ސަރުކާރަށް އޭ ސްޓަރއެއް، މިއަދު މިއޮތް ހާލަތުގައި ރާއްޖެ އޮތީ ހަރުދަނާ ސިޔާސަތުގެ ސަބަބުން: ސަލީމް
ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައްޔާއި ޕެންޑަމިކްއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ ސިޔާސަތުތައް ވަރަށް ފުރިހަމަ ކަމަށާއި ސަރުކާރަށް މިއަދު އޭ ސްޓަރއެއް ދޭން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ، ރާއްޖެއަކީ އާއްމު ގޮތެއްގައި ބޭރު ޤައުމުތަކަށް ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ޤައުމެއް ކަމަށެވެ. ކޮވިޑް-19 ބަލިމަޑުކަން ފެށިގެން އައިއިރު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ކާބޯތަކެތި ނުލިބި ދިވެހިން އުޅުނު ހާލަތަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށާއި އެހެން ނަމަވެސް އެ ހާލަތަށް ރާއްޖެ ނުދިޔައީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުން ކަމަށް ސަލީމް ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ ކާބޯތަކެތީގެ ބާވަތްތައް މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުން އިންޕޯޓްކޮށްގެން ކުރިޔަށްދާ ޤައުމެއް. ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވެ، ބަލިމަޑުކަމެއްގެ ތެރެއަށް އަޅުގަނޑުމެން ގެނބިގެން ދިޔައިރުގައި، އެންމެ ބޮޑަށް އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވެގެން ދިޔަ ވާހަކައަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ވާހަކަ. ކާބޯތަކެއްޗަށް ދަތިވެ، ގިރާވަރު މީހުން ވެރިކަމާ ބައްދަލު ކުރަން އައި ވާހަަކަވެސް އަޅުގަނޑުމެންގެ ތާރީޚްގައި އެބައޮތް. އެ ހިސާބަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް" ސަލީމް ވިދާޅުވިއެވެ.
ސަލީމްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރީގެ ސަރުކާރުން ބޭރުގެ ޤައުމުތަކާ ގުޅުން ކެނޑި ކަމަށާއި އެހެން ނަމަވެސް މިއަދުގެ ސަރުކާރުން ގެންގެޅެމުންދަނީ ޚާރިޖީ ރަނގަޅު ސިޔާސަތެއް ކަމަށެވެ، އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރު ބޭރުގެ ޤައުމުތަކުން ބަލައިގަންނަ ކަމަށާއި ހާލަތު މެނޭޖުކުރުމަށް މިކަމުން އިންތިހާއަށް އެހީތެރިކަން ލިބިގެން ދިޔަ ކަމަށެވެ.
"ބޭރު ދުނިޔެއާ ގުޅުން ކެނޑިފައި އޮތް ސަރުކާރަކާ އެކުގައި މި ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ކަމުގައިވީ ނަމަ، އަޅުގަނޑުގެ ހިތަކަށް ނުގަނެވޭ، މިއަދު މިއޮތް ހާލަތު އަޅުގަނޑުމެންގެ ތެރޭގައި އޮންނާނެ ކަމަކަށް." ސަލީމް ވިދާޅުވީ، ޕެންޑަމިކްގެ މިހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ މި ހިފަހައްޓާލެވުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި، ބޭރު ދުނިޔެއިން ރާއްޖޭގެ އަދުގެ ސަރުކާރު ބަލައިގަންނާތީ ކަމަށެވެ.
"އިންޑިއާއިން ކާބޯތަކެތި އެކްސްޕޯޓް ކުރުން މަނާ ކުރި ދަނޑިވަޅުގައި ވެސް ދިވެހިރާއްޖެއަށް އެތަކެތި ލިބޭނެ ގޮތް މަގުފަހިވެގެން ދިޔައީ ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި އަދި ބޭރު ދުނިޔެއިން ދިވެހި ސަރުކާރު ބަލައިގަންނަ ކަމުގެ ނަތީޖާއެއްގެ ގޮތުން"
މެމްބަރު ވިދާޅުވީ، 2016 ވަނަ އަހަރު އިޤުތިޞާދު ވެސް ރަނގަަޅަށް އޮއްވާ އޭރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައި، ކާޑަށް ދެމުންގެންދިޔަ ސަބްސިޑީ ކަނޑައިލާން ނިންމި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަގުތައް އުފުލިގެން ދިޔަ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ދަތި އުނދަގޫ ހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ، ކާބޯތަކެތީގެ އަގު ހިފެހެއްޓި، ކާބޯތަކެތީގެ ޔަޤީންކަން މި ސަރުކާރުން ރައްޔިތުންނަށް ދިން ކަމަށާއި ކުރީގެ ސަރުކާރުތަކަށް ނުކުރާ އިތުބާރު ރައްޔިތުން މި ސަރުކާރަށް ކުރާ ކަމަށެވެ.
"2016 ވަނަ އަހަރު މި މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ މަތިން އަޅުގަނޑު ހަނދާނަށް އާދޭ. ކާޑަށް ސަރުކާރުން ދެމުން ދިޔަ ސަބްސިޓީ ކުއްލިއަކަށް ކަނޑައިލީ. އޭގެ ސަބަބުން 100 ޕަސެންޓް ތަކެތީގެ އަގު ބޮޑުވެގެން ދިޔައީ. ކުލީގެ އަގު ބޮޑުވެގެން ދިޔައީ. މި މަޖިލީހުގައި އެ މައުޟޫއަށް ވާހަކަ ދެކެވުނުއިރުގައި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުން ގެންދެވީ އިޤްތިޞާދަށް ހީނަރުކަން އަންނަ ގޮތަކަށް ދިވެހި ސަރުކާރުން ކަންތަކެއް ނުކުރައްވާނޭ. އަދި ރައްޔިތުންގެ ހިތްތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ވިސްނާނޭ. އެހެން ނަމަވެސް ކާޑަށް ސަބްސިޑީ އެންމެނަކަށް ދޭކަން ނުޖެހޭނޭ. އެއީ މިމަޖިލީހުން ރިކޯޑްތަކުން ފެންނަން އޮތް ކަމެއް" ސަލީމް ވިދާޅުވިއެވެ.
އޭއިސްޓާ އަނގަބަހުންނުދެވޭނެ މިއަދު މިސަރުކާރައް
ހެދެމުންދާގާނޫނު ތަންފީޒު ކުރެވޭތޯ ނުބެލޭ ހިނދު
ސަލީމުމެންއޭއިސްޓާދެމުން ތިއޮއްދަނީ. ވަރައް ރަނގަޅު ހަމަ ފުރިފައިނެތީ ނޫންނަމަގުޑުގުޑެއް ނައޅާނެ.
އަޅުގަނޑަށް ފެންނަނީ 3 އޭ ސްޓާރ ދޭން. މީ ކުޑަކުޑަ ޤައުމެއް ނުބެލެހެއްޓިގެން މިއުޅެނީ ސަރުކާރު ހިންގަން ނޭނގުމުގެ ސަބަބުން މިޙާލަތަށް ވެއްޓިފައި މިއޮތީ. ދަރަނި މަތިން ދަރަނި. ރައްޔިތުން ގަނަތެޅެނީ. ތިމާމެން ބޮޑުކޯޓުލައިފައި ތަންތަނަށް އަރައި ވައި ޖަހަނީ ތިމާގެ ވަޒީފާ ގެއްލިދާނެތީ ބިރުން. ތިމާއަށް ހަމަނޭވައި ލެވިގެން އުޅުނަސް އެތައްރައްޔިތުންނެއް ތިބީ ބޯނެ ފެނފޮދެއްވެސް ނުލިބޭ ހާލުގަ.