ބޮލީވުޑް މުނިފޫހިފިލުވުން

ޝާހްރުކް ޚާންގެ ދަރިފުޅު މިފަހަރު ވެސް ކަފާލާތު ދަށުން ދުލެއް ނުކުރި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ޚާންގެ ދަރި އާރްޔަން ޚާން، ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް މިފަހަރު ވެސް ކޯޓުން ނިންމައިފިއެވެ.

ކްރޫޒްލައިނަރަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯ (އެންސީބީ)އިން އާރްޔަން ހައްޔަރު ކުރި ފަހުން މިއަދަށް 19 ދުވަސް ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ކަފާލާތުން ދޫކޮށްލުމަށް އެދި ހުށަހެޅި މިއީ ތިންވަނަ ފަހަރެވެ.

އުމުރުން 23 އަހަރުގެ އާރްޔަންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަސްތުވާތަކެތި ވިއްކައި، ބޭނުން ވެސް ކުރި ކަމުގެ ދައުވާއެވެ. ނަމަވެސް އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރު ކޮށްފައެވެ.

އާރްޔަންގެ ވަކީލު ސަތީޝް މަންޝިންޑޭ ވެސް ކޯޓުގައި ތަކުރާރުކޮށް ބުނަމުން ދިޔައީ އާރްޔަން ދިރިއުޅޭ ތަނަކާއި މުދަލަކުން ވެސް މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށާއި އޭނާ އެ ބޭނުން ކުރިކަން ވެސް ސާބިތުވެފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް، ކަފާލާތާ ގުޅޭގޮތުން މުމްބާއީގެ ކޯޓަކުން ވެސް އިއްޔެ ނިންމީ އާރްޔަންއަށް ކަފާލާތު ދެވެން ނެތް ކަމަށެވެ. އޭނާއަށް ކަފާލާތްދީ ދޫކޮށްލުމަށް އެދި އާރްޔަންގެ ވަކީލުން މިހާރު މަސައްކަތް ކުރަމުންދަނީ މުމްބާއީގެ ހައިކޯޓަކަށް މި މައްސަލަ ހުށަހަޅާށެވެ.

އެންސީބީގެ ބެލުމުގެ ދަށުގައި ބެލުމަށް ފަހު އާރްޔަން ފަހުން ވަނީ އާތަރ ރޯޑް ޖަލަށް ބަދަލު ކޮށްފައެވެ. ނަމަވެސް ޖަލަށް ބަދަލު ކުރި ފަހުން އާރްޔަން ނުކައި ނުބޮއެ ހުންނާތީ، ފުލުހުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!