ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ސަފާރާގެ ފަސްޓް ސެކްރެޓެރީއާ ދިވެހިބަހުގެ އެކެޑެމީގެ ރައީސް ބައްދަލު ކުރައްވައިފި

ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ސަފާރާގެ ފަސްޓު ސެކެޓްރީ މިސްޓަރ ކަރަން ޔާދޭވްއާއި އިންޑިޔަން ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރު ޑރ. ސައްޔިދު ތަންވީރު ނަސްރީން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްއާ އެކެޑަމީގައި ބައްދަލުކުރައްވައިފިއެވެ.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚުގެ ދާއިރާއިން ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.
އަދި ކުރިއަށް އޮތްތާނގައި އިންޑިޔާގެ ޔުނިވަރސިޓީއެއްގައި ނުވަތަ ކަނޑައަޅާ ތަންތަނުގައި ދިވެހިބަހުގެ އަސާސީ ކޯސް ހިންގަން ފެށުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިބަހުން ހިންދީބަހަށް އަދި ހިންދީ ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރުމާއި ފޯކްލޯއާއި ލިންގްއިސްޓިކް ދާއިރާއިން ބޭނުންވާ ކުރު މުއްދަތުގެ ކޯސްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ.