ރިޕޯޓް

އެހީ ރިޕޯޓު: އިރަމްގެ ހާލު އިތުރަށް ސީރިއަސް، އެދެނީ އެންމެހާ ފަރާތްތަކުގެ ހެޔޮ ދުޢާއާއި ދީލަތި އެހީއެއް ލިބުމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ މި އަހަރުގެ ރަމަޟާން މަހު ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި، އޭނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ މުޅީ ދުނިޔެއާ ހިއްސާ ކުރި އައިމިނަތު އިރަމްގެ ވާހަކައެވެ.

Ads by Sosun Fihaara

މިހާރު ވެސް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ އިރަމް، ކުރިން އެންމެންނަށް ވެސް އެނގިފައިވަނީ "އަސްރާ" ގެ ނަމުންނެވެ. ނަމަވެސް އޭނާގެ ނަން މިހާރު ވަނީ ބަދަލު ކޮށްފައެވެ.

ނަން ބަދަލު ކުރި ސަބަބާއި އޭނާގެ މިހާރުގެ ހާލަތު "ދެން" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި އިރަމް އާއި އޭނާގެ ފިރިމީހާ ޔާސިރު އަޙްމަދު ވަނީ ހިއްސާ ކޮށްފައެވެ.

ކުޑައިރުން ފެށިގެން ވެސް ބަލި، ދިރިއުޅުމުގައި ދިމާވި އެކިއެކި ހިތްދަތިކަން

އިރަމްގެ ދިރިއުޅުމާ ބެހޭ ގޮތުން މީގެ ކުރިން އެނގިފައިވާ ބައެއް މައުލޫމާތުތައް ފުރަތަމަ ހިއްސާ ކޮށްލާނަމެވެ. އެގޮތުން އެންމެ ކުޑައިރުން ފެށިގެން ވެސް ބަލިކޮށް އުޅުނު އިރަމްއަށް އެއިރު އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނު ދަތިކަމަކީ، އުމުރުން 3 އަހަރު ވެގެން ދިޔައިރު ވެސް ހިނގަން ނުފެށުމެވެ. އިރަމް ކިޔައިދިން ގޮތުގައި އެކަމުގައި އޭނާގެ މަންމަ ދެއްކި ހިތްވަރު ވަރަށް ބޮޑެވެ.

ބަލިވާކަން އެނގުން ނަމަވެސް، އެއިރު އިރަމްއަށް ޖެހިފައި ހުރީ ކޮން ބައްޔެއްކަން އެނގިފައި ނުވާތީ، އެއީ ވެސް ކުރިމަތިވި ވަރަށް ދަތިކަމެކެވެ. އެކަން ވެގެން ދިޔައީ އިރަމްއަށް ނަފްސާނީ ގޮތުން ވެސް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކަށެވެ.

"އަޅުގަނޑު ކިޔަވަން ބޭނުންވި، އެކަމަކު ނުކިޔެވޭ. ސްކޫލްގައި އުޅުން އިރު އަޅުގަނޑަށް ދިވެއްސާއި އިނގިރޭސިވެސް ކިޔާކަށް ނޭނގޭ. ކިތަންމެ ވަރަކަށް ކިޔަސް ދަސްނުވަނީ. އެކަމާ ވަރަށް ދެރަވި." ކުޑައިރުގެ ބައެއް ހަނދާންތައް އާކޮށްލަމުން އިރަމް ބުންޏެވެ.

އިރަމްއަކީ ކުރެހުމަށް އެއިރު ޝައުޤުވެރިކަން ހުރި ކުއްޖެކެވެ. ނަމަވެސް ސްކޫލުގައި އުޅުނު ދުވަސްވަރު އޭނާ މާމައިޑެއް ކުރެހުމުން، އެހެން ކުދިން އޭނާއާއި ދިމާލަށް މަލާމާތްކޮށް ލަދުގަންނަވައިލުމުން އޭނާ އެ ޝައުޤުވެރިކަން މަތިން ވެސް ފޫހިވީއެވެ.

އިރަމްގެ ޞިއްޙަތަށް އޮތް ނުރައްކާ އެނގުނީ އަނގައިންނާއި ކުޑަކަމުދާއިރު ވެސް ލޭ އަންނަން ފެށުމުންނެވެ. އާދައިގެ މަތިން ގޭތެރޭގެ މަސައްކަތެއްގައި އުޅެނިކޮން ކުޑަކޮށް ކެއްސާލި ތަނާ އަނގައި ލޭ އައުމުން ޑޮކްޓަރަށް ދެއްކިއެވެ. އެހެން ނަމަވެސް ބަލީގެ ޙަޤީޤަތް ނުހޯދި އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ނުރައްކާތެރި ދުވަސްތައް އާދައިގެ މަތީން މާޒީވެ ދިޔައީއެވެ.

ސްކޫލް ދައުރު ނިމި އިރަމް މާލެ ބަދަލުވީ ފޮނި ހުވަފެންތަކެއް ދެކިގެންނެވެ. އަލަތު ކައިވެންޏެއްކޮށް އުޅޭ ތަނުގެ ކުލި ދެއްކުމާއި، އެހެނިހެން ބޭނުންތައް ކުރުމަށް ފައިސާ ބޭނުންވާނެތީ އޭނާ ވަޒީފާއަކަށް ދާން ފެށިއެވެ. ފިހާރައެއްގެ ކޭޝިއަރުކަން ކުރަމުން ދިޔައިރު ވެސް ވަރުބަލިވުމާއި، އެކި ކަންތައްތައް ދިމާވަމުން ދިޔައެވެ. މިހެން ދުވަސްތައް ފާއިތުވަމުން ގޮސް ފިހާރައިގައި އިންދާ ވަރަށް ގަދަޔަށް ހުން އަންނަން ފެށި ކަމަށް ކުރިން ދިން އިންޓވިއުގައި އިރަމް ކިޔައިދިނެވެ. އެހެން ނަމަވެސް ޑޮކްޓަރަށް ދައްކާނެހައި ފައިސާއެއް އަތަކު ނެތެވެ. އެދުވަހު މާ ބޮޑަށް ހުން އަންނަން ފެށުމުން ޑޮކްޓަރަށް ދައްކަން އިރަމް ދިޔައީ އާދައިގެ ހުމެއް ކަމަށް ހީކޮށެެވެ. އެހެން ނަމަވެސް ކަން ދިމާކުރީ މުޅިން އެހެން ގޮތަކަށެވެ.

އިރަމްގެ ހާލަތު ގޯސް ކަމަށް ޑޮކްޓަރުން ބުނީ އެހިސާބުންނެވެ. ވަގުތުން އައިސީޔޫގައި އެޑްމިޓުވާން ޑޮކްޓަރުން ބުންޏެވެ. ފައިސާގެ ތަނަވަސްކަމެއް ނެތް އިރަމްގެ ވިސްނުމަށް ދެން އައީ އެކަމުގައި ދާނެ ޚަރަދެވެ. ހޮސްޕިޓަލުން ނިކުމެ ޑޮކްޓަރުންނަށް ނާންގާ އިރަމް ނިންމީ ގެއަށް ދާށެވެ. އިތުރު ގޮތެއް ނެތުމުންނެވެ. ގެޔަށް ގޮސް އާއިލާ މީހުންނާ އެވާހަކަ ހިއްސާ ކުރިއެވެ. އޭނާގެ ހާލަތު ރަނގަޅެއް ނޫނެވެ.

އިރަމް އައިސީޔޫގައި އެޑްމިޓް ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. މަހެއްހައި ދުވަހު އެތަނުގައި އޭނާއަށް ފަރުވާދިނެވެ. އައިސީޔޫއިން ނެރުނުއިރު އޭނާގެ ހަށިގަނޑަށް ވެސް ހުރީ ވަރަށް ބޮޑު ބަދަލެއް އައިސް، ވަރަށް ބޮޑަށް ހިކިފައެވެ. އައިސީޔޫގައި އެހާ ގިނަ ދުވަހު ބާއްވާފައި ފަރުވާއަށްފަހު ނެރުނު އިރުވެސް އިރަމްގެ ބައްޔަކީ ސީދާ ކޮބައިކަމެއް ޑޮކްޓަރުންނަށް ބުނެދެވިފައެއް ނުވެއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ރާއްޖެއިން ބޭރަށް އިރަމް ފުރައިގެން ދިޔައީ އޭނާ އެއިރު ކައިވެނި ކޮށްގެން އުޅުނު މީހާއާއެކުގައެވެ. އެތަނަށް ގޮސް ދެއްކުމުން އިރަމްގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުންޏެވެ. ކަންތައްތައް ދެން ދިމާވީ މުޅިން އެހެން ގޮތަކަށެވެ. އިރަމްއަށް ދަރިން ނުލިބޭނެ ކަމަށް ބުނެ އޭނާގެ ފިރިމީހާގެ ފަރާތުން ފެނުނު ނޭދެވޭ އަމަލުތައް ތަހައްމަލު ކުރަން ޖެހުނެވެ. އަދި އެފަދަ ބަލި ހާލަތުގައި އޮއްވާ ދޫކޮށްލާފައި އެ ފިރިހެން މީހާ ދިޔައީ ހިތުގައި އެއްވެސް ރަހުމެއް ނެތިއެވެ.

އެއީ ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ދުވަސްތަކެއް ކަމަށް އިރަމް މިހާރު ވެސް ބުނަމުން ދެއެވެ. އެދުވަށްފަހު އިރަމްގެ ބަލި ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސް ވަމުންނެވެ. ވާނުވާ ނޭނގި ވެއްޓެނީއެވެ. އަނގައި ލޭ އައުން އިތުރުވެ، ގައިގައި ވަރުދެރަވެ، ނުހިނގޭ ހާލަތަށް ވެސް ދިޔައެވެ.

އިރަމް އަށް ފަރުވާ ހޯދައި ދިނުމަށްޓަކައި އޭނާގެ ބައްޕަ ވީ ޤުރުބާނީ ވެސް އިންތިހާއަށް ބޮޑެވެ. އެގޮތުން 2011 ވަނަ އަހަރު އިރަމް ބަލިވެގެން، އައިޖީއެމްއެޗުންނާއި ރާއްޖެއިން ބޭރަށް ގޮސްގެން ވެސް ބޭސްކުރަން ވެގެން، އޭނާގެ ބައްޕަ ވަނީ ދެ ލައްކައެއްހާ ރުފިޔާ ޚަރަދު ކޮށްފައެވެ.

ނަމަވެސް ހަޔާތަށް އެއިރު އައިސްފައި ހުރި ނުރަނގަޅު މީހެއްގެ ސަބަބުން (ކުރީގެ ފިރިމީހާގެ ސަބަބުން) ބައްޕަ ދިން އެ ފައިސާއަށް ވީ ގޮތެއް އަދި އަދަށް ވެސް ނޭނގޭ ކަމަށް އިރަމް ބުންޏެވެ.

އެ ިތްދަތިކަމަށް ހިތްވަރެއް ލިބި، އިރަމްގެ ހަޔާތާ ދެން ބައްދަލު ކުރީ އޭނާ މިހާރު އިނދެގެން އުޅޭ ޔާސިރުއެވެ. ޔާސިރަކީ އިރަމް ސިފަކޮށްފައިވާ ގޮތުގައި އޭނާއަށް ލިބުނު އަގުބޮޑު ޖަވާހިރެކެވެ. ދިމާވި ކޮންމެ ކަމެއްގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުންނަ މީހަކީ ޔާސިރެވެ.

"އަސްރާ" އިން "އިރަމް" އަށް ބަދަލުވީ ކީއްވެ؟

ކުރިންވެސް ބުނި ފަދައިން ގިނަ މީހުންނަށް އިރަމް އެނގިފައިވަނީ "އަސްރާ" ގެ ނަމުންނެވެ. އެއީ އޭނާއަށް އެންމެ ތުއްތުއިރުން ފެށިގެން ވެސް ކިޔާފައިވާ ނަން ކަމުގައިވާތީއެވެ.

ނަމަވެސް މި މަހުގެ ކުރީކޮޅު، އެ ނަން ވަނީ ރަސްމީކޮށް "އިރަމް" އަށް ބަދަލުކޮށްފައެވެ.

"ދެން" އަށް މައުލޫމާތު ދެމުން އިރަމްގެ ފިރިމީހާ ޔާސިރު ބުނީ ނަން ބަދަލު ކުރީ ވަރަށް ގިނަ ދީނީ ޢިލްމުވެރިންގެ ވެސް ލަފާގެ މަތިން، ނަމުން ވެސް ޝިފާއެއް ލިބޭނެކަމުގެ އުންމީދުގައި ކަމަށެވެ.

"ވަރަށް ގިނަ މީހުން ބުނި، ކިޔާފައި އިންނަ ނަމުގެ ސަބަބުން ވެސް ދިރިއުޅުމަށް އަސަރުކޮށް، ބަލިވެ އެކަހަލަ ކަންކަން ވެދާނޭ. ނަން ބަދަލު ކުރުމުން ވެސް ބައެއް ފަހަރު ބަލި ފަސޭހަވެގެންދާ ކަމަށް ބުނި. އަސްރާ ގެ މާނައަކީ އެންމެ ރަނގަޅު މާނައެއް ނޫނޭ ބުނީ. އަސްރާގެ މާނައަކީ 'މަންޒިލެއް ނެތި ދަތުރުކުރުން'، އިރަމްގެ މާނައަކީ ސުވަރުގޭގެ ބަގީޗާ." ޔާސިރު ބުންޏެވެ.

ނަން ބަދަލު ކުރުމަށް ފަހު ވެސް އިރަމްގެ ބަލި ހާލަތަށް އަދި މާބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވި ނަމަވެސް އެ ދެމަފިރިން ވެސް އެދެނީ ހުރިހާ ބޭފުޅުން ވެސް "އިރަމް" އެ ނަން ބޭނުން ކުރުމަށެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، އަޅުގަނޑަށް އިރަމް ކިޔާފައި މުޚާތަބް ކުރުން. އެއީ ދީނީ ވަރަށް ގިނަ ޢިލްމުވެރިންގެ އިރުޝާދުގެ މަތިން ނަން ބަދަލުކުރީ. މިކަމުން ކިރިޔާވެސް ލުޔެއް ލިބޭނެ ގޮތެއް އިނިއްޔާ އެގޮތެއް ހޯދަން އަޅުގަނޑުމެން ބޭނުން" ފުން އަސަރާއެކު އިރަމް އެދުނެވެ.

ބޭސްފަރުވާއަށް ޔޫއޭއީއަށް ފުރަން ތައްޔާރުވެފައިވާއިރު، ހެޔޮ ދުޢާއާއި ދީލަތި އެހީ ބޭނުން

އިރަމްއަށް ޖެހިފައިވަނީ ކޮން ބައްޔެއްކަން މިހާރު ވަނީ ދެނެގަނެވިފައެވެ. އޭނާ ދަނީ އެއިސެންމެންގާ ސިންޑްރޯމް އާ ހަނގުރާމަ ކުރަމުންނެވެ. ޑޮކްޓަރުން ކުރިން ބުނެފައިވާ ގޮތުގައި މިކަމުން އިރަމްގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ހިތާއި ފުރަމޭގެ ޓްރާންސްޕްލާޓެއް ހަދައިގެންނެވެ.

މި ބަލި ތަޙައްމަލު ކުރަމުންދާ އިރަމް ދާދި ފަހުން މިދިޔަ ހަފްތާގައި ވެސް ވަނީ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ. އެދުވަހު ވެސް އޭނާއަށް ނޭވާލާން ވަރަށް އުނދަގޫވި ކަމަށާއި، އެހެން ދުވަސްތަކަށްވުރެ ބޮޑަށް އުނދަގޫވި ކަމަށް އޭނާގެ ފިރިމީހާ ޔާސިރު ބުންޏެވެ. އެހެންކަމުން އިރަމްއަށް އަވަސް ފަރުވާ ލިބުމަށް ވަނީ ބޭނުންވެފައެވެ.

"މިކޮޅުގައި ވާގޮތަކީ ސީދާ ޑައިގްނޯސިސްއެއް ވެސް ނުއެއް ދެވޭ. ރާއްޖޭގައި މިކަމަށްތަކައި ދެވޭނެ އެއްވެސް ކަހަލަ ޑެފިނިޓިވް ފަރުވާއެއް ނެތް. ލުއި ކޮށްލައިދޭން ތަދުކަނޑުވާ ބޭސް ދެވެން ހުންނަނީ. މީގައި ޑެފިނިޓިވް ޓްރީޓްމަންޓަކަށް އަސްލުގައި އިންނަނީ ވެސް ޓްރާންޕްލާންޓު އެކަނި. ރާއްޖޭގައި އެކަން ކުރެވޭކަށް ނެތް." ޔާސިރު ބުންޏެވެ.

އިރަމް ގޮވައިގެން ޓެސްޓުތައް ހަދަން ވެގެން ފުރަތަމަ ދާން ނިންމީ އިންޑިއާ އަށެވެ. ނަމަވެސް އިންޑިއާގައި ބްލެކް ފަންގަސް އާއި ކޮވިޑް-19ގެ އާލަމީ ވަބާ ވެސް ވަރަށް ބޮޑުވެފައި ހުރުމުން (އިރަމް އަކީ ހައިރިސްކް މީހަކަށްވާތީ)، ސަރުކާރާ ވެސް ވާހަކަ ދައްކައިގެން އެމީހުން ނިންމީ ބެންގްކޮކްއަށް ދާންށެވެ. ނަމަވެސް އެ ޤައުމުގައި ވެސް ކޮވިޑް ގެ ރާޅެއް އަނެއްކާ ވެސް ފެތުރުމަ ގުޅިގެން އެތަނަށް ދިޔުން ވެސް ކެންސަލް ކޮށްލަން ޖެހުނީއެވެ. މިހާރު އިރަމްއަށް ފަރުވާ ދޭން ގެންދިޔުމަށް ހަމަޖެހިފައިވަނި ޔޫއޭއީ އަށެވެ. އެ ޤައުމަށް މާދަމާ ފުރަން ހަމަޖެހިފައިވާ އިރު، އެ ދެމަފިރިންގެ އަތްމަތި އެހާވެސް ތަނަވަސް ނުވުމުން އެކަމުގައި ދީލަތި ފަރާތްތަކުގެ އެހީތެރިކަމަށް ވަނީ ބޭނުން ވެފައެވެ.

"ދުބާއީގައި ހުންނަ އެމެރިކަން ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށް މި މަސައްކަތް ކުރަނީ. ޓެސްޓުތައް ހަދަން މިހާރު ހުރިހާ ކަމެއް ވެސް ވަނީ ހަމަޖައްސާފައި. ޓެސްޓުތަކާ އެއްޗެހި ހަދާފައި އެލިބޭ ނަތީޖާ ހޮސްޕިޓަލަށް ފޮނުވީމަ އަޅުގަނޑުމެންނަށް އަސްލު އޮރިޖިނަލް ޓްރީޓްމަންޓުގެ އަގުތައް ލިބެން އޮތީ. އެސްޓިމޭޓެޑް އަގުތަކެއް އެބައިން މިހާރުވެސް ލިބިފައި. އޭގައި އިނީ ހާޓް ޓްރާންސްޕްލާންޓަކަށް އެކަނި ދާ ކަމުގައި ވެއްޖިއްޔާ 990،00 ޑޮލަރު، ލަންގް ޓްރާންޕްލާންޓަކަށް އެކަނި ދާކަމުގައި ވެއްޖިއްޔާ 750،000 ޑޮލަރު." އިރަމްގެ ބޭސްފަރުވާއަށް ހޮސްޕިޓަލުން ލަފާކޮށްފައިވާ އަގުތައް ކިޔައިދެމުން ޔާސިރު ބުންޏެވެ.

ޔާސިރު ބުނި ގޮތުގައި މި ދަތުރުގައި އެމީހުން ދަނީ ޓެސްޓުތައް ހަދައި، އިރަމްގެ ބޭސް ފަރުވާގެ ކަންކަން ދެން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތައް އޮޅުން ފިލުވާށެވެ. އެއާއެކު ޓެސްޓުގެ ނަތީޖާއަށް ފަހު، ޓްރާންސްޕްލާންޓަށް އަރާނެ ސީދާ އަގުތައް ވެސް އޮޅުން ފިލުވާށެވެ.

ތިޔަ އެންމެހާ ކިޔުންތެރިންގެ ކިބައިން އިރަމް އެދެނީ އޭނާއަށް ދީލަތިކަމުގެ އަތެއް ދިއްކޮށްދިނުމަށެވެ. ނޫންނަމަ، ހެޔޮދުޢާ ކޮށްދިނުމަށެވެ.

އަޅުގަނޑަށް ފަރުވާ ލިބުމަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި ދެއްވައި. ނޫންނަމަ ހެޔޮ ދުޢާއެއް ކޮށްދެއްވާ. އަޅުގަނޑަށް ހެޔޮ އެދިގެން ބުނާ ކުޑަ ކުޑަ ބަހެއް ވެސް މިހާރު އަޅުގަނޑަށް ވާނީ ވަރަށް އަގުހުރި ހަދިޔާއަކަށް. ފައިސާގެ އެހީއެއް ވެދެވެން ނެތްނަމަ ހެޔޮ ދުޢާއެއް ނަމަވެސް ކޮށްދެއްވާ

އިރަމްއަށް ފައިސާގެ އެހީ ފޯރުކޯށްދޭން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ފައިސާ އެކައުންޓު ނަންބަރު 7730000142133 (އައިމިނަތު އިރަމް އަޙްމަދު) އަށް ނުވަތަ ބީއެމްއެލް ޑޮލަރު އެކައުންޓު ނަންބަރު 7730000256391 (އައިމިނަތު އިރަމް އަޙްމަދު) އަށް ފައިސާ ޖަމާކޮށްލަދެއްވާށެވެ. އިތުރު މައުލޫމާތު 7795796 ނަންބަރު ފޯނާއި ގުޅުއްވާ ހިއްސާ ކޮށްލަ ދެއްވާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!