ޚަބަރު ސަރުކާރު

މޮރިޝަސްގައި އިންޑިއާ އަސްކަރީ ބޭސްއެއް އަޅަނީ އައްޑޫގެ މަގުތައް ހަދާ ކުންފުނިން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާއިން ސިއްރު އަސްކަރީ މަރުކަޒެއް އެޅުމުގެ މަސައްކަތް ކުރަނީ އައްޑޫ ސިޓީގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުންކަން ހާމަވެއްޖެއެވެ.

Ads by STELCO

އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 1.19 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުވި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ އެކު އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައި ވަނީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ.

730 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާ ގޮތަށް އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްފައިވާ އެ މަޝްރޫޢުގެ ދަށުން އައްޑޫ ފޭދޫ ފިޔަވާ ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫގައި ޖުމްލަ 40 ކިލޯ މީޓަރުގެ މަގު ތާރު އަޅައިގެން ހެދުމަށް ހަމަޖެހިފައި ވެއެވެ. އަދި ތާރު އަޅައިގެން ތަރައްްޤީކުރާ މަގުތަކުގެ އިތުރުން 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔަރ އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ތަރައްޤީކުރާ މަގުތަކުގައި މަގުބައްތި ޖެހުމާއި، ސީސީޓީވީ ކެމެރާ ހަރު ކުރުމާއި، ޓްރެފިކް ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ވެސް ޤާއިމްކުރުން ހިމެނެއެވެ.

އަލް ޖަޒީރާގެ ތަޙްޤީޤީ ނޫސްވެރިކަން ކުރާ ޑިޕާޑްމެންޓުން އާންމުކުރި އިންވެސްޓިގޭޓިވް ރިޕޯޓްގައި ބުނީ މޮރިޝަސްގެ މައި ރަށާ 684 މޭލު ދުރުގައި އޮންނަ އަގަލެގާގައި އުމްރާނީ ވަސީލަތްތައް ވަރުގަދަ ކުރުމުގެ ނަމުގައި އަސްކަރީ މަރުކަޒެއް އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި އެ އަސްކަރީ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮން ކުންފުންޏާ 250 މިލިއަން އެމެރިކާ ޑޮލަރަށްކަން އަލްޖަޒީރާއިން ހޯދި ބައެއް ލިޔެކިޔުންތަކުން ވަނީ ދައްކައިފައެވެ.

އަލް-ޖަޒީރާއިން ބުނެފައި ވަނީ އަގަލޭގައި ތަރައްޤީ ކުރަމުން އަންނަނީ އެންމެ ވަރުގަދަ އަސްކަރީ ބޯޓުތައް ވެސް ޖެއްސޭ ވަރުގެ ރަންވޭއެއް ކަމަށާއި މިއީ އަސްކަރީ ބޭނުމަށް ތައްޔާރު ކުރާ ރަންވޭއެއް ކަމަށެވެ. އަދި އަސްކަރީ ބޭސްއެއް އެޅުމުގެ މަސައްކަތް އިންޑިއާއިން ފަށައިފައި ވަނީ މޮރިޝަސްގެ ކަނޑާއި ވައިގެ ދަތުރުތަކާ ގުޅޭ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް އިންޑިއާއާއި އެ ޤައުމާ ދެމެދު 2015 ވަނަ އަހަރުވި އެއްބަސްވުމެއްގެ ދަށުން ކަމަށް ވސް ބުނެފައި ވެއެވެ.

މޮރިޝަސްގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅާ ވާހަކަ މީގެ ކުރިން ވެސް ވަނީ ދެކެވިފައެވެ. އެހެން ނަމަވެސް އޭރު ، މޮރިޝަސްގެ ސަރުކަރުން މިކަން ވަނީ ދޮގުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!