ސަރުކާރު

ކުރިންނަމަ އިދިކޮޅު ފަރާތްތަކަށް ރައީސް އޮފީހަށް ދުރުވެ ކަންބޮޑުވުން ފާޅު ކުރުމުގެ ފުރުސަތެއް ނޯންނާނެ: މަބްރޫކް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގައި ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ގާޒީންނަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންފާޅު ކުރުމަށް ރައީސް އޮފީހަށް ހާޒިރުވެ އެކަން ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

ލީކްވި އޯޑިއޯތަކުގެ މައްސަލައިގައި ސަރުކާރުން އިދިކޮޅުގެ ކަންބޮޑުވުންތަކާ ގުޅިގެން ދެކެނީ ކިހިނެތްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުން އޯޑިއޯތަކުގެ މައްސަލަ ބައްލަވަމުންދާ ކަމަށެވެ. އަދި ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެމްބަރުން ރައީސް އޮފީހަށް ވަޑައިގެން ކަންބޮޑުވުން ހިއްސާ ކުރެއްވުމުގެ ފުރުސަތު ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި ކުރީ ސަރުކާރުގައި އެފަދަ ކަމެއް ނުހިނގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އުފާވޭ، އެ ބޭފުޅުންގެ ކަންބޮޑުވުމެއް ރައީސް އޮފީހުގެ ތެރޭގައި އެދުވަހުން އެދުވަހަށް އެ ވާހަކަ ދެއްކުނީތީ. އަޅުގަނޑަށް ހަމަ ޔަޤީން ކުރީގައި ނަމަ ނުވީސްކަން އެވަރުގެ ކަމެއް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެދިވަޑައިގެންފައި ވާނެ ކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާނެ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެފައިވާ ކަމަށެވެ.

އަލީ ޒާހިރުގެ އޯޑިއޯތަކެއް ވެސް އެބަހުރި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މި ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެވާހަކައަށް ރައްދު ދެއްވަމުން ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވައިފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެފަދަ އޯޑިއޯއެއް އޮތް ނަމަ މީޑިއާއަށް ހާމަކޮށްދިނުމަށް އަލީ ޒާހިރު އެދިވަޑައިގަތް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"ޗީފް އޮފް ސްޓާފް ވިދާޅުވި، އެއްވެސް އޯޑިއޯއެއް އޮތިއްޔާ ނެރުއްވާށޭ. އެދެނީ ވީހާ ވެސް އަވަހަކަށް ޗީފް އޮފް ސްޓާފްސްގެ އެއްޗެއް އޮތިއްޔާ ނެރުމަށޭ. ޔަޤީންކަން އެރުއްވި އެތާންގައި އެ ބޭފުޅުންނާ މުޚާތަބު ކުރައްވަމުން އެއްވެސް އިރެއްގައި ކޯޓު މަރުހަލާއެއްގެ ތެރެއަށް އިންފްލުއެންސް ކުރަން ޗީފް މަސައްކަތް ކުރައްވާފައި ނޯންނާނެކަން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ސަރުކާރުން އެދެނީ، ޖޭއެސްސީން މި މައްސަލަ ވީހާ ވެސް އަވަހަކަށް ބެލުން ކަމަށާއި އަދި ޖޭއެސްސީ ކުރިޔަށް ގެންދާ ތަޙްޤީޤަކީ ވީހާ ވެސް ހުޅުވައިލެވިގެން ވީހާވެސް ގިނަ ބަޔަކަށް އިތުބާރު ހިފޭނެ ކަހަލަ ތަޙްޤީޤަކަށް ހެދުމަކީ ސަރުކާރުގެ އެދުމެއް ކަމަށެވެ. އަދި މި ތަޙްޤީޤަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އަދި ދޭން ޖެހޭ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މަބްރޫކް ދެއްވިއެވެ.

ލީކްވި އޯޑިއޯތަކުގެ މައްސަލައިގައި، މީސް މީޑިއާގައި ދައުރުވާ އޯޑިއޯގައި ހިމެނޭ ތިން ފަނޑިޔާރުންގެ އަޑުގެ ސުންކުތައް ފުލުހުން މިއަދު ވަނީ ނަގައިފައެވެ. އަދި އޯޑިއޯ އާންމުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ.

ރައީސް ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް ގާޒީ ކަމުން ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ޞާލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހައިފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ. ރައީސް ޞާލިޙަށް ޙުކުމްކޮށްފައި ވަނީ އޭގެ ފަހުން އެކުލަވައިލި ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!