އުދަ އަރާފާނެތީ ސަމާލުވާން އެދެފި
ކުރިއަށް 36 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށާއި ކަނޑުތައް ގަދަވެ ރާޅު
ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ޢާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެން ވެއެވެ. ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑު، ބުރިޖް އަދި ހައިވޭގައި ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަމެވެ." މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުން ކުރަމުން ދާއިރު ޅ.ކުރެންދޫއަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ލިިބިފައެވެ.