ބޮލީވުޑް މުނިފޫހިފިލުވުން

އާރްޔާންގެ ދިފާއުގައި ބޮލީވުޑް ތަރިން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް ތަރި ޝާހުރުކް ހާންގެ ދޮށީ ދަރިފުޅު އާރްޔާން ހާން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޝާހުރުކް ހާންގެ ދޮށީ ދަރިފުޅު އާރްޔާން ހާންގެ ދިފާއުގައި ބޮލީވުޑްގެ ބައެއް ތަރިން ތެދުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ މުމްބާއީގައި އޮތް ކްރޫޒް ލައިނާއެއްގައި ރޭވް ޕާޓީއެއް ކުރިއަށް ދަނިކޮށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އާރްޔާން ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުއްޓައެވެ. އޭނާއާ އެކު އިތުރު 7 ކުއްޖަކު އެ ކްރޫޒް ލައިނާއިން ހައްޔަރު ކުރިއެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު މިމަހުގެ 7 ވަނަ ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

އާރްޔާންގެ ދިފާއުގައި ބައެއް ބޮލީވުޑް ތަރިން ވަނީ ވާހަކަ ދައްކައިފައެވެ. އެގޮތުން ސުޕަސްޓާ ސަލްމާން ހާން ވަނީ އާރްޔާން ދޫކޮށްލަން އެދިފައެވެ. މީގެ އިތުރުން އެކްޓަރު ސުނިލް ޝެއްޓީ ވެސް ވަނީ އާރްޔާންއަކީ ކުޑަކުއްޖެއް ކަމަށް ބުނެ މައްސަލަ އޮއްބައިލަން އެދިފައެވެ.

މީގެ ކުރިން އިންޓަވިއުއެއްގައި ޝާހު ވަނީ އޭނާގެ ދަރިފުޅު އާރްޔާން މަސްތުވާތަކެތި ބޭނުންކޮށްފާނެކަން ގަބޫލުކުރާ ކަމަށް ބުނެފައެވެ. ޓީނޭޖުގައި ކުދިން ސަކަރާތްޖެހުމަށް ކުރާ ހުރިހާކަމެއް އާރްޔާން ވެސް ކުރާނެކަމަށް ޝާހު ބުންޏެވެ. ޝާހު ބުނީ އޭނާ ކުޑައިރު ނުލިބުނު ހުރިހާ އުފަލެއް އާރްޔާން މިއުމުރުގައި ދޭން ބޭނުންވާ ކަމަށެވެ.

އާރްޔާންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އިންޑިއާގެ އެންމެ މަޝްހޫރު އަދި އަގުބޮޑު ކްރިމިނަލް ލޯޔަރެވެ. ސަތީޝް މަނޭޝިންޑޭ އަކީ އޭނާގެ މުޅި ކެރިއަރުގައި ވެސް އެންމެ ގިނަ ކޭސް ކާމިޔާބުކުރި އެއް ލޯޔަރެވެ.

މީގެ ކުރިން ސަތީޝް ވަނީ ބޮލީވުޑްގެ ގިނަ ތަރިންގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން 1993 ވަނަ އަހަރު ހިނގި ބޮމުގެ ހާދިސާއެއްގައި ސަންޖޭ ދަތުގެ ދިފާއީ ވަކީލެއްގެ ގޮތުގައި އަދި އޭގެ ފަހުން 2007 ވަނަ އަހަރު ހުއްދަ ނެތި ހަތިޔާރު ގެންގުޅުނު މައްސަލައިގައި ސަންޖޭގެ ވަކީލެއްގެ ގޮތުގައިވެސް ސަތީޝް މަސައްކަތް ކުރިއެވެ.

މީގެއިތުރުން 2002 ވަނަ އަހަރު މަސްތުގެ ހާލަތުގައި ކާރު ދުއްވި މައްސަލައަކާ ގުޅިގެން ސަލްމާން ހާންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް ސަތީޝް މަސައްކަތް ކުރިއެވެ. އަދި ދާދި ފަހުން ސުޝާންތު ސިންގް ރާޖުޕޫތުގެ މަރާ ގުޅިގެން ހިންގުނު މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ސުޝާންތުގެ ލޯބިވެރިޔާ އަދި އެކްޓްރެސް ރިއާ ޗަކްރަބަތީގެ ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް ސަތީޝް މަސައްކަތް ކުރިއެވެ.

އާރްޔާންގެ ބަންދަށް މިދިޔަ އާދިއްތަ ދުވަހު ޖެހީ އެއް ދުވަހެވެ، އެހެން ނަމަވެސް އިއްޔެ ކޯޓުން ވަނީ އިތުރު ތިން ދުވަސް ބަންދަށް އިތުރުކޮށްފައެވެ. އާރްޔާން ހައްޔަރުކުރި ރޭވް ޕާޓީއިން 13 ގްރާމްގެ ކޮކެއިން، 5 ގްރާމްގެ އެމްޑީއެމްއޭ، 21 ގްރާމްގެ ހޭޝް، 22 ގުޅަ އެކްސްޓެސީ އަތުލައިގަތެވެ. އަދި އެ ކްރޫޒާ ތެރޭގައި އާރްޔާން ގެންގުޅުނު 1.33 ލައްކަ ރުޕީސް ވެސް ވަނީ އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!