަން ކިޔާނެ ދުވަހެއް ހަމަޖެހުނީ ތިން ދުވަސް ފަހުންނެވެ. ގޭ އެންމެންނަށް ލިބިފައި ވަނީ އާދަޔާޚިލާފު އުފާވެރިކަމެކެވެ. އަނީކާއި ތާޝާ އަދި ޖީނާ ފިޔަވައެވެ. ތާޝާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުއްޓަސް ކައިރިން ބަލައިލައިފި ނަމަ އެހި ނިތުންވުމުގެ ފަހަތުގައިވާ މޮޅިވެރިކަން ފެންނާނެކަން ޔަގީނެވެ. ތާޝާއާ ވާހަކަ ދައްކާ އޭނާގެ ވިސްނުން ބަދަލުކުރެވޭތޯ ޖީނާ ވަރަށް މަސައްކަތް ކުރިއެވެ. އަދި ތާޝާއަށް އެ ފެނުނު މަންޒަރަކީ ހަޤީގަތެއް ނޫންކަން ޚުދު ތާޝާއަށް ވެސް އެނގޭނެކަމުގައި ބުންޏެވެ. އެހެން ނަމަވެސް ތާޝާއަށް ޖީނާގެ ވާހަކަތައް ޤަބޫލުކުރަން ދަތިވިއެވެ. އެ ރޭގެ ފަހުން ދެންވީ ގޮތެއް ހަނދާނަށް ނައި ނަމަވެސް އެމަންޒަރު ހަނދާންވާ ކޮންމެ ފަހަރަކު ޒިދާން ދެކެ ރުޅި އާދެވެނީއެވެ. ޖީނާ ދައްކާ ވާހަކަ ޤަބޫލު ކުރާނެ ގޮތެއް ތާޝާއަކަށް ނޭނގުނެވެ. އެއީ އޭނާގެ ދެ ލޮލަށް އެ މަންޒަރު ފެނިފައިވާތިއެވެ. އެ ގޭ ތެރެއިން ޝާނާ ފެންނަ ކޮންމެ ފަހަރަކު ޝާނާއާ ދިމާލަށް ވެސް ބަވައިލަން ތާޝާ ބޭނުންވެއެވެ. އެހެން ނަމަވެސް އޭނާގެ ހަނދާންތައް އެނބުރި އައިކަން އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާތީ އެއްޗެއް ނުބުނެ ހުންނަނީއެވެ. ތާޝާ ހުންނަ ތާކަށް ޝާނާ އައިސްފި ނަމަ ތާޝާ ބަލަނީ އެ ތަނަކުން އަވަހަށް ދެވޭތޯއެވެ.

އަނީކާއި ޖީނާ އެއްގެއެއްގެ ތެރޭގައި އުޅުނަސް ނުދަންނަ ދެ ބީރައްޓެހިން ފަދައެވެ. ދެމީހުން އެކަކު އަނެކަކާ ދިމާލަށް ބަލައި ވެސް ނުލައެވެ. އަންފޫޒާ އެދުނު ގޮތަށް ކައިވެނީގެ ކަންތައްތައް ހަމަޖައްސަމުން ދިޔައީ ޖީނާގެ ބެލުމުގެ ދަށުންނެވެ. އޭނާ އެކަން އެ ކުރަނީ ކޮންމެހެން އަންފޫޒާ ބުނެގެނެއް ނޫނެވެ. އޭނާއަކީ ފިނޑިއެއް ނޫންކަން އަނީކަށް ސާބިތުކޮށް ދިނުމަށެވެ. ހުރިހާ ކަމެއް އެކީގައި ތާޝާ ހަނދާންވެއްޖެ ނަމަ އަނީކާ ތާޝާ ކައިވެނި ނުކުރާނެކަން އެއީ ޖީނާއަށް ޔަގީންވާ ކަމެކެވެ. އެ ދުވަހަކުން ބާކީ ވާނީ އަނީކެވެ. ކެތްތެރިކަމާ އެކު ޖީނާ އިންތިޒާރު ކުރަމުން އެ ދަނީ އެ ދުވަހަކަށެވެ. މިހާރު ވެސް ތާޝާގެ ހަނދާނުން ބޮޑު ބައެއް އެ ވަނީ އެނބުރި އައިސްފައެވެ. ބާކީ ބައި ވެސް ލަސް ނުވެ އެނބުރި އަންނާނެކަމަށް އޭނާ އުއްމީދު ކުރެއެވެ. ކައިވެނީގެ ކުރިން އެ ހަނދާންތައް އެނބުރި އައުން އެއީ ޖީނާގެ ދުޢާއެވެ.

ޒިދާންގެ އެތައް ކޯލެއް ޖީނާއަށް ލިބުނެވެ، އެހެން ނަމަވެސް ޒިދާނާ ވާހަކަ ދައްކާނެ ހިތްވަރެއް ޖީނާއަކަށް ނުލިބުނެވެ. ތާޝާ އަނީކާ އިންނަން އުޅޭ ޚަބަރު ދީފި ނަމަ ޒިދާން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ތާޝާއަށް ވެސް ޒިދާން އެތައް ފަހަރަކު ގުޅިއެވެ. އެންމެ ފަހުން ތާޝާ އޭނާގެ ފޯނު ނަމްބަރު ބަދަލުކުރީ ޒިދާން ގުޅާވަރުން އުނދަގޫވެގެންނެވެ. އެ ނަމްބަރު ތާޝާ، ޖީނާއަށް ވެސް ނުދިނީ އޭނާ ޖީނާއަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާތީއެވެ.

އަނީކް އޭނާގެ ކޮޓަރީގައި ހުރި ކުޑަ ބެލްކަނިކޮޅުގައި ބޭރު ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ އަތުގައި ހުރި ކޮފީ ތަށިން ހޫނު އާވި އަރަމުން ދިޔައެވެ. ކޮފީގެ މީރު ވަހުން މުޅި ކޮޓަރި ވަނީ އެއްވަސް ވެފައެވެ. އަނީކްގެ ޚިޔާލުތަކުގައި ރަސްކަން ކުރަމުން ދިޔައީ ޖީނާއެވެ. އޭނާ ޖީނާ ދެކެ ނަފްރަތު ކުރިޔަސް އަދިވެސް އެ ހިތުގެ އެންމެ އަޑީގައި ޖީނާއަށް ޓަކައި ވަނީ ލޯތްބެވެ. އެ ލޯބި ކަފުންކުރުމުގައި އަދި އަނީކަށް ކާމިޔާބެއް ނުލިބެއެވެ. އަނީކްގެ ހަނދާނަށް އަންނަމުން ދިޔައީ ޖީނާއާ އެކުގައި ހޭދަކުރެވިފައިވާ އުފާވެރި ވަގުތުތަކެވެ.  ޚާއްސަކޮށް ކެއްކުމުގައި ޖީނާއާ އެކު ހޭދަކުރެވިފައިވާ ވަގުތުތަކެވެ. އެހިނދު ނޭނގި ނަމަވެސް އަނީކަށް ހިނިތުންވެވުނެވެ. އެހެންނަ މަވެސް ދެވަނަ ހިނދުގައި އެ ހިނިތުންވުން ފިލައިގެން ދިޔައީ ޝާމިން އޭނާގެ ފޯނަށް ފޮނުވި ފޮޓޯތައް މަތިން ހަނދާންވެފައެވެ.

އެ ދުވަހު އޭނާ ޖީނާއަށް ވުރެ ކުރިން ގޮސް ކާރަށް އެރީ ޖީނާ އަންނަން ވާއިރަށް ކާރު ސްޓާޓް ކުރުމަށެވެ. އޭރުން ޖީނާ ކާރަށް އެރުމާ އެކު ލަސްނުކޮށް ޒިދާންގެ ގެއަށް ދިއުމަށް ނައްޓައިލެވޭނެތީއެވެ. ނަމަވެސް ކާރު ކުރިއަށް ދުއްވާލިތަނާ އޭނާގެ ފޯނަށް ލިބުނީ ވައިބަރ މެސެޖެކެވެ. އާންމުކޮށް އޭނާއަކީ ކާރު ދުއްވާއިރު އެ ގޮތަށް މެސެޖެއް އަޔަސް ބަލާ މީހެއް ނޫނެވެ. އެހެން ނަމަވެސް އެ ދުވަހު ހިތަށް އެރީ ކީކޭ ކަމެއް ނޭނގެއެވެ. ފޮޓޯތައް ފެނުމާ އެކު އަނީކަށް ލިބުނީ ޝޮކެކެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ޒިދާން ގައިގައި ޖީނާ ބައްދައިގެން ހުރި ފޮޓޯއެކެވެ. އެއަށް ފަހު ޖީނާގެ ޑައިރީގައި އޭނާ ލިޔެފައިވާ ލިޔުންތަކެކެވެ. ޒިދާން ދެކެ ލޯބިވާކަމަށް ބުނެއެވެ. އެ ލޯބި ނުލިބުމުން ދެރަވި ވާހަކަ ބުނެފައެވެ. ޒިދާނަށް އެކަން އެނގޭނެ ކަމަށާއި އެހެނަސް ޒިދާން ބޭނުން ވަނީ ތާޝާކަމުގައެވެ. ލިބުނު ނުތަނަވަސްކަމުގައި ކާރު ހުއްޓުވައި ޖީނާއާ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެ ވަގުތު ތާޝާ ކައިރިއަށް ދިއުން މުހިންމު ވާތީ ނުހުއްޓާ އެ ގެއަށް ދިޔައީ ފަހުން ޖީނާއާ ވާހަކަ ދައްކަން ނިންމައިގެންނެވެ. އެހެން ނަމަވެސް ކާރު ޕާކުކޮށްފައި ކާރުން ފޭބިތަނާ ދެން އައި މެސެޖު ކިޔައިފައި އަނީކް މުޅިން މާޔޫސްވިއެވެ. ޝާމިންގެ އެ މެސެޖްގައި ބުނެފައި ވަނީ ޖީނާ އަނީކް ގާތުގައި ދައްކައިފައި ވަނީ ދޮގު ވާހަކަތަކެއް ކަމުގައެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ވާހަކަ ވެސް ބުނެފައި އޮތެވެ.

އެ ދުވަހު އެ ވާހަކަތައް ނުދަންނަ ކަމަށް އަނީކް ހެދުނީ ތާޝާއަށް ޓަކައެވެ. ޖީނާ ފަދައިން އޭނާ ވެސް ތާޝާއަށް އޮޅުވައިލީ ކަމުގައި ހީކޮށްފާނެތީއެވެ. އޭރުން ތާޝާ އޭނާއަށް ވެސް އިތުބާރެއް ނުކުރާނެއެވެ. އަދި ހުރިހާ އެންމެނަށް ތާޝާ ކުރި އިތުބާރު ގެއްލި އޭނާ އެކަނިވެރި ވާނެއެވެ. އެހެން ނޫނަސް އޭނާއަށް އެނގިފައި އޮތް ވާހަކައަކީ ދޮގު ވާހަކަތަކެކެވެ. އެ ދޮގު ވާހަކަތައް ޤަބޫލުކޮށް، ޖީނާ ފަދައިން އެއީ ތެދެއް ނޫން ކަމުގައި ތާޝާއަށް ވިސްނައިދޭން އުޅުމަކީ ތާޝާއާ މެދު ކުރެވޭ ބޭއިންސާފަކަށް ވާނެތީއެވެ.

*****

ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޒިދާނަށް ތާޝާގެ ޚަބަރެއް ލިބޭނެ ގޮތެއް ނުވިއެވެ. ޒިދާންގެ ކަމަކީ ދުވަހުގެ ގިނަ ވަގުތު ތާޝާ އުޅޭ ގޭގެ ވަށައިގެން މުގޯލި އެޅުމެވެ. ރޭގަނޑު އިޝާ ނަމާދަށް ފަހު ކޮންމެ ރެއަކު ވެސް އެ ގޭ ބިއްދޮށުގައި ސައިކަލު ޕާކުކޮށްގެން އިންނަނީ ކުޑަކޮށް ވެސް ތާޝާގެ އިޝާރާތެއް ވޭތޯއެވެ. އެހެން އިނދެފައި ގެއަށް ދަނީ އިރު އަރާ ފަހުންނެވެ. ގެއަށް އައުމަށް ފަހު ވެސް ޒިދާން ނިދައިލަނީ ދެތިން ގަޑިއިރެވެ. ބަރާބަރަށް ހުރިހާ ނަމާދުތަކެއް ކުރި ނަމަވެސް ގިނަ ވަގުތު އުޅެނީ ގެއިން ބޭރުގައެވެ. ގޭގައި ހުންނަ މަދު ވަގުތުކޮޅުގައި ވެސް ޒިދާން އޮންނަނީ ސޯފާގައި އޮށޯވެގެން ޚިޔާލަކަށް ގެއްލިފައެވެ. އެހެން އުޅެން ހަދައިގެން ޒިދާން ކެއުމާ ވެސް މުޅިން ދުރުވިއެވެ. ވަޒީފާ ހަމަޖެހުނު ޚަބަރު ލިބުމުން ވެސް ޒިދާން އެ ވަޒީފާއަށް ދިއުމަށް އިންކާރުކުރިއެވެ.

ޒިދާންގެ އުޅުމާ މެދު އެންމެ ކަންބޮޑުވީ ޒައިނާއެވެ. ޒިދާން ކުރީގެ އުޅުމަށް ރުޖޫޢަ ވަނީއޭ ޒައިނާއަށް ހީވަނީއެވެ. ޒިދާން ގެއިން ބޭރުގައި އެ ހޭދަކުރާ ވަގުތު ހޭދަކުރަނީ ކުރިން ގެންގުޅު ރައްޓެހިންނާ އެކުހެން ހީވެ ދެރަވަނީއެވެ. ޒިދާން އެ ދަނީ ތާޝާ އުޅޭ ގެކައިރިއަށޭ ކުޑަކޮށް ވެސް ޒައިނާގެ ހިތަކަށް ނާރައެވެ.

ޒިދާންގެ އުޅުން ބަދަލުވެއްޖެކަން ރާއިފަށް ވެސް ފާހަގަކުރެވެން ފެށިއެވެ. ޒިދާންގެ މޫނުމަތިން މޮޅިވެރިކަން ފެންނަ ކޮންމެ ފަހަރަކު ރާއިފަށް ކުށްވެރި ކުރެވެމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސެވެ. މާދިހު ދެއްކި ވާހަކައަށް ފަހު ރާއިފަށް ތަފާތު ގޮތަކަށް ވިސްނެން ފެށުނެވެ. މާދިހު ބުނިގޮތަށް ޒިދާނާ ވާހަކަދައްކަން ހިތަށް އެރި ނަމަވެސް ކަންތައްވީ ގޮތުން ޒިދާނާ ކުރިމަތިލާނެ ހިތްވަރެއް ރާއިފަކަށް ނުލިބުނެވެ. ނަމަވެސް ހަޤީގަތް އެނގެން ރާއިފް ބޭނުންވިއެވެ. ވަރަށް ވިސްނުމަށް ފަހު ރާއިފްގެ ހިތް ގޮތެއް ނިންމިއެވެ. ޒިދާނާ ވާހަކަ ދައްކައިގެން ނޫނީ ހަޤީގަތް އެނގޭނެ އޮތީ އެންމެ ގޮތެކެވެ. އެހެންކަމުން އެ ގޮތަށް ކަންތައްކުރަން ރާއިފް އަވަސްވެގަތެވެ.

*****

ޝާނާ އިޝާ ނަމާދުކޮށް ނިންމައިލުމަށް ފަހު މުސައްލަ ފަތް ޖަހައިލައި އަލަމާރިއަށް ލިއެވެ. އޭނާ ބަރާބަރަށް ނަމާދުކުރަން ފެށިތާ އަދި މިވީ އެންމެ ދެ ދުވަހެވެ. އޭނާގެ އަޒުމަކީ ކުރިއަށް އޮތްތާނގައި އެއްވެސް ނަމާދެއް ނާޅައިއި ބަރާބަރަށް ކުރުމެވެ. ނަމާދުކުރުމުން އޭނައަށް ލިބެމުން ދިޔައީ ތަފާތު ހިތްހަމަޖެހުމެކެވެ. ކޮންމެ ނަމާދެއްގެ ފަހަތުގައި އޭނާ ދުޢާ ކުރަނީ އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިތޯއެވެ. އަދި އޭނާއަށް ރަނގަޅު މުސްތަޤްބަލެއް ދެއްވައި، ފިރިމީހާގެ ލޯބި ދެއްވައިތޯއެވެ. ޝާމިންގެ ގާތުން ވަރިވާން އެންމެ ފުރަތަމަ ނިންމި ނަމަވެސް އެ ޚިޔާލު ބަދަލުކޮށްލީ ﷲއަށް ޓަކައި ކައިވެނީގެ މަތިވެރި ގުޅުން ދަމަހައްޓަން ބޭނުން ވާތީއެވެ. ކޮންމެ ވެސް ދުވަހަކުން ޝާމިން ބަދަލުވާނެކަމަށް އުއްމީދުކުރަމުންނެވެ.

ނަމާދުކޮށް ނިންމައިލުމަށް ފަހު ޝާނާ ބޭރަށް ދާން ތައްޔާރުވިއެވެ. ބުރުގާ އަޅަން ބޭނުން ވާތީ ފޮތިކޮޅަކާއި ޝޯލްކޮޅެއް ގަނެލުމަށް ޓަކައެވެ. ތައްޔާރުވެގެން ގޭ ދޮރުން ނިކުތް ވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް ކިޔާލުމާ އެކު ޝާނާގެ ހިތް އަވަސްވިއެވެ. ތުންފަތްމަތީގައި ކުޅެލީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

" ބައްދަލުކޮށްލަން ބޭނުން.. -ރާއިފް-" މެސެޖްގައި އޮތެވެ.

" ކޮންއިރަކު؟" ޝާނާ ޖަވާބުގައި ފޮނުވައިލިއެވެ. އެއަށް ފަހު ގޭ ދޮރުމަތީގައި އޮތް ކާރަށް އަރައި އިށީނދެ ދާންވީ ތަން ބުންޏެވެ. ރާއިފްގެ ދެވަނަ މެސެޖެއް އައީ ޝާނާ ފޮތިފިހާރައަކަށް ވަތްތަނުންނެވެ.

" އޯކޭ ކޮންމެއިރަކު ވިޔަސް.. އެކަމަކު ވީހާވެސް އަވަހަކަށް.. މިރޭ ވިޔަސް އޯކޭ" މެސެޖުގައި އޮތެވެ.

" އޯކޭ އެހެންވީއިރު މިރޭ ނުވަގަޑި ބައިގަ ގޯމޭ ރެސްޓޯރެންޓުން.." ގަޑިއާއި ތަން ލިޔެލުމަށް ފަހު ޝާނާ ފޮނުވައިލިއެވެ. ޖަވާބުގައި ރާއިފްގެ ފަރާތުން ލިބުނީ އޯކޭ ޖަހައިފައިވާ މެސެޖެކެވެ. ދެން ޝާނާ އަވަސްވެގަތީ ގަޑިޖެހުމުގެ ކުރިން ވިޔަފާރިކޮށް ނިންމައިލުމަށެވެ. މިރޭ ރާއިފާ ބައްދަލުކުރުމަށް ފަހު ހުރިހާ ވާހަކައެއް ރާއިފަށް ކިޔައިދޭން ޝާނާ ނިންމިއެވެ. ޝާނާގެ އުއްމީދަކީ ރާއިފްގެ މަޢާފު ލިބުމެވެ. އަދި ރާއިފްގެ އެކުވެރިކަން އަލުން ލިބުމެވެ.

ނުވަގަޑި ބައިވާން ފަނަރަވަރަކަށް މިނެޓްވުމުން ކާރުގައި ގޯމޭއަށް ދިއުމަށް ޝާނާ މިސްރާބު ޖެހިއެވެ. ޑްރައިވަރު ގާތުގައި ގެއަށް ދާންވީމާ ގުޅޭނެކަމަށް ބުނުމަށް ފަހު ޝާނާ ރެސްޓޯރެންޓަށް ވަދެ އޭނާ ބުކް ކޮށްފައިވާ މޭޒު ކައިރީގައި އިށީނެވެ. ރާއިފް ވަދެގެން އަންނަތަން ފެނުނީ އިރުކޮޅެއް ފަހުންނެވެ. ކަސްރަތީ ހަޑިގަނޑެއް ލިބިފައިވާ ރާއިފް މިރޭ ހުރީ ކަޅުކުލައިގެ އަތްދިގު ސެވްޓަރ ގަމީހަކާއި ހަމަ އެކުލައިގެ ޖިންސެއް ލައިފައެވެ. ރާއިފްގެ ރީތިކަމަށް ޝާނާއަށް ތައުރީފުކޮށްލެވުނީ ހިތުންނެވެ. ހިތަށް ވެރިވެގެން ދިޔައީ އާދަޔާޚިލާފު ޝުއޫރެކެވެ. ނަމަވެސް ދެވަނަ ހިނދުގައި ޝާނާ އިސް ޖަހައިލިއެވެ. ފިރިމީހާ ނޫން އެހެން މީހަކަށް އެ ފަދަ ބެލުމަކުން ބަލަން ބޭނުން ނުވާތީއެވެ.

" ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްދަލުކުރަން އައިސް ދިނީތީ" ރާއިފް ޝާނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. އެއަޑުގައި ރުޅިވެރިކަމެއް ނެތެވެ. ނަމަވެސް އުފާވެރިކަމެއް ވެސް ނެތެވެ.

" އަސްލު އަހަރެން ޖެހޭނީ ޝުކުރު އަދާކުރަން ބައްދަލުކުރަން އެދުނީތީ.. އަހަރެން ހުރީ ރާއިފްގެ ޚަބަރެއް ވާނެ ދުވަހަކަށް އިންތިޒާރުގަ.. " ޝާނާ ބުންޏެވެ. އެވަގުތު ވެއިޓަރެއް އައިސް ގެނެސްދޭންވީ އެއްޗެއް އަހައިލިއެވެ.

" ވަން ކަޕަޗީނޯ އެންޑް ވަން ޑީކޭފް ނެސްކެފޭ ކޮފީ.." އޯޑަރު ދިނީ ޝާނާއެވެ. ރާއިފް ޝާނާއަށް ބަލައިލީ ހައިރާންވެފައެވެ. އެ ކަހަލަ ތަނަކަށް އައިސްފި ނަމަ އޭނާ އަބަދު ވެސް ބޮނީ އެ ވައްތަރުގެ ކޮފީކަން އަދިވެސް ޝާނާ ހަނދާން ހުރީތީއެވެ.

" ހުމް ދެން ބުނެބަލަ އަސްލު ކީއްކުރަންތަ ބައްދަލުކުރަން ބުނީ؟" މޭޒުގައި ދެއަތް އަޅުވައިލައި ރާއިފާ ދިމާލަށް ބަލައިލަމުން ޝާނާ އަހައިލިއެވެ.

" ކިހިނެއްތަ ހާލު؟ ލައިފް ރަނގަޅުތަ؟" އެންމެ ފުރަތަމަ ވެސް ރާއިފް އަހައިލިއެވެ، އެސުވާލު އޭނާ ކުރީ ވާހަކަ ފެށުމުގެ ގޮތުން ކަމެއް ނޫނީ އޭނާގެ ހިތް އެ ސުވާލުގެ ޖަވާބު އެނގެން ބޭނުންވެގެން ކަމެއް ރާއިފަކަށް ނޭނގުނެވެ. ޝާނާގެ ތުންފަތްމަތިން ފާޅުވީ ހިތި ހިނިތުންވުމެކެވެ.

" ލައިފް ދޯ.. ގޯހެއް ނޫން.." ޝާނާ އެހެން ބުނެލީ ފާޑަކަށެވެ. އެކަން ރާއިފަށް ވެސް އިހުސާސްވިއެވެ.

" މީހަކާ ނީންނަންތަ އަދިވެސް..؟" ރާއިފް އަހައިލިއެވެ. ދައްކަން އައި ވާހަކަތަކާ މުޅިން ތަފާތު ވާހަކަތަކެއް ދެއްކޭތީ ރާއިފް ހައިރާންވިއެވެ. އޭނާ އެތަނަށް އައީ ފަހަރެއްގައި ވެސް ޝާނާގެ ދިރިއުޅުމުގެ ވާހަކަތައް ދައްކާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާއަށް އެ ސުވާލުތައް ކުރެވެނީއެވެ. ރާއިފްގެ ސުވާލު އިވިފައި ޝާނާ ހައިރާންވިއެވެ. ރާއިފް ދައްކަން އުޅެނީ ކޮންވާހަކައެއް ބާއޭ ހިތަށް އެރިއެވެ. އޭނާ މީހަކާ އިނދެގެން އުޅޭ ވާހަކަ އެނގިއްޖެ ނަމަ ރާއިފް ދެރަވާނެކަން ޔަގީނެވެ. އެހެން ނަމަވެސް ރާއިފަށް އެއްވެސް ކަމެއް އޮޅުވައިލާކަށް އޭނާ ބޭނުމެއް ނޫނެވެ.

" އަހަރެން މީހަކާ އިނދެގެން އުޅެނީ.. މިހާރު ހަތަރު އަހަރު ވާން އުޅެނީ.." ޝާނާގެ ޖަވާބު އިވިފައި ރާއިފަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ޝާނާގެ ފަރާތުން ލިބުނީ އޭނާ އުއްމީދުކުރި ފަދަ ޖަވާބެއް ނޫނެވެ. ޝާނާ މީހަކާ އިނދެގެން އުޅޭނެކަމަށް ފަހަރެއްގައި ވެސް އޭނާއަށް ހިއެއް ނުކުރެވެއެވެ. ލިބުނު ޅަބަރުން ދެރަވާ ނުވާކަމަށް ހެދެން އުޅުނަސް އޭނާގެ ހިތަށް ތަދުވިއެވެ. ދައްކަން އައި ވާހަކަ ނުދައްކާ އެ ތަނުން ތެދުވެގެން ދާން ވެސް ހިތަށް އެރިއެވެ. އެހެން ނަމަވެސް މިރޭ މި ތަނަށް އޭނާ އައީ އެހެން މަޤްސަދެއްގައެވެ. އެހެންކަމުން މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ފޮރުވައިލަމުން އޭނާ ހިނިތުންވެލިއެވެ.

"މަރުހަބާ.. އުފާވެރި ހަޔާތަކަށް އެދެން.." ރާއިފް ބުންޏެވެ. ރާއިފްގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމާއި އެ އަޑުގައިވި ރިހުން ޝާނާއަށް ސިއްރެއް ނުވިއެވެ. ޝާނާ އެންމެ ހައިރާންވީ އެ ވަގުތު ޚުދު ޝާނާގެ ހިތަށް ވެސް ރިހުމެއް އިހުސާސް ކުރެވުނީތީއެވެ.

" އަސްލު އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.. އެ ރޭ އަހަރެންގެ މި ދެ ލޮލަށް ފެނުނު މަންޒަރުގެ ހަޤީގަތަކީ ކޮބައިކަން އެނގެން ބޭނުންވާތީ އަހަރެން މިތަނަށް މި އައީ.. މާލަސް ވެސް ވެއްޖެކަން ކަންނޭނގެ މިހެން އަހަން.. އެކަމަކު މިހާރު އަހަރެން އަހައިލަން ބޭނުން ކީއްވެގެންތޯ ޝާނާ އެ ގޮތަށް ކަންތައް ކުރީ.." ރާއިފްގެ ވާހަކަ އަޑު އިވިފައި ޝާނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ރާއިފްގެ ފަރާތުން އެ ސުވާލު އަންނާނެކަން މާކުރިން ވެސް އޭނާއަށް އެނގެއެވެ. އޭނާ ހުރީ ވެސް އެ ސުވާލުގެ ޖަވާބުދޭން ތައްޔާރުވެގެންނެވެ. އެހެންނަ މަވެސް ޖަވާބުދާރީވާން ޖެހޭ ވަގުތު އައިސް ޖެހުނު އިރު އޭނާއަށް ފަސްޖެހެވެނީ ކީއްވެ ހެއްޔެވެ؟

*****

އާދައިގެ މަތިން މިރޭ ވެސް ޒިދާން އިޝާ ނަމާދުކޮށް ނިންމައިލުމަށް ފަހު މިސްރާބު ޖެހީ ތާޝާ އުޅޭ ގެ ކައިރިއަށް ދިއުމަށެވެ. ސައިކަލު ޕާކުކޮށް ސައިކަލުން ނުފައިބައި އިނދެ އެންމެ ފުރަތަމަ ވެސް ޒިދާން ބަލައިލީ އާންމުކޮށް އޭނާއަށް ތާޝާ ފެންނަ ކުޑަދޮރާ ދިމާލަށެވެ. އެންމެ ފަހަރަކު ވެސް ކުޑަދޮރު ހުޅުވައިލައިފައި ތާޝާ ބަލައިލާނެ ނަމައޭ ޒިދާންގެ ހިތަށް އެރިއެވެ. ޒިދާނަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ މީހަކު އައިސް އޭނާގެ ގަމީހުގެ ކަރުވަޅުގައި ހިފުމުންނެވެ. އެމީހަކު ޒިދާންގެ ކަރުވަޅުގައި ހިފާ ދަމައިގަތް ވަގުތު ސައިކަލުން ކައްސައިލައިގެން ޒިދާން ތިރިއަށް ވެއްޓުނެވެ. ނުވެސް ދަންނަ މީހަކު އައިސް އެ ގޮތަށް ކަންތައް ކުރުމުން ޒިދާން ކައިރިއަށް އިންތިހާއަށް ރުޅިއައެވެ. ޒިދާން ތެދުވުމުގެ ކުރިން އެމީހަކު ޒިދާންގެ އަތުގައި ހިފައިފައި ނެގިއެވެ، ޒިދާން ވާހަކަދައްކަން އަނގަ ހުޅުވާލި ވަގުތު އެމީހަކު ގޮށްމުށުން ޖެހީ ޒިދާންގެ ނޭފަތް މަތީގައެވެ. އެ ވަގުތު ހިނދުކޮޅަކަށް ޒިދާންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ނޭފަތުން ފައިބާން ފެށިތައް ލޭތައް ފޮހެލަމުން ޒިދާން އެމީހާއާ ދިމާލަށް ބަލައިލީ ރުޅި އައިސް ރަތްވެ ހުރެއެވެ. މަގުމަތިން ދާ ބައެއް މީހުންނަށް  އެމަންޒަރު ފެނުމުން ހުއްޓުނެވެ. އެކަކު އެހީވާން އެ ދިމާލަށް ދިޔަ ނަމަވެސް ދެން ފެނުނު މަންޒަރާ އެކު އެ މީހާ ވެސް ފަހަތަށް ޖެހުނެވެ. ހައެއްކަ މީހުންގެ ގުރޫޕަކުން ޒިދާން ވަށައިލީ ތޫނު ހަތިޔާރާ އެކީގައެވެ.

" ތީ ކޮންބައެއް؟ ކިހިނެއްވެގެންތަ ތި އުޅެނީ؟" ޒިދާން ހަޅޭއްލަވައިގަތެވެ.

" މީ ކޮންބައެއްތޯ ބަލާނެ ކަމެއް ނެތް؟ މިރޭގެ ފަހުން ދެން މިހިސާބުން ކަލޭ ފެނިގެން ނުވާނެ.. ފެނިއްޖިއްޔާ ކަލޭގެ ދުވަސް ދުއްވައިލާނަން... ކަލޭމެން ކަހަލަ މީހުންނާ ހެދި މުއްސަނދިންގެ ދަރިންނަށް ބޭރަށް ނިކުމެ އުޅެން ދަތި ވަނީ... ކަލޭ ޖެހޭނީ ތާޝާ މަތިން ހަނދާން ނައްތައިލާން ،އެހެން ނޫނީ ކަލޭ ޖެހޭނީ މާލެއިން ފައިބައިގެން ދާން.." އެ ތަނުން އެންމެ އިސްކޮށް ހުރި މީހާ ވާހަކަ ދެއްކިއެވެ. އެމީހާ ދިން އިންޒާރަކަށް ޒިދާން ކުޑަކޮށް ވެސް ބިރެއް ނުގަތެވެ. ބަދަލުގައި އޭނާގެ ގާތަށް އައީ ރުޅިއެވެ.

" އަހަރެން މަރު ވެދާނެތީ ބިރެއް ނުގަނޭ.. ކަލޭމެން ބޭނުން ގޮތެއް ހަދާ އެކަމަކު ތާޝާ މަތިން ދުވަހަކު ވެސް ހަނދާނެއް ނައްތައެއް ނުލެވޭނެ.. އެންމެ ފަހުން ނޭވަޔާ ޖެހެންދެން ވެސް ތާޝާގެ ލޯބި ހާސިލް ކުރުމަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން..." ޒިދާން ބުނީ އެންމެންނަށް އިވޭ ވަރަށް ބާރަށެވެ. ދެން ފެނިގެން ދިޔަ މަންޒަރުން ، މަންޒަރު ބަލަން ތިބި ބައެއް މީހުން ދުރަށް ދުއްވައިގަނެ އަނެއް ބަޔަކު ތިބީ ދެ ލޯ ބޮޑުކޮށްގެން ބަލާށެވެ. ފުލުހުންނަށް ވެސް އެ ތަނުން މީހަކު ގުޅީ އިރުކޮޅެއް ފަހުންނެވެ. މުޅި ހިސާބަށް ވެރިވެފައި އޮތީ ޒިދާންގެ ހަޅޭކުގެ އަޑެވެ. މުޅިތަން ލޭގެ ކޯރަކަށް ވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ،

 

Ads by Allied Insurance
  1. ވާހަކަ އަޕް ކުރާލެއް ލަސްކަމަށް ފާހަގަ ކޮށްލެވޭ