ލައިފްސްޓައިލް ލުއި ޚަބަރު

ބައިވެރިޔާގެ ކިބައިގައި އެއްގޮތް ކަންތައްތަކެއް ހުރިތޯ ގިނަ މީހުން ބަލާ!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބައިވެރިޔާގެ ކިބައިގައި ތިމާއާއި އެއްގޮތް ކަންތައްތަކެއް ހުރިތޯ ބެލުން މުހިންމުކަމަށް ގިނަ ޒުވާނުން ދެކޭ

ބައިވެރިޔަކު އިހުތިޔާރު ކުރުމުގައި ބަލާ ގިނަ ކަންތައްތަކެއް ހުރެއެވެ. އެކި މީހުން ބަލަނީ އެކި ކަންކަމަށެވެ. އަނެކާގެ ކިބައިގައި ހުރުން އެކި މީހުންނަށް މުހިންމު ވަނީ ވެސް އެކި ކަންކަމެވެ. ދާދިފަހުން އިންޑިއާގައި ވަނީ ބައިވެރިޔަކު އިހުތިޔާރު ކުރުމުގައި ބަލާ ކަންކަމާ ގުޅޭގޮތުން ސާވޭއެއް ހަދައިފައެވެ. ގާތްގަނޑަކަށް 220 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ސާވޭގެ ނަތީޖާތައް ދައްކާގޮތުން ގިނަ މީހުން ގަބޫލު ކުރަނީ ދެމީހަކު ލޯބީގެ ގޮތުން ގުޅޭއިރު އެކަކު އަނެކެއްގެ ވިސްނުން ދިމާވާން ޖެހޭ ކަމަށެވެ.

Ads by STELCO

ސާވޭގައި ބައިވެރިވި މީހުންގެ 83 އިންސައްތަ މީހުން ބުނާ ގޮތުގައި ދެމީހުންގެ ކިބައިގައި އެއްގޮތް ކަންތަކެއް ހުރެއްޖެ ނަމަ ދިރިއުޅުން އެކީގައި ވޭތުކުރަން ފަސޭހަވެއެވެ. އެހެންކަމުން ބައިވެރިޔަކު އިހުތިޔާރު ކުރުމުގައި ވެސް އެފަދައިން ބެލުން މުހިންމުވާކަމަށް އެމީހުން ދެކެއެވެ.

ސާވޭއިން ދައްކާގޮތުގައި ދިރިއުޅުމެއް ފެށުމުގެ ކުރިން ދެމީހުންނަކީ އެކީގައި އުޅެވޭނެ ދެމީހުންތޯ ބެލުން މުހިންމެވެ. ހަމައެކަނި ލޯބިވެގެން ދެމީހަކަށް ނޫޅެވޭނެ ކަމަށާއި އޭގެ ބަދަލުގައި ދިރިއުޅުން ކަޑައްތު ކުރާނެ ގޮތެއް ދެމީހުންވެގެން ރާވަން ޖެހޭކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

އިންޑިއާގައި މީގެ ކުރިން އޮތް ސަގާފީ ބޯދާ ވިސްނުން ޒުވާނުންގެ މެދުގައި ބަދަލުވަމުންދާކަން ސާވޭގައި ފާހަގަކުރެވުނެވެ. އެގޮތުން އަތް ބެލުމާއި، އެކި ދީންތަކުގައި އޮންނަ އެކި ސަގާފީ ވިސްނުން ގަބޫލުކުރާ ތިބީ ގާތްގަނޑަކަށް 5 އިންސައްތަ ޒުވާނުންނެވެ. ބައިވެރިޔާއަކީ ރީތި އަދި ރަނގަޅު އާއިލާއަކަށް ނިސްބަތްވާ މީހެއްތޯ ބަލައި އެވިސްނުން ހުންނަ 10 އިންސައްތަ ޒުވާނުން އަދިވެސް އެބަ ތިއްބެވެ.

މެޖޯރިޓީ ޒުވާނުން ގަބޫލުކުރަނީ ފިރިހެން ކުދިން ކައިވެންޏަށް ފަހު ވެސް އުޅެންޖެހޭނީ އާއިލާއާ އެކުގައި ކަމެވެ. އަދި އަންހެން ކުދިން އެމީހުންގެ ފިރިންނާއި ފިރިންގެ އާއިލާއާ އެކު އުޅެންޖެހޭކަމަށް ގަބޫލު ކުރެއެވެ. މިއީ ކަން އޮންނަންޖެހޭ ގޮތްކަމަށް މެޖޯރިޓީ ޒުވާނުން ގަބޫލު ކުރި ނަމަވެސް އިހްތިޔާރެއް ދީފިނަމަ ދެމަފިރިން އާއިލާގެ އެހެން މީހުންނާއި ވަކިން ދިރިއުޅެން ބޭނުންވާކަމަށް ބުނި 63 އިންސައްތަ ޒުވާނުން ވެސް އެބަ ތިއްބެވެ. އަދި 10 އިންސައްތަ މީހުން ގަބޫލު ކުރަނީ އަންހެން ކުއްޖާގެ ގެއަށް ފިރިމީހާ ބަދަލުވުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!