މުނިފޫހިފިލުވުން

ޔޯހާނީ ހޯދި މަގުބޫލުކަމަށް ސަރުކާރުން ޝަރަފުވެރި އެވޯޑެއް ދެނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސްރީލަންކާގެ ޒުވާން ލަވަކިޔުންތެރިޔާ ޔޯހާނީ

ސްރީލަންކާގެ ޒުވާން ލަވަކިޔުންތެރިޔާ ޔޯހާނީ ޑި ސިލްވާ އޭނާގެ ލަވަ "މަނިކެ މަގޭ ހިތޭ"އިން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދި ބޮޑު މަގުބޫލުކަމަށް އެގައުމުގެ ސަރުކާރުން އެވޯޑެއް ދޭން ނިންމައިފިއެވެ،

Ads by STELCO

ސްރީލަންކާގެ ނެޝަނަލް ހެރިޓޭޖް، ރޫރަލް އާޓްސްގެ ސްޓޭޓް މިނިސްޓަރު ވިދުރާ ވިކްރަމަނަޔަކެ ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އެކަން ކުރެއްވުމަށް އިރުޝާދު ދެއްވައިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިކަމާގުޅޭ ތަފްސީލެއް އަދި މީޑިއާގައި ހާމައެއް ނުކުރެއެވެ.

"މަނިކޭ މަގޭ ހިތޭ" ޔޯހާނީގެ އަޑުން ކިޔައި ޔޫޓިއުބަށް ދޫކޮށްލުމާ އެކު މުޅި ސޯޝަލް މީޑިއާގައި އެލަވަ ވައިރަލްވިއެވެެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިލަވައިގެ މަގުބޫލުކަން އިތުރުވިއެވެ. މިހާތަނަށް 138 މިލިއަނަށް ވުރެ ގިނަ ވިއުޒް ޔޫޓިއުބުގައި ހޯދާފައިވާ މި ލަވަ އެކި ބަހުރުވައިން މިހާރު ވަނީ ކިޔައިފައެވެ. އެގޮތުން ޔޯހާނީ ވެސް ވަނީ ތަމަޅަ ބަހުން މިލަވަ ކިޔައި ރިލީޒްކޮށްފައެވެ.

އެހެން ފަންނާނުން ވަނީ މި ލަވަ އިނގިރޭސިންނާއި، ހިންދީން އަދި އެހެން ވެސް ބަހުރުވަތަކުން ކިޔައިފައެވެ. ބައެއް ލަވަތަކުގައި ޔޯހާނީގެ ލަވައަށް ބައިތައް އިތުރުކޮށްގެން ވެސް ހަދައިފައި ހުއްޓެވެ.

ޔޯހާނީ ފުރަތަމަ ފަހަރަށް ހިންދީ ލަވައެއް ރެކޯޑުކޮށްފައި ވަނީ ވެސް ހޯދި މަގުބޫލުކަމާ އެކު މިދިޔަ މަހުގެ ތެރޭގައެވެ. މީގެ އިތުރުން ޔޯހާނީ ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރަތްކޮށް މިޔުޒިކް ޝޯވތައް ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!