އުތުުރުތިލަ ފަޅު އެގްރީމެންޓްގެ އަސްލު ހޯދުމަށް ހުށައަޅައިފި
މިދިޔަ ފެބްރުއަރީމަހު ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ހަދައިފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި ހިއްސާ ކުރެއްވުމަށް އެ ކޮމިޓީގެ މެމްބަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، މެމްބަރު އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ވެސް ވަރަށް ގާތް ރަހުމަތްތެރި ގައުމަކަށްވާއިރު އިންޑިއާ ސަރުކާރާ އެކު މި ސަރުކާރުން ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެ އަދި ސިޔާދަތަށް ގެއްލުންވާކަމަށް އެތައް ބަޔަކު މިހާރު ވެސް ތުހުމަތު ކުރަމުންދާ ކަމަށެވެ.
އަދި މިފަދަ އެއްބަސްވުމެއްގެ ސަބަބުން އިންޑިޔާއާއި ރާއްޖޭގެ ރައްޔިތުންނާއި ކަނޑުގެ ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށެވެ.
އާދަމް ޝަރީފްގެ ސިޓީގައި އެދިވަޑައިގަންނަވައިފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތް ކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާ އެކު ސޮއިކުރި ޔޫޓީއެފްގެ އެއްބަސްވުމާއި ހައިޑްރޮގްރޮފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ އަސްލު މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރުމަށެވެ.
އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމާއި އިންޑިޔާއިން އަލަށް ދޭން ނިންމި ލޯނުތަކާ ގުޅޭ ގޮތުން އެކުލަވައިލި އެއްބަސްވުންތައް ހާމަކުރަން ގޮވައިލާ އިދިކޮޅުން ވަނީ މަޖިލީހަށް މީގެ ކުރިން ކުއްލި މައްސަލައެއް ވެސް ހުށައަޅައިފައެވެ.
އަދި އުތުރު ތިލަފަޅުގެ އެއްބަސްވުންކަމަށް ބުނެ އެއްބަސް ވުމެއްގެ ޑޮކިއުމެންޓްތަކެއް މީގެ ކުރިން ވަނީ ސޯޝަލް މީޑިޔާގައި ލީކްވެސް ކޮށްލައިފައެވެ.
އިންޑިއާ ސިފައިންނަށް 60 އަހަރު ވަންދެން ހަތިޔާރާއެކު ރާއްޖޭގައި ތިބެވޭނެ ގޮތަށް ހަދައިފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މީސްމީޑިއާގައި ލީކުވި ލިޔުމަކީ ސައްޙަ ލިޔުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އެލިޔުމުގައި ބުނެފައި ވަނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރަކާއި ޑޮކްޔާޑެއް ހަދަން ވެސް އެއްބަސްވާ ކަމަށެވެ.
ލީކް ކޮށްފައި ވަނީ، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ޑްރާފްޓެއްކަމަށް ވަނީ އެނގިފައެވެ.މި އެއްބަސްވުމާ ގުޅިގެން ޑިފެންސުން އޭރު ބުނެފައި ވަނީ އެއީ އެގްރީމެންޓްގެ އަސްލު ނޫން ކަމަށެވެ. ނަމަވެސް އިންޑިޔާ ސިފައިންނަށް ދިގު މުއްދަތުގައި ރާއްޖޭގައި ނުތިބެވޭނެ ކަމަށް ބުނާ ވާހަކަ އެ ފަރާތުން ދޮގު ކޮށްފައެއް ނުވެއެވެ.