ދުނިޔެ

ތާލިބާނުން އަފްގާން ހިފުމާ ގުޅިގެން އެމެރިކާގެ ރައީސަށް ގިނަ ސުވާލުތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފިއެވެ.

Ads by Sosun Fihaara

ވައިޓްހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ އަފްގާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ކާބުލްގެ އެއާޕޯޓަށް ގޮސް ދަތުރުކުރުމުގެ ރައްކާތެރިކަން ވެސް މިހާރު އެ ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.

"ނަމަވެސް މިއީ މިހާތަނަށް އެހެން ޤައުމަކުން އެމެރިކާގެ ރައްޔިތުން އަނބުރާ ގެނައުމުގައި އެންމެ ބޮޑަށް ދަތިތަކާ ކުރިމަތިވީ ފަހަރު" ރައީސް ބައިޑަން ވިދާޅުވެފައިވެއެވެ.

އިއްޔެ އެކަނި ވެސް އަފްގާނިސްތާނުން 5،700 މީހުން އަނބުރާ އެމެރިކާއަށް ގެންދިޔަކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ. އޭގެ ތެރެއިން 169 މީހުން ކާބުލްގެ އެއާޕޯޓަށް ވަނީ އެތަނުގެ ފުރާޅުމަތިން އަރައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"ގެއަށް (އެމެރިކާއަށް) އަންނަން ބޭނުން ކޮންމެ ރައްޔިތަކު ގެއަށް ގެންނާނަން" ބައިޑަން ވިދާޅުވިއެވެ.

ނަމަވެސް މީގެ އިތުރުން ބައިޑަން ވިދާޅުވީ، ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތުގައި ފަހުން ވާނީ ކިހިނެއް ކަމެއް ޔަގީންކަމާ އެކު ބުނެދޭން ނޭނގޭ ކަމަށެވެ. އެއީ އެކަމުގައި ހުރި ނުރައްކަލުގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.

ތާލިބާނުންގެ އަތް ދަށުން އެމެރިކާގެ ރައްޔިތުން އަނބުރާ ގެނައުމުގައި އެ ޤައުމާ އެކު ގުޅުން ބަދަހި ކޮށްފައި ވަނީ ކިހާ ވަރަކަށްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ އެމީހުންނާ އެކު އަބަދުވެސް ގުޅިގެން އެ މަސައްކަތް ކުރެވޭތޯ ބަލަމުންދާ ކަމަށާއި ދެ ފަރާތުން ވެސް ވާހަަކަ ދައްކަމުން ދާ ކަމަށެވެ.

"އަފްގާނިސްތާނުގައި ތިބި އެމެރިކާ އެއްވެސް ގެއްލުމެއް ދީފި ނަމަ އަހަރުމެންނަށް ވެސް ޖެހޭނީ އެމީހުންނަށް (ތާލިބާނުންނަށް) ހަމަލާ ދޭންކަން ވާނީ ތާލިބާނުންނަށް އަންގައިފައި" ބައިޑަން ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ، ތާލިބާނުން ޖަލުތައް ހުސްކުރި ގޮތް ހާމަވުމުން، އެއްވެސް ޓެރަރިސްޓް ހަމަލާއެއް ދޭތޯ އޮފިޝަލުން ދަނީ ގާތުން މޮނީޓާ ކުރަމުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!