ދުނިޔެ

ތުރުކީ ބޯޑަރުން އަފްގާނިސްތާނުގެ މީހުން އެތެރެވިޔަ ނުދިނުމަށް ގްރީސްގައި ފެންސު ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތުރުކީ ބޯޑަރު މެދުވެރިކޮށް އަފްގާނިސްތާނުގެ މީހުން ގްރީސްއަށް އެތެރެވިޔަ ނުދިނުމަށް ފެންސު ޖަހައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާގޮތުގައި އަފްގާނިސްތާނުން ގްރީސަށް މީހުން އެތެރެވިޔަ ނުދިނުމަށް އެ ޤައުމުން ވަނީ 40 ކިލޯމީޓަރުގެ ފެންސެއް ތުރުކީ ބޯޑަރާ ދިމާލުން ޖަހައިފައެވެ.

"ކަމެއް ވީމަ ފިޔަވަޅެއް އަޅަން އަހަރުމެންނަކަށް މަޑެއް ނުކުރެވޭނެ. އޭގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަޅައިގެން ތިބޭނީ. އަހަރެމެން ޖެހި ފެންސު ހަލާކެއް ނުކުރެވޭނެ" ގްރީސްގެ ސިޓިޒަން ޕްރޮޓެކްޝަން މިނިސްޓަރ މައިކަލިސް ކްރިސޯކޮއިޑިސް ބުންޏެވެ.

މައިކަލިސް މިހެން ބުނެފައި ވަނީ، އަފްގާނިސްތާނު ދޫކޮށް އަންނަ މީހުންގެ ޒިންމާ ޔޫރަޕްގެ ޤައުމުތަކުން ނެގުމަށް ތުރުކީގެ ރައީސް ރިސެޕް ތައްޔިޕް އުރްދުގާން ގޮވައިލުމާ ގުޅިގެންނެވެ.

ގްރީސްގެ ބޮޑު ވަޒީރު ކައިރިއާކޯސް މިޓްސޮޓަކިސްއާ ފޯނުން ދެއްކި ވާހަކަފުޅެއްގައި ތުރުކީގެ ރައީސް ވިދާޅުވީ ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔުމުގެ ސަބަބުން އެ ޤައުމު ދޫކޮށްދާ މީހުން ކުރިއަށް އޮތް ތަނުގައި އިތުރުވެސް ވެދާނެ ކަމަށާއި އެއީ އެންމެންނަށް ވެސް ހުރި ނުރައްކަލެއް ކަމުގައި ވެދާނެ ކަމަށެވެ.

"އީރާނާއި އަފްގާނިސްތާނުން އަޅަންވީ ފިޔަވަޅުތައް އަވަހަށް ނާޅައިފި ނަމަ، އަފްގާނުން މީހުން އެހެން ޤައުމުތަކަށް ދިޔުން ކޮންޓްރޯލުން ނައްޓަފާނެ" އެރްދުގާން ވިދާޅުވެފައިވެއެވެ.

އަފްގާނިސްތާނު ދޫކޮށް އެ ޤައުމުން ގިނަ އަދަދެއްގެ މީހުން ގޮސްފައި ވަނީ، ތާލިބާނުންގެ ބާރުގެ ދަށަށް އެ ޤައުމު ދިޔުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!