އުއްމީދަކީ މަހުމޫދުގެ ތަހުގީގު ޝިމާގެ ތަހުގީގަށްވީ ގޮތަށް "އާތްވަށް" އަރައިގެން ނުދިއުން: ޝަރީފް

އުންމީދަކީ މަރައިލި ، އދ.ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ ތަހުގީގު ޝިމާގެ ތަހުގީގަށްވީ ގޮތަށް "އާތްވަށް" އަރައިގެން ނުދިއުން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރައިލީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް) އެކަނި ކަމަށް ގަބޫލުކުރަން ދަތި ކަމަށް އޭނާގެ އާއިލާއިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝަރީފް ވިދާޅުވީ މަހްމޫދު މަރައިލީ ސާލިމް އެކަނިކަމަށް އާއިލާއަށް ގަބޫލު ނުކުރެވޭ ސަބަބުތަކާ މެދު ފުލުހުން އިތުރަށް ސަމާލުވެ ތަހްގީގު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި މަހްމޫދުގެ ތަހްގީގު ލ. އަތޮޅު ޝިމާގެ ތަހްގީގަށް ވީގޮތަށް "އާތްވަށް" އަރައިގެން ނުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝިމާ ގެއްލިފައި ވަނީ ޑިންގީއެއްގައި ލ. އަތޮޅު ކައްދުއިން އެ އަތޮޅު މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އޭނާ ގެއްލުނުތާ ދެ އަހަރުވީއިރު ވެސް އެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.