ދުނިޔެ

އަފްގާން ރައީސް ފިއްލަވައިގެން ހުންނެވީ ޔޫއޭއީގައި؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތާލިބާނުންގެ އަތްދަށަށް އަފްގާނިސްތާނު ގެންދިޔުމުން އެ ގައުމުގެ ރައީސް އަޝްރަފް ގަނީ ފިއްލަވައިގެން ވަޑައިގެންހުންނެވީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަމަށް އެގައުމުން ކަށަވަރުކޮށްދީފިއެވެ.

Ads by WAMCO

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ޔަގީން ކޮށްދީފައިވާގޮތުގައި އެ ގައުމުން ވަނީ ރައީސް އަޝްރަފް ގަނީއާއި އެމަނިކުފާނުގެ އާއިލާއަށް ވަނީ މަރުހަބާ ކިޔައިފައެވެ.

އަފްގާންގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރަައީސް ގަނީއަށް ޔޫއޭއީން  ދިޔުމަށް ހުށައެޅީ އަފްގާނިސްތާނުން ފުރާވަޑައިގެންނެވި ފަހުންނެވެ. އަދި ގައުމުން ފިއްލަވައިގެން އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަންނަވަން އުޅުއްވީ ތަޒަކިސްތާނު، އުޒްބަކިސްތާން ނުވަތަ އޮމާން އަށެވެ.

"އަހަރެން ގައުމުގައި މަޑުކުރި ނަމަ މިއަދު ފެންނާނީ ބޮޑެތި ލޭ އޮހޮރުވުންތަކެއް ހިނގާތަން. އެހެން އެކަން ވާކަށް ބޭނުމެއް ނޫން. އެހެންވުމުން ސަރުކާރުގެ އިސްވެރިންގެ ލަފަޔާ އެކު ދަތުރު ފެށީ" ޔޫއޭއީއަށް ވަޑައިގަތުމަށް ފަހު ރައީސް ގަނީ މީޑިޔާއާ ބައްދަލު ކުރި ފުރަތަމަ ފަހަރު ވަނީ ވިދާޅުވެފައެވެ.

2014ވަނަ އަހަރު އެ ޤައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އަޝްރަފް އަލް ގަނީ މިހާރު ވަނީ ޤައުމުން ފިއްލަވައި ޔޫއޭއީއަށް ވަޑައިގަންނަވައިފައެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ތާލިބާނުންނާއި އެމެރިކާގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 40,000 އާއްމުން ވަނީ މަރުވެފައެވެ. އަދި 64,000 އަފްގާނިސްތާނުގެ މިލިޓަރީ ސިފައިންނާއި ބޭރު ޤައުމުތަކުގެ 3500 ސިފައިން ވަނީ މަރުވެފައެވެ.

އެމެރިކާއިން އަފްގާނިސްތާނުގެ ހަނގުރާމައަށް 1 ޓްރިލިއަންއަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!