ދެމަފިރިންގެ ލޯބީގެ ވާހަކަތައް މޫސަ ހިއްސާ ކުރީ "ވިތު ލަވް"
ހަމައެކަނި "މޫސަ" އޭ ބުންޏަސް ފަހަރެއްގައި އެއީ ކޮން މޫސައެއްކަން ނޭނގި ދާނެއެވެ. ނަމަވެސް "މޫސާ ވަސީމް" އޭ ބުނެފި ނަމަ، އެއީ ކާކުކަން ނޭނގޭނޭ މީހަކު ރާއްޖޭގައި މިހާރު މަދު ވާނެއެވެ.
އަބަދުވެސް އެކުވެރި އަދި އެހާމެ ސަކަ މިޒާޖެއްގެ މޫސަ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ޓީވީއެމްގެ މޮޅު ހޯސްޓެއްގެ ގޮތުގައެވެ. އެ ގޮތުން ވެސް އޭނާ ހުށަހަޅައިދިން "މޯލްޑިވިއަން އައިޑޮލް" ވަކިން ޚާއްސަކޮށް ފާހަގަ ކޮށްލެވެއެވެ. އޭނާއަކީ އެ ޝޯގެ ދިރުން ކަމުގައި ވެސް ބައެއް މީހުން ސިފަކުރިއެވެ.
މިހާރު ޝޯ ހޯސްޓު ކުރުމާ ކޮންމެވެސް ވަރަކަށް ދުރަށް ގޮސް، ޒިންމާދާރު އެހެން މަގާމެއް ފުރަމުން ގެންދިޔަ ނަމަވެސް، މޫސާ ވަސީމަކީ އަދިވެސް އާންމުން ޝައުޤުވެރިވާ ސަޚްސިއްޔަތެކެވެ. އޭނާގެ ވާހަކަތައް އެނގެން ބޭނުންވާ އެތައް ބަޔަކު އަދިވެސް އެބަ ތިއްބެވެ.
އެފަދަ ބައެއް މީހުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެއެެވެ. ދާދި ފަހުން މޫސަ ވަނީ، ބައިސްކޯފުން ދައްކާ "ވިތު ލަވް" ޝޯގައި އޭނާގެ ލޯބިވާ އަނބިމީހާ ޝައުފާއާ އެކު ބައިވެރިވެފައެވެ. ޝައުފާއަށް މޫސަ ލޯބިން ކިޔަނީ "ބޯޕަ"އެވެ. އެހެންކަމުން ޝޯގެ ހޯސްޓު އައިމިނަތު ނަމްޒާ ވެސް އޭނާއަށް ނިސްބަތް ކޮށްފައި ވަނީ "ބޯޕަ"ގެ ނަމުންނެވެ.
އެންމެ ފުރަތަމަ ދިމާވީ މަގުމަތިން
"ވިތު ލަވް" ޝޯގައި މޫސަ ވަނީ އޭނަގެ އަނބިމީހާ، ބޯޕައާ އެންމެ ފުރަތަމަ ދިމާވި ދުވަހުގެ ވާހަކަ ވެސް ކިޔައިދީފައެވެ.
އެގޮތުން މޫސަ ބުނި ގޮތުގައި އެންމެ ފުރަތަމަ އެ ދެމީހުން ދިމާވީ މަގުމަތިންނެވެ.
"އެންމެ ފުރަތަމަ ދިމާވީ މަގުމަތިން. އެކަމަކު އެއީ އަނެއްހެން ރީތި ކުއްޖެއް ދާތީ ބެހޭކަށް ނޫން. އެހެނެއް ނޫން. އެއީ އެއިރު އެކީގައި މަސައްކަތް ކުރި މީހުންނާ އެކީ ވިލިނގިއްޔަށް މަސް ފިހެން ވެގެން ގޮސް އުޅުނު އިރު. މަސް ގަންނަން ދަނިކޮށް ފެނުނީ މަގުމަތިން. ބޯޕައާއި ބޯޕަ ކޮއްކޮ ވެސް ހުރި ކައިރީގައި. އެއީ ރޭގަނޑެއްގައި. އޭގެ ފަހުން ބެލިން ކާކުތޯއާއި ކޮންތާކުތޯ އުޅެނީ ވެސް" ދެމީހުން ފުރަތަމަ އެކަކު އަނެކަކަށް ފެނުނު ދުވަސް މޫސަ ހިއްސާ ކުރިއެވެ.
މޫސަ ބުނި ގޮތުގައި އެ ދެމީހުންނަށް އެކަކު އަނެކަކާ އެންމެ ފުރަތަމަ ބައްދަލުވީ 2011ގައެވެ. ކައިވެނި ކުރީ 2013 ގައެވެ.
ކައިރި ކައިރީގައި ދެމަފިރިންނަށް ދިމާވި ހިތްދަތި ހާދިސާ
ކައިވެންޏަށް ފަހު މޫސައާއި އޭނަގެ އަނބިމީހާ ދިރިއުޅެމުން ދިޔައީ، ދެމަފިރިންގެ ވެސް އާއިލާއާ ވަކިން އެހެން ތަނެއްގައެވެ. ނަަމަވެސް މޫސައާ އެކު ހޭދަ ކުރެވުނު އެންމެ އުފާވެރި ވަގުތުތަކަކީ ކޮބައިތޯ ނަމްޒާ ސުވާލު ކުރުމުން ބޯޕަ ބުނީ އެއީ މޫސަގެ އާއިލާ ކައިރިއަށް ގެންދާ ވަގުތުކޮޅު ކަމަށެވެ.
"ވަރަށް މަންމަ ކައިރިއަށް ދާން ބޭނުން ވާނެ. އެހެންވެ ކޮންމެ ހުކުރު ދުވަހަކު ވެސް ދަނީ މޫސަގެ މަންމަ ކައިރިއަށް. އެގެއަށް ގޮސް އުޅެފައި އަންނަނީ" ބޯޕަ ކިޔައިދިނެވެ.
އެކަމާ މޫސަ ބުނީ ހަގީގަތުގައި އެ ކޮށްދެވުނީ ވެސް ކަމެއްކަމަށް ކުރިން ފާހަގަ ނުވި ކަމުގައިވިޔަސް، ބޯޕަ އެހެންބުނުމުން އެކަން ފާހަގަވެ ވަރަށް އުފާވެއްޖެ ކަމަށެވެ.
އެކުގައި ހޭދަ ކުރި ވަގުތުތަކުގެ ހަނދާންތައް ކިޔައި ދެމުން މޫސަ ބުނީ ބޯޕަގެ މަންމަ ވަނީ ނިޔާވެފައި ކަމަށާއި އޭނާގެ މަންމަ ނިޔާވީ މޫސަގެ ބައްޕަ ވެސް ނިޔާވި މަހު ކަމަށެވެ. އެހެންކަމުން އެ ދުވަސްކޮޅަކީ އެ ދެމަފިރިންނަށް ވެސް ކުރިމަތިލާން ޖެހުނު ހިތާމައެއް ކަމަށާއި އެކަކު އަނެކަކަށް ޓަކައި އެއިރު ވެސް ހުރިކަން މޫސަގެ ދެމަފިރިން އަންގައިދިނެވެ.
މަޝްހޫރު ކަމަށް ފަހު އާންމުވެގެން ދިޔައީ "މޫސަގެ އަންހެނުން" ގެ ގޮތުގައި
މަޝްހޫރު މީހަކާ ކައިވެނި ކުރެވުމަކީ އޭގައި އުފަލާ އެއްވަރަށް ބައެއް ފަހަރު އެހެން ކަންކަމާ ވެސް ކުރިމަތިލާން ޖެހޭ ކަމެކެވެ. އެގޮތުން މޫސާ ވަސީމް މަޝްހޫރު ވުމުން އޭނާގެ އަންހެނުންނަށް ކުރިމަތިވީ އެންމެ ބޮޑު ގޮންޖެހުމަކަށް ވީ، އަމިއްލަ ވަނަވަރު ގެއްލެން ފެށުމެވެ.
"މީހުން ބޯޕަ ދަންނަން ފެށީ ބޯޕަގެ ގޮތަކު ނޫން. މޫސާ ވަސީމްގެ ވައިފްގެ ގޮތުގައި. ބޯޕަ ހުރީ ގެއްލިފައި. އޮފީހަށް އަލަށް ވަން އިރު ވެސް، އެމީހުން ވެސް ބުނީ މޫސަގެ އަންހެނުންނޭ ވަނިއްޔޭ" ހެވިފައި އިނދެ ބޯޕަ ނަމްޒާއަށް ކިޔައިދިނެވެ.
ބޯޕަ ބުނީ އެކަން އެގޮތަށް ވެފައިވީ ނަމަވެސް، މިހާރު އެކަންތަކަށް އާދަ ވެއްޖެ ކަމަށެވެ.
މޫސަ ރައްޓެހިވެފައި ރުޅިވެފައި އަނެއްކާވެސް ރައްޓެހިވި ފުރަތަމަ އަންހެންކުއްޖާ
މި ހިސާބުން ދެން އަނެއްކާ ވެސް މޫސަ ހިއްސާ ކުރީ އެ ދެމަފިރިން ކައިވެނި ކުރުމުގެ ކުރީގެ ދުވަސްތަކެއްގެ ވާހަކައެކެވެ.
މޫސަ ބުނީ އޭނާއަކީ މީގެ ކުރިން ދުވަހަކު ވެސް އޭނަ ރައްޓެހިވެފައި ރުޅިވި ކުއްޖަކާ އަލުން ރައްޓެހިވި މީހެއް ނޫން ކަމަށެވެ. ނަމަވެސް ބޯޕައަކީ އޭނާ އެފަދައިން ދެވަނަ ފަހަރަށް ރައްޓެހިވި ފުރަތަމަ އަންހެން ކުއްޖާ ކަމަށް ވެސް ބުންޏެވެ.
ފުރަތަމަ ރައްޓެހިވެފައި ރުޅިވި ސަބަބު މޫސަ ހިއްސާކޮށްފައި ނުވި ނަމަވެސް، އޭނާ ބުނީ ދެވަނަ ފަހަރަށް ރައްޓެހިވީމަ އެއީ އޭނާ ކައިވެނި ކުރަން ޖެހޭ ކުއްޖާކަން އެނގުނު ކަމަށެވެ.
"ފުރަތަމަ ރައްޓެހިވީ ލޯބި ވެގެނެއް ނޫން. ހަމަަ ރައްޓެހިވާންވެގެން. ބޯޕަ ކައިރީގައި ވެސް ބުނިން އެވާހަކަ. އެކަމަކު ދެވަނަ ފަހަރަށް ރައްޓެހިވީމަ އެނގުނު މިއީކަން މަ އިންނަން ޖެހޭ މީހާއަކީ" މޫސަ ބުންޏެވެ.
މޫސަ އިތުރަށް ބުނީ އެދެމަފިރިންގެ ގުޅުން އެންމެ ވަރުގަދަކޮށް އަބަދުވެސް އޮންނަނީ ދެ މީހުންގެ މެދުގައި ވެސް ތެދުވެރިކަން އޮންނާތީ ކަމަށެވެ. އެގޮތުން ދެމަފިރިން ވެސް ގެންގުޅޭ ފޯނާ އެހެނިހެން ތަކެތީގައި ލޮކް ކޯޑެއް ވެސް ނުއޮންނާނެ ކަމާއި ފޯނު ޗެކް ކުރުން ކަހަލަ ކަންކަން ވެސް ނުކުރާ ކަމަށް މޫސަ ބުންޏެވެ.
މޫސައާއި ބޯޕަގެ ކައިވެންޏަށް މިހާރު 8 އަހަރު ފުރިފައިވާ އިރު، އެ ދެމަފިރިންގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެބަތިއްބެވެ. ދަރިން ބަލައި ތަރުބިއްޔަތު ކުރުމުގައި އެންމެ ހަރުކަށި ބެލެނިވެރިއަކީ ބޯޕަ ކަމުގައި ދެމަފިރިން އެއްބަސްވިޔަސް މި ދެމަފިރިން ވެސް އެކަކު އަނެކަކާ މެދު ފަހުރުވެރިވާ ކަމަށް ބުންޏެވެ.
މޫސާ ވަސީމާއި އޭނަގެ އަނބިމީހާ ބައިވެރިވި އެ ޝޯ ނިންމައިލީ ހަމަ ގައިމުވެސް ވަރަށް ލޯތްބާ އެކުގައެވެ.
ތި ނަން ވަ ހަޑި ދެން އެހެން ނުކިޔާތި ޗީ ޗީ