ކޮލަމާފުށި ހިމެނޭހެން ތިންރަށެއް އާންމު ހާލަތަށް ގެނެސްފި

ގއ. ކޮލަމާފުށި، ގއ. ވިލިނގިލި އަދި އދ. މަހިބަދޫ މޮނީޓަރިންގެ ހާލަތު ނަގައި އާންމު ހާލަތަށް ގެނެސްފިއެވެ.
މުޖްތަމަޢު ތެރެއިން ކޮވިޑް ވޭދަނަތަކެއް ފެނިގެން ކޮލަމާފުށި މޮނިޓަރިންގގެ ހާލަތަށް ގެނެސްފައި ވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ރަށް މޮނިޓަރިންއަށް ލެވިފައި ވަނީ 25 ސެޕްޓެމްބަރުގައި އެރަށު ސިއްޙީ މަރުކަޒުގެ ފުލޫ ކްލިނިކަށް ދެއްކި ފަރާތަކާ ގާތުން އެއްތާވި މީހުންގެ ގޮތުގައި ފާހަގަ ކުރެވުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް ކޮވިޑަށް ފައްސި ވުމާ ގުޅިގެންނެވެ.
ވިލިނގިލި މޮނިޓަރިންގެ ހާލަތައް ގެނެސްފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިންއަށް ލައިފައިވަނީ، ޕީސީއާރާ ނުލައި މާލެއިން އެރަށަށް ދިޔަ ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
މަހިބަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ސްޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑަށް ފައްސިވެ، އެމީހުންނާ ގާތުން އެއްތާވި ބަޔަކު ފައްސިވުމާ ގުޅިގެންނެވެ. އެ ރަށް މޮނިޓަރިން ހާލަތައް ލައިފައި ވަނީ ޕީސީއާރު ޓެސްޓު ނަހަދައި ދެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނިކޮށެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު މޮނިޓަރިން ހާލަތުގައި އޮތީ 15 ރަށެކެވެ.