ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންޖެހުމުގެ ޕްރޮގްރާމްތައް ގައުމުތަކުގައި ފޯރިއާ އެކު ކުރިއަށް ގެންދަމުންދާއިރު އަވަށްޓެރި އިންޑިޔާއިން ކޮވިޑް-19 ވެކްސިން ޖެހުމުގައި ބޮޑު ކުރިއެރުމެއް ހޯދައި ކޮވިޑް-19 ވެކްސިނުގެ އެއް ބިލިއަން ޑޯޒް ޖަހައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު އިންޑިޔާގައި މީހެއް ގަޔަށް އެއް ބިލިއަން ވަނަ ޑޯޒް ޖަހާފައިވާ އިރު މިއާ އެކު ވެސް އެގައުމުގައި ކޮވިޑްގެ ނުރައްކާ ކުޑަވެފައި ނުވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޒާރު ދީފައެވެ. ސަބަބަކީ އިންޑިޔާގެ ބިޔަ އާބާދީގެ ބޮޑު ބަޔަކަށް އަދި ވެކްސިނުގެ އެންމެ ޑޯޒެއްގެ ވެސް ޖެހިފައި ނުވުމާއި އެއް ބިލިއަން ޑޯޒް ޖެހި ނަމަވެސް އަދިވެސް ވެކްސިން ފުރިހަމަ ކުރި މީހުން ޖުމްލަ ނިސްބަތުން މަދުވުން ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.
އިންޑިއާގެ ކޮވިޑް ވެކްސިނުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ވެކްސިން ފުރިހަމަ ކޮށްފައި ވަނީ ވެކްސިން ޖެހޭ އާބާދީގެ 30އިންސައްތަ މީހުންނެވެ. އަދި ވެކްސިން ޖެހޭ އާބާދީގެ 74 އިންސައްތަ މީހުން އަދި ޖެހީ އެންމެ ޑޯޒެކެވެ.
އިންޑިޔާއިން ކޮވިޑް-19 ވެކްސިނުގެ އާ "މައިލްސްޓޯނެއް" ހާސިލްކޮށްފައިވީ ނަމަވެސް އެގަައުމުގައި އަޅައިފައިވާ ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުން އިތުރު ސާޖެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް އިންޑިއާގެ ސިއްހީ މާހިރުން ބުނެއެވެ.
ކޮވިޑް-19ގެ ސަބަބުން އެންމެ ހާލަތު ގޯސްވި ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނޭއިރު އެ ގައުމުން ވަނީ މިބަލީގައި ގިނަ ބަޔަކު މަރުވެފައެވެ.