ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށް ވޯޓް ދިނީ ކަރަންޓާއި ފެން ކަނޑައިލާނެ ކަމުގެ ބިރު އޮތުމުން: ބޮންޑެ
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުން ކުރިމަތި ލެއްވީ ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށާއި އެހެންކަމުން ރައްޔިތުން އެ ބޭފުޅުންނަށް ވޯޓު ދެއްވީ ޚިދުމަތްތައް މެދު ކަނޑައިލަފާނެކަމުގެ ބިރު އޮތުމުން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ތުހުމަތުކުރައްވައިފިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ހޮވާ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ބޭފުޅުން އައްޔަން ކުރަން ނެގި ވޯޓުން ކާމިޔާބު ހޯއްދެވީ ރައީސް ޞާލިޙުގެ ފެކްޝަނުންކަމަށް ގިނަ މީޑިޔާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި އެ ފެކްޝަނަށް ތާއީދު ކުރާ ފަރާތްތަކުން ވެސް އެކަން ހާމަކޮށްފައިވެއެވެ.
މިކަމަށް އިޝާރާތްކުރައްވާ "ދެން"އަށް ބޮންޑެ ވިދާޅުވީ ޙަޤީގަތަކީ އިންތިޚާބުން ރައީސް ޞާލިޙް ބޮޑު ތަނުން ނާކާމިޔާބުވެވަޑައިގެންނެވިކަން ކަމަށެވެ. އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހޮވިވަޑައިގެންނެވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރާ އެކު ދެއްވި ވޯޓުން ކަމަށް ބޮންޑެ ތުހުމަތު ކުރެއްވިއެވެ.
"ފެން ކުންފުނީގެ އެމްޑީން ފަދަ ޔޫތު މިނިސްޓަރުމެން އިކޮނޮމިކް މިނިސްޓަރުމެން ފަދަ ބާރުގަދަ ބޭފުޅުން ގޮނޑިތަކަށް ވާދަކުރެއްވުމުން ވޯޓު ނުދީފިއްޔާ ދާއިރާގެ ކަރަންޓާއި ފެނާއި ކަނޑައިލަފާނެތީ ބިރުން ވެސް ރައްޔިތުން ވޯޓު ދޭނެ ނޫންތޯ؟ ނަމަވެސް އެއީއަކީ ޑިމޮކްރެޓިކު އުސޫލުތަކާ ހަމަތަކުގެ މަތިން ރައްޔިތުން ހިތުން ރުހުމުން ދިން ވޯޓެއް ކަމަށް ބަލައެއް ނުގަނެވޭނެ" ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙް ފެކްޝަނަށް ގިނަ ގޮނޑި ލިބުނުކަމަށް ދައުވާކުރައްވާއިރު އޭގެ ތެރޭގައި ގިނައީ ހޮވުނަސް އިތުރު ވޯޓެއް ޕާޓީ ކަންކަން ނިންމުމުގައި ނުދެއްވޭނެ ބޭފުޅުން ކަމަށެވެ.
"ދެން އޭގެ އިތުރުން މިސާލަކަށް ލިބުނު ގޮނޑިތަކަށް ބަލާއިރު ގިނަ ވާނީ ލިބުނަސް ފައިދާއެއް ނުކުރާ ގޮނޑިތައް. މި ބުނީ ލިބިފައި ހުރި ގޮނޑިތަކަކީ މީގެ ކުރިން ވެސް ޤައުމީ މަޖިލީހުގައި ތަމްސީލުކުރަމުން ދިޔަ ބޭފުޅުންނޭ އެކި ހައިޞިއްޔަތުން. މިސާލަކަށް ބިގޭ. ބިގޭ މީގެ ކުރިން ވެސް ޤައުމީ މަޖިލީހުގައި އިންނަވާނެ. އެކަމަކު ހަސަންޓޭ އެ ދާއިރާއަށް ކުރިމަތިލައްވާނެކަމަށް އިޢުލާން ކުރެއްވުމުން ބިގޭ ކުރިމަތި ލެއްވީ، އެކަމަކު އިތުރަށް ދެވޭނެ ވޯޓެއް ނޯންނާނެ ބިގޭ އަކަށް." ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ، ގައުމީ މަޖިލިސް ކޮންޓްރޯލު ލިބި ބަރުލަމާނީ ވެސް ވަނީ ރައީސް ޞާލިޙުގެ މައްޗަށް ކުރި ހޯދައިފައިވާ ކަމަށެވެ. ބޮންޑެ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙުގެ ފެކްޝަނުން ވެސް ދަނީ ޤައުމީ މަޖިލީހުގެ ކޮންޓްރޯލު އެމީހުންނަށް ލިބިފައިވާ ކަމަށް ދައުވާ ކޮށްފައެވެ.
ތެކަހަލެއި ފެޅަނިހޮއްލަ