ކޮމިޓީތަކުގެ މަސައްކަތްތައް އަވަސް ކޮށްދިނުމަށް އަނެއްކާ ވެސް އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ފުނިޖެހިފައިވާކަން ފާހަގަ ކުރައްވައި، މަސައްކަތްތައް އަވަސް ކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަނެއްކާ ވެސް އެދިވަޑައިގެންފިއެވެ.
އީވާ މިފަދައިން އެދިވަޑައިގެންފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހަޅުއްވައިފައިވާ ހެއްކާ ބެހޭ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމަށް ފަހު ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް މިއަދު ފާސްކުރުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ކޮމިޓީތަކުގައި މިހާރު ވެސް 32 ބިލެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ އެ ބިލްތައް އެންމެ ލަސްވެގެން ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް ފާސްކުރަންޖެހޭ ކަމަށެވެ.
ކޮމިޓީތަކުގައި ވަރަށް މުހިންމު ބިލުތަކެއް ހުރިކަމަށް ވެސް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުން ހުށަހަޅަން ބުނެފައިވާ ބިލްތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކޮމިޓީ ތަކުން ދިރާސާކުރަންޖެހޭނެ ކަމަށެވެ.
"އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް މުގައްރިރުންނާއި މެމްބަރުންގެ ކިބައިން އެދެން،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން އީވާ ވަނީ ކޮމިޓީތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ޓަކައި އަންނަ ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ ހެނދުނު ފެށުމަށް ފަހު އެ ދުވަހު މަޖިލީހުގެ ތަޅުމުގައި މުހިއްމު މަސައްކަތެއް ނެތް ނަމަ ކޮމިޓީތަކުގެ މަސައްކަތްތަކަށް އެ ދުވަސް ހާއްސަ ކުރައްވާނެކަމުގެ އިޝާރާތެއް ވެސް ކުރައްވައިފައެވެ.