ދުނިޔެ

ޕާކިސްތާނަށް އައި ބިންހެލުން: 20 މީހުން މަރުވެ، 100އަށް ވުރެ ގިނަ އާއިލާ ގެދޮރު ނެތިފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ޕާކިސްތާނަށް އައި ބިންހެލުމެއްގައި މިހާތަނަށް 20 މީހުން މަރުވެއްޖެއެވެ.

Ads by WAMCO

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މިއަދު އިރާކޮޅުގެ ވަގުތެއްގައި އެ ޤައުމުގެ ބަލޮޝިސްތާނު ޕްރޮވިންސަށެވެ.

ޕާކިސްތާނުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ބުނެފައި ވަނީ، މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށާއި އިމާރާތްތައް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

ބިންހެލުން އެރުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަ ކުދިންނާއި އަންހެނުންކަން ވެސް ރިޕޯޓުތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއަކުން ބުނިގޮތުގައި ޕާކިސްތާނަށް އައިސްފައި ވަނީ 5.9 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި މި ބިންހެލުމުގެ ފުންމިން 9 ކިލޯމީޓަރަށް ހުރި ކަމަށް ވެސް ބުނެފައިވެއެވެ.

ބިންހެލުމުގެ ސަބަބުން މިހާތަނަށް 150އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ އިރު، ގިނައީ ކްރިޓިކަލް ހާލަތުގައި ތިބި މީހުން ކަމަށް ބީބީސީ އުރްދޫއިން ބުނެފައިވެއެވެ. އަދި އިތުރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު އޮޕަރޭޝަނުން މިހާރު ވެސް ކުރަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މި ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުގެ 100އަށް ވުރެ ގިނަ ގެ ވެއްޓިފައިވާ ކަމަށާއި އެތައް އާއިލާއެއް މިކަމުގެ ސަބަބުން ގެދޮރު ނެތިފައި ތިބި ކަމަށް ވެސް ބުނެފައިވެއެވެ.

އޮފިޝަލުން ބުނި ގޮތުގައި މި ބިންހެލުމުގެ ސަބަބުން ބޮޑަށް ގެއްލުން ލިބިފައި ވަނީ ހަރްނައީ ސްޓޭޓަށެވެ. މިއީ ވަރަށް ގިނަ ކޯލް މައިން ހިމެނޭ ސަރަޙައްދެއް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!