ތާލިބާނުންގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ވަނީ، އަފްގާންގެ 8 ޕްރޮވިންސްއެއް ހިފައިފި
އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތް، ތާލިބާނުންގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަކޮށް އެގައުމުގެ 8 ޕްރޮވިންސްއެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މިހާތަނަށް ތާލިބާނުން އަފްގާންގެ 8 ޕްރޮވިންސްއެއް ހިފާފައިވާއިރު މިއީ ނުރައްކާތެރި ސިގްނަލެއްކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޚަބަރުތައް ބުނާގޮތުގައި އިއްޔެގެ މެންދުރުގެ ވަގުތެއްގައި އަފްގާންގެ ފަރަހް ޕްރޮވިންސްއަށް ވަދެގަނެފައިވާއިރު އެ ޕްރޮވިންސްގެ ޕޮލިސް ހެޑްކުއާޓާއާއި ގަވަރުނަރުގެ އޮފީސް ވެސްް ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް ފަރަހް ޕްރޮވިންސްގެ ޕްރޮވިންޝިއަލް ކައުންސިލުން ވަނީ އޭއެފްޕީ ނިއުސްއަށް މައުލޫމާތު ދީފައެވެ. އަދި އެ ޕްރޮވިންސްގެ ޖަލުތައް ވެސް މިހާރުވަނީ ތާލިބާނުންގެ އަތްދަށުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަރަހް ޕްރޮވިންސްއަކީ މިދިޔަ ހުކުރު ދުވަހު ތާލިބާނުންގެ އަތްދަށަށް ގެންގޮސްފައިވާ ނިމްރުޒް ޕްރޮވިންސްއާ ޖެހިގެން އޮންނަ ޕްރޮވިންސްއެވެ.
އިއްޔެ ތާލިބާނުންގެ އަތްދަށަށް ގެންގޮސްފައިވާ ދެވަނަ ޕްރޮވިންސްއަކީ ބަގްލާން ޕްރޮވިންސްގެ ކެޕިޓަލް ޕްރޮވިންސްއެވެ. މިއީ ވެރިރަށް ކާބުލްއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ޕްރޮވިންސްއެކެވެ. ތާލިބާނުން އެ ޕްރޮވިންސްގެ ތެރެއަށް ވަދެގަނެފައި ވަނީ 2 ގަޑިއިރުގެ ހަމަލާ ބަދަލު ކުރުންތަކަކަށް ފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން ވެސް މި ހަފްތާތެރޭގައި އަފްގާނިސްތާނުގެ ކުންދުޒް އަދި ތަކްހަރު ޕްރޮވިންސް ވެސް ވަނީ ތާލިބާނުންގެ އަތްދަށަށް ގެންގޮސްފައެވެ. އަދި ޖަވުޒްޖަންގެ ޝެބެރގާން ސިޓީ ވެސް ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.