ބޮލީވުޑް މުނިފޫހިފިލުވުން

އާލިއާއާއި ރަންވީރްގެ ރޮކީ އޯރް ރާނީގެ ޝޫޓިން މި މަހު 15ގައި ފަށަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އާލިއާ ބަޓް އަދި ރަންވީރް ސިންގް

ބޮލީވުޑް ތަރި އާލިއާ ބަޓްއާއި ރަންވީރް ސިންގް ލީޑް ރޯލުން ފެނިގެންދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޝޫޓިން މިމަހު 15 ގައި ފަށަން ތާވަލުކޮށްފިއެވެ.

Ads by STELCO

ފުރަތަމަ ތާވަލުގައި ޝޫޓު ކުރާނީ އިންޑިއާގެ ދިއްލީގައި ނަގާ މަންޒަރުތަކެވެ. ބެންގާލީ އަންހެން ކުއްޖަކާއި ޕަންޖާބު ފިރިހެން ކުއްޖެއްގެ ލޯބީގެ ވާހަކައެއް ކިޔައިދޭ މި ފިލްމުގެ ޝޫޓިން މި ފަށަނީ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައުމަށް ފަހުއެވެ. މީގެ ކުރިން މި ފިލްމު ޝޫޓުކުރަން ތާވަލުކުރި ތާރީހުގައި އެކަން ނުފެށި ލަސްވީ އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.

"ރޮކީ އޯރް ރާނީ" ވެގެންދާނީ 2016ވަނަ އަހަރު ނުކުތް "އޭ ދިލް ހެ މުޝްކިލް" އަށް ފަހު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފުރަތަމަ ބޮޑު ފިލްމަށެވެ. މިވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކަރަންގެ ޑައިރެކްޝަންތައް ބައެއް އެންތޮލޮޖީތަކުން ފެނިފައިވެއެވެ.

މިފިލްމުގެ ބައެއް މަންޒަރުތައް މިހާރު ވެސް ދަނީ ނަގަމުންނެވެ. އެގޮތުން މިހާރު ނަގަމުން ދަނީ ފިލްމުގައި ދަރްމޭންދުރަ ފެންނަ ބައެއް އިންޑޯ މަންޒަރުތަކެވެ. މިމަންޒަރުތައް ނަގަނީ އިންޑިއާގެ މުމްބާއީގައެވެ.

ދިއްލީގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ތާވަލުކޮށްފައި ވަނީ 20 ނުވަތަ 25 ދުވަހުގެ ތެރޭގައި ނަގާ ނިންމުމަށެވެ. މިޝޫޓިންތަކުގައި އާލިއާއާއި ރަންވީރުގެ އިތުރުން ފިލްމުގައި ފެންނަ މުހިންމު ބޮޑެތި ތަރިންގެ ބައިތައް ހިމެނޭކަން މުޅިން ސާފެއް ނުވެއެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ދަރްމޭންދުރަގެ އިތުރުން ޖަޔާ ބައްޗަންއާއި ޝަބާނާ އާޒްމީ ވެސް ފެންނާނެއެވެ.

ރަންވީރު މިވަގުތު ދަނީ ކަލާޒް ޓީވީގެ ކުއިޒް ޝޯއެއް ހުށަހަޅަމުންނެވެ. "ދަ ބިގް ޕިކްޗާ"ގެ ނަމުގައި އުފައްދާ މި ޝޯގެ އިޝްތިހާރު މިހާރު ވަނީ އާންމުކޮށްފައެވެ. އަނެއްކޮޅުން އާލިއާ ބަޓްގެ ބޮޑެތި ގިނަ މަސައްކަތްތަކެއް މުޅިން ނިންމާލާފައިވާއިރު ބައެއް މަސައްކަތްތައް މިހާރު ވެސް ދަނީ ކުރިއަށެވެ.

އާލިއާގެ ނިމިފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ އަވަހަށް ފެންނާނީ އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް"އެވެ. މީގެ އިތުރުން ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވަޑީ"ވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ފެންނާނެއެވެ. މި ދެފިލްމު ވެސް ސިނަމާގައި އަޅުވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މީގެ އިތުރުން އާލިއާގެ "ބްރައްމާސްތުރަ"ވެސް ކުރިއަށް އެބައޮތެވެ. މިފިލްމުގެ ޝޫޓު ނުކޮށް ހުރީ މަދު މަންޒަރެކެވެ. ބެލެވޭ ގޮތުގައި މި ފިލްމު ވެސް އަންނަ އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ފެންނާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!