ޚަބަރު ރައްޔިތުންގެ މަޖިލިސް

ލީކްވި އޯޑިއޯތަކުގެ މައްސަލަ ބަލަން މަޖިލީހުން ބޭނުމެއް ނުވި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ފާސްކޮށްފިއެވެ.

Ads by MWSC

މި މައްސަލަ މަޖިލީހަށް ހުށަހަޅައިފައި ވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ. އެ މައްސަލައިގެ ބަހުސަށް ހުޅުވައިލާން ނުފެންނަ ކަމަށް 20 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ.

އޯޑިއޯ އާންމުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ. ޖޭއެސްސީގެ ބަޔާނާ ގުޅިގެން ޝަރީފް ވިދާޅުވީ ޖޭއެސްސީއިން ތަހުގީގު ފެށުމުގެ ކުރީން އެ އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ފަނޑިޔާރުން ވިދާޅުވި ނަމަ ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސް ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާގެ ބިރަށް މިހާރު ވިދާޅުވާނީ އެހެން ކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ އިއްޔެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށައިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކައިފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!