ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވައިފައި ވަނީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުން ވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ހާމަކުރައްވައި، ކައުންސިލަރުން ވަނީ މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތަށް ޓަކައި ސަރުކާރަށް ޝުކުރުއަދާ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި، ފަރަށް އަރައިފައިވާ ބާޖު ފުން ނުކުރެވި އެކަމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ބޮޑުވުމާއި، ކައުންސިލް އިދާރާއަށް އައު އޮފީހެއް ބޭނުންވުމާއި، ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ މުހިއްމުކަން ބޮޑުވެފައިވުމާއި، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން ރަށު ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަމުގެ މަޢުލޫމާތު ވެސް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިދެވިފައިވާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރަށުގެ އާންމު ޙާލަތު އޮޅުންފިލުއްވައި ރަށުގެ ޒުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާއި ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.