ޑެލްޓާ ވޭރިއަންޓް ވަރަށް ހަލުވި؛ ވެކްސިން ޖެހުމާއި ނުޖެހުމާ ގުޅުމެއް ނެތް!
![](https://dhen.mv/wp-content/uploads/2021/04/41731774-9468693-A_woman_receives_a_dose_of_the_Johnson_Johnson_vaccine_in_Chicag-a-55_1618385369153.jpg)
އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑް-19 ޑެލްޓާ ވޭރިއަންޓަކީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއަންޓެއް ކަމަށާއި ވެކްސިން ޖަހާ ފަރާތްތަކާއި ވެކްސިން ނުޖަހާ ފަރާތްތަކަށް ވެސް ވައިރަސް ޖެހޭ މިންވަރު އެއްވަރު ކަމަށް ބެލެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސިވިލާތުގެ އާއްމު ސިއްޙަތާ ބެހޭ އެންމެ މަތީ އިދާރާ، ޕަބްލިކް ހެލްތް އިންގްލެންޑް (ޕީއެޗްއީ)އިން ހާމަކޮށްފިއެވެ.
ޕީއެޗްއީއިން މިގޮތަށް ބުނެފައި ވަނީ އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލްއިން ވެކްސިން ޖަހައިފައިވާ މީހުންނަށް ވެސް ޑެލްޓާ ވޭރިއަންޓްގެ ވައިރަސް ޖެހެމުން އަންނަ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މިދިޔަ ހަފްތާގައި އިރުޝާދު ދީފައި ވަނިކޮށެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް 4.4 މިލިޔަން މީހުން ވަނީ މަރުވެފައެވެ. މިހާރު އެންމެ ހަލުވިކަމާ އެކު ހުރިހާ ޤައުމެއްގައި ވެސް ފެތުރެމުން އަންނަނީ ކޮވިޑް-19 ޑެލްޓާ ވޭރިއަންޓެވެ.
ވެކްސިން ޖެހުމުން ކޮވިޑް-19 އެ މީހަކަށް ކޮވިޑް-19 ޖެހުނަސް ބަލީގައި ބޮޑުވަރު ނުވާ ކަމަށާއި ބަލީގެ ސަބަބުން މަރުވުމުގެ ފުރުސަތު ކުޑަ ކަމަށް ޕީއެޗްއީއިން ހާމަކުރެއެވެ.
"މިހާރު ލިބެން ހުރި ޑޭޓާތަކަށް ބަލާއިރު، ވެކްސިން ޖެހި މީހުންނާއި ވެކްސިން ނުޖަހާ މީހުންނަށް ވެސް ބަލި ޖެހެނީ އެއްވަރެއްގައި. އެހެން ނަމަވެސް ޑެލްޓާ ވޭރިއަންޓް ޖެހިގެން ހޮސްޕިޓަލްގައި އެނދުމަތިކުރަން ޖެހުނު މީހުންގެ ތެރެއިން 55.1 އިންސައްތަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން. އަދި 34.9 މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން" ޕީއެޗްއީއިން ހާމަކުރެއެވެ.