ސަރުކާރުން ބޭނުންވަނީ ނަޝީދު ބޭރުގައި ބަހައްޓަންކަމަށް ވެދާނެ: ޝަރީފް

ސަރުކާރުން ބޭނުން ވަނީ ނަޝީދު ބޭރުގައި ބަހައްޓަން ކަމަށް ވެދާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަން ރާވައިފައިވާ ގޮތް އެނގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ މަޖިލީހުގެ ރެކޮމަންޑޭޝަންތަކަށް ސަރުކާރުން އިޖާބަ ދޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން އެކަން ވެސް ނުކުރެއްވި ކަމަށާއި ރައީސް މުހައްމަދު ނަޝީދު ބޭރުގައި ބެހެއްޓެވުމަކީ މިސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވެދާނެ ކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސްގެ ގާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން، އެ މަނިކުފާނަށް ލިބިލެއްވި އަނިޔާތަކަށް އޭޑީކޭއާއި ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށް ފަހު މިވަގުތު އެ މަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ.