ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަން ޖެހޭނެ: އުޝާމް
ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަން ޖެހޭނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނަށް އަމަލު ކުރަން ފެށުމުން ހޯމް މިނިސްޓްރީގެ ދަށުން އެ މުއައްސަސާ ވަކި ކުރުމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ފުލުހުން މީގެ ކުރިން އަމަލު ކުރި ގާނޫނުގައިވާ ގޮތުން، އެ މުއައްސަސާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ އެއިރެއްގައި ހުންނަ ހޯމް މިނިސްޓަރެވެ. ނަމަވެސް ފުލުހުންގެ ހިދުމަތުގެ މިހާރުގެ ގާނޫނުގައިވާ ގޮތުގައި، ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކަށް ޖަވާބުދާރީ ވާން ޖެހޭނީ އެއިރެއްގައި ހުންނަ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކޮށްފައިވާކަން އަންގައި، ރައީސް އޮފީހުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް"އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން މެންބަރު އުޝާމް ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގާނޫނު އަސާސީގެ 242 އަދި 140 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.
ހޯމް މިނިސްްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާކަން އަންގައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުއްވި އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން ވެސް އެ ސިޓީއާ އެކު ފޮނުއްވާފައިވާނެ ކަމަށެވެ.